ޙާޖީން މިނާގައި، މިރޭ އަރާފަތަށް ދާން ފުރާނެ!
25 މޭ 2026 - 03:28

ދިވެހި ޙައްޖުވެރިން މިއަދު މިނާގައި މަޑުކުރުމަށް ފަހު، މިރޭ އަރާފަތަށް ދާން ފުރާނެއެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާދީއްތަ ދުވަހުގެ ރޭ ވަނީ، ރޭ މައްކާގަޑިން 9:30 ގައި ދިވެހި ޙާޖީން މިނާއަށް ދަތުރު ފަށާނެ ކަމަށް ވިދާޅުވެފައެވެ. ޙައްޖުގެ މައުލޫމާތު އެންމެ ތާޒާކަމާއެކު އަވަހަށް ވަގުތުން ގެނެސްދޭ ހަރަމައިން ނޫސް އެޖެންސީން ވަނީ ޙާޖީން މިހާރު ތިބީ މިނާގައި ކަމަށް ރިޕޯޓުކޮށްފައެވެ.

Ad by Hajj Corporation
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑޮކްޓަރ މުޙައްމަދު ޝަހީމް ވަނީ ހޯމަ ދުވަހުގެ ރޭ ޙާޖީން ޢަރަފާތަށް ދަތުރު ފަށާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ތާރީޚުގައި ވެސް ދިވެހި ޙާޖީންނަށް ލިބޭނެ އެންމެ މަތީ ޚިދުމަތާއި އެހީތެރިކަން ޙައްޖު ކޯޕަރޭޝަންއިން ދެމުން އަންނަ ކަމަށާއި މިނާއާއި ޢަރަފާތުގެ އިންތިޒާމުތައް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.
"ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހައި ޙާޖީންނަށް ތައުފީޤު ދެއްވާށި. އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުންނަށް ހިއްވަރާއި ޢަޒުމާއި ހެޔޮ ސިއްހަތު ދެއްވާށި." މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ޙައްޖު މިޝަންއިން ދަނީ ޙާޖީންގެ ކަންކަން ވަރަށް ގާތުން ބަލަމުންކަން ފާހަގަކުރައްވާ، ދިވެހި ސަރުކާރުން އަބަދުވެސް ޙާޖީންނަށް ގާތުން ޚިދުމަތް ދިނުމުގައި ދެމި އޮންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޙައްޖުމަހުގެ 8 ވަނަ ދުވަހުގެ އިރުއޮންސުނީއްސުރެ ޢަރަފާތްދުވަހުގެ ފަތިސްނަމާދަށް ގާތްވުމަށް ދާންދެން މިނާގައި މަޑުކުރުމަކީ ޙައްޖުގެ މުހިންމު މަނާސިކެކެވެ.
ޙާޖީން މިނާގައި މެންދުރުނަމާދާއި އަޞްރުނަމާދާއި މަޣުރިބުނަމާދާއި އިޝާނަމާދު އެނަމާދެއްގެ ވަޤުތުގައި ކުރާނެއެވެ. މިގޮތުން ކުރާ ނަމާދުތަކުގެ ތެރެއިން، 4 ރަކުޢަތުގެ ނަމާދު ޤަޞްރުކޮށް ކުރާނީ ދެ ރަކުއަތުންނެވެ. އެއަށްފަހު ހައްޖުމަހުގެ 9 ވަނަ ދުވަހުގެ ފަތިސްނަމާދު ކުރާނީއެވެ. އަދި 9 ވަނަ ދުވަހުގެ އިރު އެރުމުން ޢަރަފާތައް ދާނީއެވެ.
ރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ ރުކުންތަކުގެ ތެރެއިން އެންމެ މުހިއްމު އެއްރުކުނެވެ. މާތްނަބިއްޔާ ﷺ ހަދީޘް ކުރައްވައިފައި ވެއެވެ. (الْحَجُّ عَرَفَةُ) މާނައީ ހައްޖަވުމަކީ ޢަރަފާތުގައި ވުމެވެ.


