އިތުރު 1،500 ޓަނުގެ ގޭސް ރައްކާ ކުރެވޭ ފެސިލިޓީއެއް ތަރައްގީ ކުރަނީ
25 މާރިޗު 2026 - 12:07

އެސްޓީއޯއިން މާލެ ސަރަހައްދުގައި އިތުރު 1،500 ޓަނުގެ ގޭސް ރައްކާ ކުރެވޭ ފެސިލިޓީއެއް ތަރައްގީ ކުރުމުގެ މަސަައްކަތް ފަށައި، މި އަހަރު ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުން ކުރަމުންދާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިހާރުވެސް އެސްޓީއޯގައި 1،000 ޓަނުގެ ގޭސް ރައްކާ ކުރެވޭ ފެސިލިޓީއެއް ހުރެއެވެ. އަދި ރާއްޖޭގައި އަމިއްލަ އަށް ގޭހުގެ ވިޔަފާރި ކުރާ ވިލާ އާއި އެސްޓީއޯއާ ގުޅިގެންވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

Ad by Hajj Corporation
މި އަހަރު ތެރޭގައި، އެސްޓީއޯގެ ސަބްސިޑަރީ މޯލްޑިވް ގޭސްއިން ދެ ފަހަރެއްގެ މަތިން ގޭސް ކޮންޓްރޯލް ކޮށްގެން ވަނީ ވިއްކައިފައެވެ. އަދި ގިނަ ބަޔަކަށް މަދުން ގޭސް ލިބުމާއި، ގޭސް ލިބުން ލަސްވުމުގެ ޝަކުވާތައް ފާއިތުވި މަސްތަކުގައި އިތުރުވެފައިވެއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ވަޒީރު ޒަމީރު މިއަދު ވިދާޅުވީ، ރާއްޖެއަށް ހަގީގަތުގައި ގޭހުގެ މާ ބޮޑު އުނދަގޫތަކެއް ނުވާ ކަމަށެވެ.އެގޮތުން ރާއްޖެއާއި ބަންގްލަދޭޝްއާއި ލަންކާއަށް ވެސް ގޭސް ސަޕްލައި ކުރަނީ އެއް ބަޔެއް ކަމަށާއި، މި ސަރަހްދުގައި ގޭސް އެއް ގައުމުން އަނެއް ގައުމަށް ގެންދަނީ ކަނޑުމަތީގައި އެއް ބޯޓުން އަނެއް ބޯޓަށް ބަދަލުކޮށްގެން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މާލެ ސަރަަހައްދުގައި އިތުރު 1،500 ޓަނުގެ ގޭސް ރައްކާ ކުރެވޭނެ ފެސިލިޓީއެއް ތަރައްގީ ކުރުމަށް މިހާރު އޮތީ ޕްރޮކިއުމެންޓް މަރުހަލާގައި ކަން އެސްޓީއޯއިން އަންގާފައިވާ ކަމަށެވެ.
އަދި މި އަހަރު ނިމެންވާއިރު، އެ މަޝްރޫއު ނިމޭނެކަމަށް އެ ކުންފުނިން އަންގާފައިވާ ކަމަށްވެސް ވަޒިރު ޒަމީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ގޭސް ޝިޕްމަންޓްތައް ބެލެހެއްޓުމުގައި ދިމާވާ އޮޕަރޭޝަނަލް ކަންކަމަށް ރިއާޔަތްކުރާއިރު، ރައްކާކުރެވޭ މިންވަރު އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.


