ވެރިން އަވަހާރަކޮށްލައިގެން ވެރިކަން ވައްޓާލެވޭނެކަމަށް ދުށުމީ ބޮޑު ކުށްހީއެއް: އީރާން
20 މާރިޗު 2026 - 16:26

އީރާނުގެ އިސްވެރިންނަށް އަމާޒުކޮށްގެން ދެމުންދާ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން އިސްލާމީ ޖުމްހޫރިއްޔާ ރޫޅާނުލެވޭނެ ކަމަށާއި، ވެރިން އަވަހާރަކޮށްލައިގެން ވެރިކަން ވައްޓާލެވޭނެ ކަމަށް ދެކޭ ދެކުމަކީ ބޮޑު "ކުށްހީއެއް" ކަމަށް އީރާނުގެ އައު މުރްޝިދު ނުވަތަ ސުޕްރީމް ލީޑަރު އާޔަތުﷲ މުޖްތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ.
2026 ވަނަ އަހަރުގެ މާރިޗު މަހު ފާހަގަކުރި އީރާނުގެ އައު އަހަރު (ނައުރޫޒް) އާ ގުޅިގެން ދެއްވި ޚާއްޞަ ބަޔާނެއްގައި މުޖްތަބާ ޚާމަނާއީ ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން ގެންގުޅޭ މި އުކުޅަކީ އީރާނުގެ ދައުލަތް ބިނާވެފައިވާ ގޮތް ނޭނގި ކުރާ ކަމެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އީރާނުގެ ސަރުކާރު ބިނާވެފައިވަނީ ވަކި ފަރުދުންގެ މައްޗަށް ނޫންކަމަށާއި، އެއީ ވަރުގަދަ މުއައްސަސާތަކާއި ރައްޔިތުންގެ ފުރިހަމަ ތާއީދުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ނިޒާމެކެވެ.

Ad by Hajj Corporation
މި ބަޔާނަކީ 2026 ފެބްރުއަރީ 28 ގައި އޭނާގެ ބައްޕާފުޅު އަދި ކުރީގެ މުރްޝިދު ޢަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން އީރާނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ދެއްވި މުހިންމު ބަޔާނެކެވެ. ޢަލީ ޚާމަނާއީ އަވަހާރަވީ ތެހެރާންގައި ހުންނަ އޭނާގެ މަރުކަޒަށް ދިން ވައިގެ ޙަމަލާއެއްގައެވެ. މީގެ އިތުރުން ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޢަލީ ލަރީޖާނީ މާރިޗު 17 ގައި ދިން ޙަމަލާއެއްގައި އަވަހާރަވެފައިވާއިރު، ރިވޮލިއުޝަނަރީ ގާޑްސް (އައި.އާރު.ޖީ.ސީ) ގެ އިސް ޖެނެރަލުންނާއި އަސްކަރީ އިސްވެރިންތަކެއްވެސް ވަނީ އެކި ޙަމަލާތަކުގައި އަވަހާރަވެފައެވެ.
އައު މުރްޝިދު މުޖްތަބާ ޚާމަނާއީ އިތުރަށް ވިދާޅުވީ، ކުރީގެ މުރްޝިދު އަވަހާރަވުމަށްފަހު އައު މުރްޝިދަކު އައްޔަންކުރެވުނު މުއްދަތުގައިވެސް، ޤައުމުގެ އިދާރީ ހިންގުމާއި އަސްކަރީ ކަންކަން އެއްވެސް މެދުކެނޑުމެއްނެތި ހަރުދަނާކަމާއެކު ކުރިއަށްދިޔަ ކަމަށެވެ. މިއީ އީރާނުގެ ނިޒާމުގެ ހަރުދަނާކަން ހާމަކޮށްދޭ ހެއްކެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ބަޔާނުގައި އޭނާ ވަނީ ރައްޔިތުންގެ އެއްބައިވަންތަކަމަށް ވަރަށް ބޮޑަށް ގޮވާލައްވާފައެވެ. ޤައުމުގެ އިސްވެރިން ގެއްލިގެންދިޔަ ނަމަވެސް، އީރާނަކީ ސާބިތުކަމާއެކު އޮތް ދައުލަތެއްކަން ދުނިޔެއަށް ސާބިތުކޮށްދިނުމަށްޓަކައި، ހިތްވަރާއި ކެތްތެރިކަން އިސްކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ.
ޢަލީ ޚާމަނާއީ އަވަހާރަވުމާއެކު، އީރާނުގެ އެސެމްބްލީ އޮފް އެކްސްޕާޓްސްއިން ވަނީ އޭނާގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ އަވަސް ގޮތެއްގައި މުރްޝިދުގެ މަޤާމަށް އައްޔަންކޮށްފައެވެ. އެމެރިކާއާއި އިސްރާއީލުން މި ޙަމަލާތަކުގެ މަޤްޞަދަކީ އީރާނުގެ ސަލާމަތީ ބާރުތައް ބަލިކަށިކޮށް ރައްޔިތުންގެ ތެދުވުމަކަށް މަގުފަހިކުރުން ކަމަށް ބުނި ނަމަވެސް، އީރާނު ސަރުކާރުން ވަނީ އެޤައުމުގެ އަސްކަރީ އޮނިގަނޑު ބަދަލެއްނެތި ދެމިއޮތްކަމަށް ބުނެފައެވެ. އަދި މި ޙަމަލާތަކުގެ ބަދަލު ވަރުގަދައަށް ހިފާނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައެވެ.


