ޝާމިލު މުޖުތަމައެއް ބިނާކުރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން: މެޑަމް ސާޖިދާ
21 މާރިޗު 2026 - 09:59

ޝާމިލު މުޖުތަމައެއް ބިނާކުރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށް ފަސްޓް ލޭޑީ ސާޖިދާ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަހާ ގުޅިގެންއެކަމަނާ ވަނީ، މުޖުތަމައުގެ ތެރޭގައި އެންމެން ބައިވެރިކުރުމާއި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައެވެ.
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ކޮންމެ މީހަކީވެސް ދިރިއުޅުމުގައި ތަޖުރިބާ ކުރަން ޖެހޭ ކަންކަން ތަފާތު މީހެއް ކަން ފާހަގަކުރައްވާފައެވެ. އަދި އެތަފާތު ކަމަކީ އެމީހާގެ ބަލިކަށިކަމެއް ނޫންކަމަށް ވިދާޅުވިއެވެ. މި ތަފާތު ތަކަކީ ދުނިޔެ އިތުރަށް ފުރިހަމަކޮށްދޭ އެއް ސަބަބު ކަމުގައިވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ޑައުންސިންޑްރޯމް ހުންނަ ކުދިންނާއި މީހުންނަށް މުޖުތަމައުގެ ތެރެއިން ބައެއް ފަހަރު އެކަހެރިކުރުމާއި ތަފާތުކުރުމާއި ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވާ ފަސްޓް ލޭޑީ ވިދާޅުވީ، ޑައުންސިންޑްރޯމް ހުންނަ މީހުންނަށް ގިނަ ފަހަރަށް އެކަނިވެރިކަމާއި ތަފާތުކުރުމާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެމީހުންގެ ކިބައިން ފެންނަނީ ލޯތްބާއި، އޯގާތެރިކަމާއި، ކެތްތެރިކަން ކަމަށެވެ.
ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަސް ފާހަގަކުރާއިރު، ކޮންމެ މީހަކީވެސް އަގުވަޒަންކުރެވޭ، އަދި މުޖުތަމައުގެ ތެރޭގައި ބައިވެރިވުމުގެ ފުރުސަތު އޮތް މީހަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި އެކަކު އަނެކަކަށް އަޅާލުމާއި، އެކަކުވެސް ބާކީނުވާނެ ފަދަ މުޖުތަމައެއް ބިނާކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދުގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، ކޮންމެކަމެއްގައިވެސް ޑައުންސިންޑްރަމް ކުދިން ބައިވެރިކުރުވުމަކީ އިޙްތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ އެ މީހުންނަށްވެސް ލިބިފައިވާ ހައްގެއް ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައެވެ. އދ. އިން ޑައުން ސިންޑްރޯމް ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރުމަށް އިޚްތިޔާރުކޮށްފައިވަނީ، ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ހަށިގަނޑުގައި 21 ވަނަ ކްރޮމޯޒޯމްގެ 3 ކޮޕީ ހުންނާތީއެވެ.

Ad by Hajj Corporation


