އީރާނާއެކު މަޝްވަރާތައް ފެށިއްޖެ، ހަކަތައިގެ މަރުކަޒަށްދޭ ހަމަލާތައް 5 ދުވަހަށް މެދުކަނޑާލައިފިން: ޓްރަމްޕް
23 މާރިޗު 2026 - 13:12

އީރާނު ހަނގުރާމައަށް ހަތަރު ހަފުތާ ފުރުނުއިރު، އެމެރިކާއިން އީރާނާއެކު ޑިޕްލޮމެޓިކް މަޝްވަރާތައް ފަށާފައިވާ ކަމަށާއި، އީރާނުގެ އިންޖީނުގެތަކާއި ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ދެމުންދާ ހަމަލާތައް ފަސް ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް ނިންމާފައިވާކަން ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު އިޢުލާނުކުރައްވައިފިއެވެ.
"އަޅުގަނޑު އުފަލާއެކު ދަންނަވަން، ވޭތުވެދިޔަ ދެ ދުވަހު އެމެރިކާއާއި އީރާނާ ދެމެދު، މެދުއިރުމަތީގައި އުފެދިފައިވާ ދެކޮޅުވެރިކަން މުޅިން ހައްލުކުރުމާ ގުޅޭގޮތުން ވަރަށް ރަނގަޅު އަދި ނަތީޖާ ނެރެވޭ ފަދަ މަޝްވަރާތަކެއް ކުރެވިއްޖެ،" ޓްރަމްޕްގެ 'ޓްރޫތް ސޯޝަލް' އެކައުންޓުގައި ހުރިހާ އަކުރެއް ބޮޑުކޮށް ލިޔުއްވާފައިވާ މެސެޖެއްގައި ވިދާޅުވިއެވެ.

Ad by Hajj Corporation
"މި ހަފުތާގެ ނިޔަލަށް ކުރިއަށްދާނެ މި ފުން، ތަފްސީލީ އަދި ބިނާކުރަނިވި މަޝްވަރާތަކުގެ މިސްރާބަށް ބަލައި، އީރާނުގެ އިންޖީނުގެތަކާއި ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ދޭން ހަމަޖެހިފައިވާ އެންމެހާ އަސްކަރީ ހަމަލާތައް ފަސް ދުވަހުގެ މުއްދަތަށް ފަސްކުރުމަށް އަޅުގަނޑު ޑިޕާޓްމަންޓް އޮފް ވޯއަށް އަންގައިފިން. މިއީ މިހާރު ކުރިއަށްދާ ބައްދަލުވުންތަކާއި މަޝްވަރާތައް ކާމިޔާބުވުމާ ގުޅިފައިވާ ކަމެއް." އޭނާ އިތުރަށް ވިދާޅުވެފަވެއެވެ.
ޓްރަމްޕް މި އިޢުލާނު ކުރަށްވާފައި ވަނީ ދުނިޔޭގެ ހަކަތައިގެ ކްރައިސިސްއެއް އަތުވެދާނެކަމުގެ ބިރު އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ޕާޝިއަން ގަލްފުގެ ހަކަތަ އުފައްދާ ތަންތަނަށް ދިން ހަމަލާތަކާ ގުޅިގެން ތެލާއި ގޭހުގެ އަގު އުފުލިފައިވާއިރު، ތެޔޮ އުފުލާ މުހިންމު މަގެއް ކަމަށްވާ ސްޓްރެއިޓް އޮފް ހޯމްޒްގެ ކޮންޓްރޯލް އީރާނުން ވަނީ ވަރުގަދަކޮށްފައެވެ.
ހޯމަ ދުވަހު ޓްރަމްޕް ކުރެއްވި ޕޯސްޓަށްފަހު ތެލުގެ އަގު ވަގުތުން ދަށަށް ދިޔައެވެ. އެގޮތުން ބައިނަލްއަގުވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު، އިޢުލާނު ކުރިތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި ގާތްގަނޑަކަށް 15 އިންސައްތަ ދަށަށް ދިޔައެވެ.
އެމެރިކާއާއެކު މަޝްވަރާތައް ކުރިއަށްދާކަމަށް ބުނާ ވާހަކަ އީރާނުގެ ފޮރިން މިނިސްޓްރީން ދޮގުކޮށްފައިވާ ކަމަށް، އީރާނުގެ ދައުލަތުގެ ނޫހެއް ކަމަށްވާ 'އީރާން' އާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކޮށްފައިވެއެވެ.
"އެމެރިކާގެ ރައީސްގެ ވާހަކަތަކަކީ ހަކަތައިގެ އަގު ދަށްކުރުމަށާއި އޭނާގެ އަސްކަރީ ރޭވުންތައް ތަންފީޒުކުރުމަށް ވަގުތު ހޯދުމަށް ކުރާ މަސައްކަތުގެ ބައެއް،" އޭޕީން ރިޕޯޓުކުރި ގޮތުގައި އެ ނޫހުގައި ބުނެފައިވެއެވެ.
"މަސްރަހު ފިނިކުރުމަށް ސަރަހައްދީ ގައުމުތަކުން އިސްނަގައިގެން މަސައްކަތްތަކެއް ކުރަމުންދާއިރު، އީރާނުގެ ޖަވާބު ސާފު: މި ހަނގުރާމަ ފެށީ އީރާނަކުން ނޫން، އަދި މިފަދަ ހުރިހާ އެދުންތަކެއް އަމާޒުކުރަންޖެހޭނީ ވޮޝިންޓަނަށް." އެ ނޫހުގައި އިތުރަށް ރިޕޯޓުކޮށްފަވެއެވެ.
ހޯމަ ދުވަހު ފަހުން ކުރެއްވި 'ޓްރޫތް ސޯޝަލް' ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ "މަގްސަދުތައް ހާސިލުވުމާ ވަރަށް ގާތްވެފައިވާ" ކަމަށާއި، އީރާނު ހަނގުރާމައިގައި އެމެރިކާގެ ބައިވެރިވުން "ނިމުމަކާ ގާތްވަމުންދާ" ކަމަށް ޓްރަމްޕް ވިދާޅުވެފަވެއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފެށި ފަހުން، އެމެރިކާގެ ސިފައިންގެ 13 މީހަކު މަރުވެ، މަދުވެގެން 200 މީހުން ވަނީ ޒަޚަމްވެފައެވެ. އީރާނުގެ އޮފިޝަލުން ބުނާ ގޮތުގައި އެ ގައުމުން 1,500 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އެ ގައުމުން މަދުވެގެން 1,000 މީހުން ވަނީ މަރުވެފައެވެ.


