މިނާގައި ދިވެހިން ތިބޭ ފޭލިގެތައް ތައްޔާރުކުރަން ފަށައިފި
25 މާރިޗު 2026 - 04:08

މިއަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން މިނާގައި ދިވެހިން ތިބޭ ފޭލިގެތައް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ޙައްޖު ކޯޕަރޭޝަނުން ފަށާފައިވާއިރު، ޙައްޖުވެރިންނަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު އަހަރަކަށް ފަހު އަހަރެއް ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް، ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް ޢަލީ ޝަރީފް ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އިންތިޒާމުތައް ތަފާތުވެފައި ރަނގަޅުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޙައްޖުގެ މަޝާއިރުތަކުގެ ތެރެއިން އެންމެ ގިނަ ދުވަސް ހޭދަކުރަންޖެހޭ ތަނަކީ މިނާއެވެ. އެހެންކަމުން މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ދާނެ ޙައްޖުވެރިން މިނާގައި ތިބޭ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިނާގެ ފޭލިގެތަކުގައި ތިބޭއިރު އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހެނީ ފާޚަނާގެ ކަންކަމުގައެވެ.

Ad by Hajj Corporation
އެކަން ޙައްލުކުރުމުގެ ގޮތުން، ދިވެހިންނަށް ޚާއްސަކޮށްގެން މިދިޔަ އަހަރަށްވުރެ ފާޚާނާ ބަރިތައް އިތުރުވާނެކަމަށް ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް ޢަލީ ޝަރީފް ވިދާޅުވިއެވެ. އާންމު ގޮތެއްގައި މިނާގެ ފޭލިގެތަކުގައި 1000 ހާޖީންނަށް ލިބެނީ 6 ފާޚާނާކަން ފާހަގަކުރައްވާ އަލީ ޝަރީފް ވިދާޅުވީ މިފަހހަރު ދިވެހިން ޙާއްޖީންނަށް ޚާއްސަކޮށްގެން 60އެއްހާ ފާޚާނާ ޤާއިމްކުރާނެކަމަށެވެ. އަދި އެއީ އަންހެނުންނާއި ފިރިހެނުންނަށް ވަކިވަކިން ތައްޔާރުކުރާ ތަންތަންކަމަށް އޭނާ ވިދާޅުވިއެވެ. ފާޚަނާގެ އިތުރުން ވުޟޫކުރުމަށް ޚާއްސަ ތަންތަންވެސް ހުނާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިނާގެ ފޭލިގެތައް މިހާރު ތައްޔާރު ކުރުމުން ދާއިރު ދިވެހިންނަށް ކެއުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ބަދިގެއެއް ތައްޔާރުކުރަމުންދާކަމަށް ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
މިނާ އަދި ޢަރަފާތުގައި ދިވެހި ހައްޖާޖީންނަށް ދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށް ރަވާފް މިނާއާއެކު މިދިޔަ އަހަރުގެ ނޮވްމެބަރު މަހު ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ހައްޖާޖީންނަށް، މިނާ އަދި އަރަފާތުގައި އެންމެ ފެންވަރު ރަނގަޅު ހިދުމަތް ދިން އަހަރެވެ.
ޙައްޖު މަހުގެ 8 ވަނަ ދުވަހު މިނާގައި މަޑުކުރުމަށްފަހު ޢަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާވެސް އެނބުރި ދާން ޖެހެނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަސްވެސް ހޭދަކުރަނީ މިނާގައެވެ. މިނާއަކީ މުސްލިމުންނަށް ވަރަށް ބޮޑު ތާރީޚެއް އޮތް ތަނެކެވެ.
އެހެންކަމުން މިނާގައި އެތައް މިލިއަން ބަޔަކު ތިބޭއިރު އެއީ ފަސޭހަ ކަމެއްވެސް ނޫނެވެ. ދިވެހި ޙައްޖާޖީންވެސް މިހާތަނަށް މިނާގެ ފޭލިގެތަކުގައި ތިބެނީ އެހެން ބައެއް ޤައުމުތަކުގެ ޙާޖީންނާއެކުއެވެ. ޙާޖީން ބޭނުންކުރާ ފާޚާނާތަކަކީވެސް އެހެން ޤައުމުތަކުގެ މީހުންވެސް ބޭނުންކުރާ ފާޚާނާތަކެކެވެ. އަދި މިނާގައި ތިބޭ ދުވަސްތަކުގައި ކެއުމުގެ އިންތިޒާމުތަކަކީވެސް އުނދަގޫ އިންތިޒާމުތަކެކެވެ. ދިވެހި ކެއުންތައް ޙާޖީންނަށް ދިނުން އޮންނަނީ ދަތިކަމަކަށްވެފައެވެ. ނަމަވެސް މިދިޔަ ޙައްޖުގައި ދިވެހި ސަރުކާރުން ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ ދިވެހި ޙާޖީންނަށް މިނާގައި ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިވުމެވެ. މީގެ ކުރިން ދެމުން ދިޔަ "ސީ ކެޓަގަރީ"ގެ ޚިދުމަތުގެ ބަދަލުގައި މިދިޔަ އަހަރު ދިވެހި ޙާޖީންނަށް ޚިދުމަތް ލިބުނީ "ބީ ކެޓަގަރީ"ންނެވެ. މިއީ ދިވެހި ޙާޖީން މިނާގައި ހޭދަކުރާ ވަގުތުތަކަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނައިރު ސަޢޫދީ އެއާލައިންނާ އެކު ރާއްޖެއިން ޙައްޖަށްދާ މީހުންގެ %50 މީހުން ގެންދަން އެއްބަސްވުން އެކުލަވާލާފައިވެއެވެ. އަދި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ސަޢޫދީ ޢަރަބިއްޔާގެ އަލް އަބީރު ނޭޝަނަލް ހޮސްޕިޓަލާ އެކު އެއްބަސްވުމެއްވެސް އެކުލަވާލާފައެވެ.
ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ހައްޖު ދުވަހަކީ މެއި މަހުގެ 26 ވަނަ ދުވަހެވެ.


