ހިތަދޫ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ މައްސަލަތަކަށް ފުރިހަމަ ހައްލެއް ހޯދައިދޭނަން: މުޝްރިފް
24 މާރިޗު 2026 - 05:31

އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކޮށްފައިވާ ފުލެޓު ތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެކި ގޮތްގޮތުން ދިމާވެފައިވާ ދުވަސްވީ މައްސަލަތަކަށް ދާއިމީ އަދި ފުރިހަމަ ހައްލެއް ގެނެސްދެއްވާނެ ކަމަށް ޕީއެންސީގެ ޓިކެޓުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ މުޝްރިފް އަލީ ވިދާޅުވެއްޖެއެވެ.
މުޝްރިފްގެ ކެމްޕޭން އެކައުންޓުތަކުން މިއަދު އާންމުކުރި ވީޑިއޯއެއްގައި އޭނާ ވިދާޅުވީ އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅުނު ނަމަވެސް އެއީ ދިރިއުޅުމަށް ދަތި، އެތައް މައްސަލަތަކެއް ތަކުރާރުކޮށް ދިމާވަމުންދާ ތަނެއް ކަމަށެވެ. އޭނާ ވެސް އެ ސަރަހައްދުގައި ދިރިއުޅުއްވާތީ، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އިހުސާސްތައް ފުރިހަމައަށް އެނގިލައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Ad by Hajj Corporation
އެގޮތުން ފްލެޓުތަކުން ފެން ލީކުވުމުގެ މައްސަލައާއި ސާފު ފެން ނުލިބުމުގެ މައްސަލަ އަދި ވިއްސާރަ ދުވަސްވަރު މުޅި ސަރަހައްދުގައި ފެންބޮޑުވެގެން ކުރިމަތވާ ދަތިތައް މުޝްރިފް ހާއްސަކޮށް ފާހަގަކުރި އެވެ. ފްލެޓުތައް ހުރީ މޫދާ ކައިރި ސަރަހައްދެއްގައި ކަމުން ލޮނުގެ އަސަރުކޮށް އާންމުންގެ އަގުބޮޑު މުދަލަށް އެތައް ގެއްލުމެއް ވެފައިވާކަން ވެސް އޭނާ އާންމުކުރި ވީޑިއޯގައި ފާހަގަކުރައްވާފައިވެ އެވެ.
"މި ސަރަހައްދުގައި އުޅޭ ރައްޔިތުން ކުދިންނާއެކު ގޮސް ހިތް އުފާކޮށްލަން މަޑުކޮށްލާނެ އެއްވެސް ތަނެއް މި ސަރަހައްދަކު ނެތް. ކުރިން މި ތަނުގައި ޕާކެއް އޮތް. ނަމަވެސް އެތަން ވެސް މިއަދު އޮތީ ވަރަށް ބޮޑު މަރާމާތަކަށް ބޭނުންވެފަ. މީގެ އިތުރުން، މިއޮއް ބޮޑު ފުލެޓު ސަރަހައްދުގައި ގަސް ވަރަށް މަދުކަން ފާހަގަވޭ. މިތަން ފެހި ކުރުމަކީ ހަގީގަތުގައި ވަރަށް މުހިންމު ކަމެއްކަން އެންމެންވެސް ގަބޫލުކުރޭ،" މުޝްރިފް ވިދާޅުވި އެވެ.
މުޝްރިފް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އޭނާ އަދި 'ދަ ގްރޭޓާ' އައްޑޫގެ ޓީމު ހޮވައިދީފިނަމަ މި މައްސަލަތަކަށް ހާއްސަ ސަމާލުކަމެއްދީގެން ހައްލުކޮށްދޭނެ ކަމަށެވެ.
"މީގެ އިތުރުން، މި ތަނަކީ މި ތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ. ހިތްހަމަޖެހޭ ތަނަކަށް މިތަން ހަދައިދޭނަން،" މުޝްރިފް ވިދާޅުވި އެވެ.
އިތުރު މައުލޫމާތު ހޯދުމަށް މުޝްރިފް އަށް ގުޅާލުމުން އޭނާ ވަނީ އައްޑޫގެ ހުރިހާ އަވަށެއްގައި ހުރި ފުލެޓުތައް ވެސް ހުރީ މިފަދަ ހާލަތެއްގައިކަން ފާހަގަކުރައްވާފަ އެވެ. އެތަންތަން މި ހާލަތަށް ދިޔައީ އެތައް އަހަރެއްގެ އިހުމާލުންނެވެ. މުޝްރިފްގެ އުންމީދަކީ އައްޑޫގެ ހުރިހާ ފުލެޓުތަކައް ދިމާވެފައިވާ މައްސަލަތަކަށް ފުރިހަމަ ހައްލެއް ހޯދުމެވެ.


