ހަގީގަތް ހޯދައި، މައުލޫމާތު ފެތުރުމުގައި އޭގެ ސައްހަކަން ކަށަވަރުކުރަންވާނެ: މެޑަމް ސާޖިދާ
3 މޭ 2026 - 06:53

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ މެސެޖެއް ދެއްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށާއި، ކޮރަޕްޝަން ނައްތާލުމުގައި، އަދި ޑިމޮކްރަސީގެ އުސޫލުތައް ދެމެހެއްޓުމުގައި ދައުރު ބޮޑުކަމަށެވެ. އަދި މިއަދަކީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި، ވަކިފަރާތަކަށް ނުޖެހޭ މިނިވަން ނޫސްވެރިންގެ ފަންނީ އަޚްލާގީ މިންގަނޑުތަކާ މެދު ފުންކޮށް ވިސްނާލަންވީ ދުވަހެއް ކަމަށެވެ.

Ad by Hajj Corporation
ނޫސްވެރިކަމުގެ އަސާސީ އުސޫލުތަކަށް ބޯލަނބައި، ޒިންމާދާރު ނޫސްވެރިކަމަކަށް މަގުފަހިވާނޭ ފަދަ މާހައުލެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، މީގެ ތެރޭގައި ހަގީގަތް ހޯދުމާއި، މައުލޫމާތު ފެތުރުމުގައި އޭގެ ސައްހަކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.
އަދި އިންސާފުވެރިކަމާއި ވަކިފަރާތަކަށް ނުޖެހި ޚަބަރުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްވެސް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
މެޑަމް ސާޖިދާގެ މެސެޖުގައި، ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، މައުލޫމާތު މުއްސަނދިކޮށް މުޖުތަމައުގެ އަޑުތައް އިއްވުމަށްޓަކައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވާ އެންމެހައި ނޫސްވެރިންނަށާއި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދުވަހުގެ ހެޔޮއެދުންތައް ވަނީ ފޮނުއްވާފައެވެ.
ކޮންމެ އަހަރެއްގެ މޭ މަހުގެ 3 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސީ އުސޫލުތައް ކުރިއަރުވައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކުރުމެވެ.


