ތިލަފުށީގައި ހުންނަ "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ"ގެ ޖާގަ އެމްޕީއެލްއިން އިތުރުކޮށްފި
26 މާރިޗު 2026 - 16:48

ތިލަފުށީގައި ހުންނަ "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ"ގެ ޖާގަ އެމްޕީއެލްއިން އިތުރުކޮށްފިއެވެ.
އެމްޕީއެލްއިން ބުނީ، މާލެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ތިލަފުށީގައި ޤާއިމްކޮށްފައިވާ "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ" ގެ ކެޕޭސިޓީ ވަނީ ބޮޑުކުރެވިފައިވާ ކަމަށެވެ.

Ad by Hajj Corporation
ތިލަފުށީގައި ގާއިމުކޮށްފައިވާ "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ"ގެ މަސައްކަތް ނިންމައި، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން އެ ކުންފުނީގެ އޮޕަރޭޝަންސްތަކުގައި އެ ސަރަހައްދު ދަނީ ބޭނުންކުރަމުންނެވެ. މި ވަގުތުވެސް އެ ސަރަހައްދުގައި ޖުމްލަ 1600 ޓީ.އީ.ޔޫ އެބަހުއްޓެވެ.
އެ ސަރަހައްދުގެ ޖާގަ ބޮޑުކުރުމުގެ ގޮތުން އެމްޕީއެލްއިން ވަނީ އިތުރު ސަރަހައްދެއްގެ ބިން އެއްވަރުކުރުމުގެ މަސައްކަތްތައް ފުރިހަމަކޮށްފައެވެ. އަލަށް ބިން އެއްވަރުކުރެވުނު ސަރަހައްދު ބޭނުންކުރަން ފެށުމުން، ޑީޕޯގެ ޖުމްލަ ކެޕޭސުޓީ 3000 ޓީ.އީ.ޔޫ އަށް މަތިވެފައިވެއެވެ.
މި ޑީޕޯ ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އޮޕަރޭޝަންސްތަކަށް ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އެހެން ނަމަވެސް، ބަނދަރުގެ ޖާގައިގެ ދަތިކަމަކަށް ފުރިހަމަ ހައްލެއް ލިބޭނީ މިހާރު ރޭވިފައިވާ ގޮތަށް ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން ކަމަށާއި ތިލަފުށީގައި ތަރައްގީކުރުމަށް ރާވާފައިވާ ބަނދަރުގެ މަސައްކަތްތައްވެސް އެ ކުންފުނިން ދަނީ ބާރަށް ކުރިއަށް ގެންދަމުން ކަމަށް އެމްޕީއެލްއިން ބުނެފިއެވެ.
އެގޮތުން، ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢުގެ ފޭސް-1ގެ ޑިޒައިން އާއި ސާރވޭގެ މަސައްކަތްތައް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ މި އަހަރުގެ ފެބްރުވަރީ މަހު ވަނީ ހަވާލުކޮށްފައެވެ.
ސީ.އެޗް.އީ.ސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރެއިން ތިލަފުށީގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ ވޯލްގެ ފުރަތަމަ ސަރވޭތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މި ސަރވޭތައް ފުރިހަމަކޮށްފައިވާ ކަނޑައެޅިފައިވާ ތާވަލަށްވުރެ އަވަހަށެވެ. މިހާރު ކުރިއަށްދަނީ "ޖިއޯ ޓެކްނިކަލް" ސަރވޭގެ މަސައްކަތްތަކެވެ.
މީގެ އިތުރުން، ޔާޑާއި ޓަރމިނަލްގެ ލޭއައުޓާއި ޕްލޭނިންގ މަސައްކަތްތައް އެމް.ޕީ.އެލްގެ ޓީމުތަކުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ދިވެހިރާއްޖޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ އަދުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާ އިއްވެވި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، 2027 ވަނަ އަހަރު ތިލަފުއްޓަށް ބަނދަރު ބަދަލުކުރައްވާނެ ކަަމަށް ވިދާޅުވުމެވެ. އެމް.ޕީ.އެލްގެ އަމާޒަކީ 2027 ވަނަ އަހަރު ތިލަފުއްޓަށް ބަނދަރު ބަދަލުކޮށް، ޚިދުމަތް ދޭން ފެށުމެވެ.


