ހިޔާރޯދީގައި ރޯކޮށްލިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
23 މާރިޗު 2026 - 17:52
.jpg&w=3840&q=75)
މާލޭގެ ގަލޮޅު މޯޗަރީ ކައިރީގައި ހުންނަ ގ. ހިޔާރޯދިގޭގައި މިދިޔަ ބުދަ ދުވަހު ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، 2026 މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު އެ ގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، ޙުސައިން ޝަޙްބާން (29އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާރިޗު 22 ވަނަ ދުވަހުގެ ރޭގައެވެ.

Ad by Hajj Corporation
ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގުމުގެ ކުޑަވަގުތުކޮޅެއް ކުރިން މީހަކު އެ ގެއަށް ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އެކްސްގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ކަޅު ކުލައިގެ ވޭވް ސައިކަލެއްގައި، ކަޅު އަވި އައިނެއް އަޅައިގެން ހުދާއި ކަޅު ކުލައިގެ ގޮޅިޖެހި ގަމީހެއް ލައިގެން ހުރި މީހަކު ގޮސް ސައިކަލު ޕާކުކުރުމަށްފަހު އެ ގެއަށް ވަންނަ މަންޒަރެވެ.
އެ މީހާ އެ ގެއަށް ވަދެފައިވަނީ ހެނދުނު 10:33 ގައެވެ. އަދި އޭގެ ހަ މިނެޓު ފަހުން، 10:39 ގައި އޭނާ އެ ގެއިން ނުކުމެގެންދާތަން ފެނެއެވެ.
ގުދަނެއްގެ ގޮތުގައި ބޭނުންކުރާ އެ ތަނުގައި ރޯވެގެން ދުން އަރާތަން ފެނިގެން މީހުން ހަރަކާތްތެރިވާން ފަށާފައިވަނީ 10:43 ހާއިރު ކަމަށް ވީޑިއޯއިން ދައްކައެވެ.


