އިސްރާއީލުގެ ރައީސަކީ "ބަލިކަށި އަދި ދަށުދަރަޖައިގެ މީހެއް": ޓްރަމްޕް
23 މާރިޗު 2026 - 09:24

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލުގެ ރައީސް އިސްހާގު ހަރުޒޮގަށް ވަރުގަދަ ހަމަލާތަކެއް އަމާޒުކުރައްވައި، އޭނާއަކީ "ބަލިކަށި އަދި ދަށުދަރަޖައިގެ" ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ.
އާދީއްތަ ދުވަހު ދެއްވި ބަޔާނެއްގައި ޓްރަމްޕް ވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މާފުދެއްވާނެ ކަމަށް ވިދާޅުވި ވައުދާ ހަރުޒޮގް ހިލާފުވެވަޑައިގެންފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

Ad by Hajj Corporation
އިސްރާއީލުގެ ޗެނަލް 14 އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، "އޭނާ (ނަތަންޔާހޫއަށް) މާފުދެއްވާނެ ކަމަށް އެއްފަހަރަށްވުރެ ގިނަ ފަހަރު އަޅުގަނޑު ގާތު ވިދާޅުވި، ނަމަވެސް އޭނާ އަޅުގަނޑަށް ހެއްދެވީ އިތުރުފުޅެއް،" ކަމަށެވެ. އަދި ހަރުޒޮގަކީ ލީޑަރެއް ނޫން ކަމަށާއި، އޭނާއަކީ ބޭކާރު މީހެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަކުރައްވާފައެވެ.
ނަތަންޔާހޫގެ މައްޗަށް ކުރިއަށްދާ ކޮރަޕްޝަނުގެ ޝަރީއަތަކީ ހަނގުރާމައިގެ މަސައްކަތްތަކަށް އޮތް ހުރަހެއް ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ނަތަންޔާހޫ މިވަގުތު ސަމާލުކަން ދޭންވީ ހަނގުރާމައަށެވެ. ނަތަންޔާހޫގެ މައްޗަށް ވަނީ މުއްސަނދި ވިޔަފާވެރިންނާއި މީޑިއާގެ އިސްވެރިންގެ އަތުން އެކި ކަހަލަ މަންފާތަކާއި ހަދިޔާ ހޯއްދެވި ކަމަށް ބުނާ ކޮރަޕްޝަނުގެ ގިނަ ދައުވާތަކެއް އުފުލާފައެވެ.
ނަމަވެސް އިސްރާއީލުގެ އިސް އޮފިޝަލަކު ވަނީ ޓްރަމްޕްގެ މި ވާހަކަތައް ދޮގުކުރައްވާފައެވެ. އެ އޮފިޝަލް ވިދާޅުވި ގޮތުގައި ހަރުޒޮގް އެފަދަ ވައުދެއް ދުވަހަކުވެސް ނުކުރައްވައެވެ. އަދި ޓްރަމްޕްގެ މުޝީރުން ގާތު ހަރުޒޮގް ވިދާޅުވީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް އެ ހުށަހެޅުމާ މެދު ވިސްނަވާނެ ކަމަށް އެ އޮފިޝަލް ހާމަކުރެއްވިއެވެ.
އީރާނާއެކު ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެމެރިކާގެ ސިފައިން އީރާނުގެ ތެލާއި ގޭހުގެ ވަސީލަތްތަކަށް ހަމަލާދިނުމަށް ނުވަތަ އެތަންތަން ހިފުމަށް ގަސްދުކުރާކަން ސާފުކޮށްދެއްވަން ޓްރަމްޕް ވަނީ އިންކާރުކުރައްވާފައެވެ. އޭނާ ވިދާޅުވީ މި މަރުހަލާގައި އެ ސުވާލަށް ޖަވާބު ނުދެއްވޭނެ ކަމަށެވެ.
މިދިޔަ ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 1,300 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ތެރޭގައި އީރާނުގެ އޭރުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ ރައްދުގައި އީރާނުން ވެސް ވަނީ އިސްރާއީލާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ.


