އަސްކަރީ ގާބިލުކަން ދައްކައިދޭ ވީޑިއޯއެއް އާންމުކޮށް ސައޫދީގެ އިންޒާރެއް އީރާނަށް
20 މާރިޗު 2026 - 04:41

މާރިޗު 18 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ދިން ބެލިސްޓިކް މިސައިލް ހަމަލާއާ ގުޅިގެން، އެގައުމުގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސައުދު އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވާފައިވާއިރު، ސައޫދީގެ އަސްކަރީ ގާބިލުކަން ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށް ސައޫދީން އީރާނަށް އިތުރު އިންޒާރެއް ދީފިއެވެ.
މި "ވީޑިއޯ އިންޒާރު" އަކީ އެމެރިކާ-އިސްރާއީލް-އީރާން ހަނގުރާމައިގެ (އޮޕަރޭޝަންސް ރޯރިންގ ލަޔަން އަދި އެޕިކް ފިއުރީ) އާ މިސްރާބަކަށް ވެދާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

Ad by Hajj Corporation
މި ވީޑިއޯގައި ސައޫދީގެ އެއްގަމާއި، ކަނޑާއި އަދި ވައިގެ ގާބިލުކަން ދައްކުވައިދޭ މަންޒަރުތައް ހަނގުރާމައިގެ ވަސީލަތްތައް ފެންނާނެހެން ވަނީ ހިމަނާފައެވެ.
މި ވީޑިއޯގެ ކުރީން، މާރިޗު 19 އިން 20 އަށް ޓީވީ މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ޕްރިންސް ފައިސަލް ވިދާޅުވީ، އީރާނަށް އޮތް ކުޑަވެސް އިތުބާރެއް މިހާރު މުޅިން ގެއްލިފައިވާ ކަމަށާއި، ދެން ޑިޕްލޮމަސީއަކީ އޮތް މަގެއް ކަމަށް ސައުދީން ނުދެކޭ ކަމަށެވެ.
ރިޔާޟުގައި ބޭއްވި އަރަބި އަދި އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމަކަށްފަހު ދެއްވި މި ބަޔާނުގައި، ސައުދީ އަރަބިއްޔާއާއި ސަރަހައްދީ ބައިވެރިންގެ އަތުގައި ވަގުތުން ބޭނުންކުރެވޭ ފަދަ ވަރުގަދަ އަސްކަރީ ގާބިލުކަން އެބަހުރިކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
"އަހަރެމެންގެ ކެތްތެރިކަމަކީ ނިމުމެއް ނެތް އެއްޗެއް ނޫން. އަހަރެމެންގެ ރޭވުންތައް ކުރިއާލާ ހާމައެއް ނުކުރާނަން—އީރާނަށް އޮތީ އެއް ދުވަސްތޯ، ދެ ދުވަސްތޯ ނުވަތަ ހަފުތާއެއްތޯއެއް." ޕްރިންސް ފައިސަލް ވިދާޅުވެފަވެއެވެ.
އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާގެ ދަށުން އަމިއްލަ ދިފާއުގައި އަސްކަރީ ފިޔަވަޅު އެޅުމުގެ ހައްގު ސައުދީއަށް ލިބިގެންވާކަން ފާހަގަކުރައްވަމުން، މިއީ ހަމައެކަނި ދިފާއީ ހާލަތުން ހަމަލާ ދިނުމުގެ ހާލަތަކަށް ބަދަލުވުމުގެ އިޝާރާތެއް ކަމަށް މުހައްލިލުން ބުނެއެވެ. މި އިންޒާރަކީ މާރިޗު 18 ގައި އީރާނުން ފޮނުވާލި މިސައިލް އަދި ޑްރޯން ހަމަލާތަކަށް ދިން ސީދާ ރައްދެކެވެ. އެ ހަމަލާތައް ދީފައިވަނީ ސަރަހައްދުގެ ޚާރިޖީ ވަޒީރުން މަޝްވަރާތަކަށް އެއްވެ ތިއްބަވަނިކޮށެވެ.
ރިޔާޟް މަތިން ހުއްޓުވި މިސައިލްތަކުގެ ބައިތައް ވެއްޓިފައިވަނީ ސިޓީގެ ދެކުނުގައި އޮންނަ ބޮޑު ރިފައިނަރީއެއްގެ ކައިރިއަށެވެ. ސައުދީ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ޑިޕްލޮމެޓިކް ބައްދަލުވުމެއް ހިނގަމުންދަނިކޮށް ވެރިރަށަށް އަމާޒުކޮށް ހަމަލާދިނުމަކީ، އީރާނުން ބައިނަލްއަގުވާމީ ހުރިހާ އުސޫލުތަކެއް ދޫކޮށްލާފައިވާކަމުގެ ސާފު ހެއްކެކެވެ. މި ހާދިސާއާ ގުޅިގެން ސައުދީ ރޯޔަލް އެއަރ ފޯސް (RSAF) އިން އެމެރިކާއާއި އިސްރާއީލާ ގުޅިގެން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ބެލެވެއެވެ.
މި ބަދަލާއެކު، ސައުދީއާއި ޔޫއޭއީން ކުރިން ގެންގުޅުނު ދިފާއީ ސިޔާސަތު ދޫކޮށް، ސީދާ އަސްކަރީ ބައިވެރިވުމަކަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ރިޔާޟް ސަމިޓުގައި ބައިވެރިވި ތުރުކީ، ޕާކިސްތާން އަދި މިސްރު ފަދަ ގައުމުތަކުން ވެސް ވަނީ އީރާނުގެ އުދުވާންތައް ކުށްވެރިކޮށް، ސައުދީއަށް ތާއީދުކޮށްފައެވެ. މިއީ ސަރަހައްދީ ހަނގުރާމައެއްގެ މިސްރާބު މުޅިން ބަދަލުވެގެން ހިނގައިދާނެ ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އަންދާޒާކުރެއެވެ.


