ތެޔޮ ރައްކާކުރާނެ ތިން ސަރަހައްދެއް ރާއްޖޭގައި ގާއިމުކުރަނީ
23 މާރިޗު 2026 - 05:37
.jpg&w=3840&q=75)
ތެޔޮ ރައްކާކުރާނެ ތިން ސަރަހައްދެއް ރާއްޖޭގައި ގާއިމުކުރަން ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހޫޜިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Ad by Hajj Corporation
ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިނުވާނެކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން މިފަހުން ވެސް ތެލުގެ އައު ޝިޕްމެންޓެއް ގެނެސްފައިވާއިރު، އަންނަ މަހުވެސް އިތުރު ޝިޕްމެންޓުތައް ގެނައުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަން ހާމަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ރައްޔިތުންނަށް ކުރާ މިންވަރު ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގައި އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުންވެސް ހިމެނޭ ކަމަށާއި، ތެލުގެ ސްޓޮކް ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓެމުންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު، ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާކުރެވޭގޮތަށް ތެލުގެ ރިޒާވްއެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވެސް ވަނީ ހާމަކުރައްވާފައެވެ. ދުނިޔޭގެ މަޝްރަޙުގައި ހިނަގމުންދާ ހަމަނުޖެހުންތައް ޚާއްސަކޮށް މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގަށް ދަނީ ބަދަލުތަކެއް އަންނަމުންނެވެ. އަދި ތެޔޮ ލިބުމުގައި ދަތިވެ ތެލުގެ އަގު ދަނީ ބޮޑުވަމުންނެވެ.
އެހެންކަމުން މިގޮތަށް އަންނަ ކުއްލި ބަދަލުތަކަށް ތައްޔާރުވެ ތިބުމަށް ރާއްޖޭގައި ތެލުގެ ރިޒާވްއެއް ޤާއިމްކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާކުރެވޭގޮތަށް ރައީސްގެ އިރުޝާދުގެ ދަށުން ތެލުގެ ރިޒާވްއެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ މަޝްރޫޢު ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން އެމްއެމްއޭއާވެސް މަޝްވަރާ ކުރާނެކަމަށެވެ.
ވަޒީރު ވިދާޅުވީ، މި ރަޒާވް ޤާއިމްކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ 3 ސަރަޙައްދެއްގައިކަމަށެވެ. އަދި މިއީ 1 އަހަރު ދުވަހަށް ރާއްޖެއަށް ބޭނުންވާނެ ވަރަށް ތެޔޮ ރައްކާކޮށްފައި ބެހެއްޓޭނެ ނިޒާމަކަށް ވާނެކަމަށެވެ.
ރާއްޖެއަަށް ތެޔޮ ގެންނަނީ މެދުއިރުމަތީގެ ސަރަޙައްދުންނެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެ ސަރަޙައްދު މި ވަގުތު ބަންދުކޮށްފައިވުމުން ތެޔޮ ލިބޭނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ސަރުކަރުން ދަނީ ކުރަމުންނެވެ.
ރާއްޖެއަށް ތެޔޮ ގެނެސް ރައްކާކޮށްފައި މިހާރު ހުންނަނީ މާލެ ކައިރީގައި އޮންނަ ފުނަދޫގައެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ އެ ނިޒާމް ތިލަފުއްޓަށް ބަދަލުކުރަން ނިންމަވާފައެވެ. އާންމު ޚިދުމަތްތައް ދޭ ތަންތަނަށާއި، ރިސޯޓްތަކަށާއި، އަދި އަމިއްލަ ފަރާތްތަކަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލް ފޯރުކޮށްދެނީ ފުނަދޫ ޓާމިނަލުންނެވެ. މި ޓާމިނަލްގެ ކެޕޭސިޓީއަކީ ޑީސަލް 291,000 ފީފާ އަދި 59،000 ފީފާގެ ޕެޓްރޯލްއެވެ. މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށާއި ރާއްޖޭގެ އެހެނިހެން އެއާޕޯޓްތަކަށް ބޭނުންވާ ޖެޓް ފިއުލް ފޯރުކޮށްދެނީ އެސްޓީއޯއިންނެވެ.


