1.5 މިލިއަނަށްވުރެ ގިނަ ހައްޖުވެރިން މިނާއިން އަރަފާތަށް ދިޔުމަށް ތައްޔާރު ވަނީ
25 މޭ 2026 - 20:14

ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ 1.5 މިލިއަނަށްވުރެ ގިނަ ހައްޖުވެރިން، ހައްޖުގެ ފުރަތަމަ ދުވަސް ކަމުގައިވާ ތަރްވިޔާ ދުވަހު މިނާގެ ފޭލިގެ ސިޓީއަށް ޖަމާވުމަށްފަހު އަރަފާތު ބިމަށް ދަތުރު ފަށައިފިއެވެ.
ހައްޖުވެރިން މިނާއަށް ދާން ފަށާފައިވަނީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތުން ފެށިގެން އިހްރާމް ބަނދެގެން ތިބެ "ލައްބައިކަﷲ ހުންމަ ލައްބައިކަ" ކިޔަމުންނެވެ.

Ad by Hajj Corporation
މައްކާގެ މަސްޖިދުލް ހަރާމްއާ ހަތް ކިލޯމީޓަރު ދުރުގައި އޮންނަ މިނާއަކީ ހަމައެކަނި ހައްޖު މޫސުމުގައި މީހުން ދިރިއުޅޭ ސަރަހައްދެކެވެ. ހައްޖުވެރިން މިނާގައި ތިބޭ ވަގުތުތަކުގައި ﷲއަށް ދުއާކުރުމާއި، ޛިކުރުކުރުމުގައި ވަގުތު ހޭދަކުރެއެވެ. ސައުދީ ސަރުކާރުން ވަނީ ހައްޖުވެރިންނަށް ބޭނުންވާ ސަލާމަތީ، ސިއްހީ އަދި ދަތުރުފަތުރުގެ ހުރިހާ އިންތިޒާމެއް އެންމެ ފުރިހަމައަށް ހަމަޖައްސާފައެވެ.
ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ސުންނަތާ އެއްގޮތަށް ހައްޖުވެރިން ތަރްވިޔާ ދުވަހުގެ މުޅި ދުވަހާއި ރޭގަނޑު ހޭދަކުރީ މިނާގައެވެ. މި ދުވަހަކީ ހައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ އަރަފާތް ދުވަހަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ދުވަހެކެވެ. ހައްޖުވެރިން މިނާގައި ތިބިއިރު މެންދުރު ނަމާދާއި، އަސްރު ނަމާދާއި، މަޣްރިބް ނަމާދާއި، އިޝާ ނަމާދުގެ އިތުރުން އަންގާރަ ދުވަހުގެ ފަތިސް ނަމާދު ކުރާނީ ގަސްރުކޮށް ވަކިވަކިންނެވެ.
އަންގާރަ ދުވަހުގެ އިރުއެރުމާއެކު ހުރިހާ ހައްޖުވެރިން މިނާ ދޫކޮށް އަރަފާތުގެ ބިމަށް މިސްރާބު ޖަހާނެއެވެ. މިގޮތުން ދިވެހި ހައްޖު މިޝަނުން ބުނިގޮތުގައި ދިވެހި ޙައްޖުވެރިން އަންނަނީ އަރަފާތު ބިމަށް ދިޔުމަށް ތައްޔާރުވަމުންނެވެ.
އަރަފާތް ދުވަހަކީ ހައްޖުގެ އެންމެ މަތިވެރި ރުކުން ކަމަށްވާ އަރަފާތުގައި މަޑުކުރުން (ވުގޫފް) އޮންނަ ދުވަހެވެ. މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އައި ހައްޖުވެރިންނާއެކު ސައުދީގެ އެތައް ހާސް ރައްޔިތުންނެއްވެސް ދަނީ ބައިވެރިވަމުންނެވެ.


