ޕީއެންސީގެ މުރާލި ކެމްޕޭނުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެއްވެސް ވަރުބަލިކަމެއް ނެތި ދެމިތިބޭނެ ކަމުގެ ޔަގީން
27 މާރިޗު 2026 - 17:23

ރޯދަމަހުގެ ދުވަހެކެވެ. މެންދުރުގެ އެންމެ އަވިގަދަ ހޫނުގަދަ ވަގުތެވެ. މާފަންނު ބޮނޑިބަތް ޕާކު ކިޔާ ސަރަހައްދު ފެނުނީ ވަރަށް ބައިބޯކޮށެވެ. އެހޫނާއި އަވީގައި ވެސް ފެނުނީ ތާޒާ މޫނުތަކެކެވެ. އެ މޫނުތަކުގެ ކުރީ ސަފުން އެވަޑައިގަންނަވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އެއްވެފައިތިބި ރައްޔިތުންނާއި ސަލާމްކުރަށްވަމުން، ރައްޔިތުންގެ އަޑު އައްސަވަމުން ހިނިތުންވެފައި ހުންނަވައި އެވަޑައިގަންނަވަނީ އެއްވެސް ވަރުބަލިކަމެއްނެތިއެވެ. ގަޑިން މެންދުރުފަހު ދެއެއް ޖަހާފައި ހުރުމުން އެމަނިކުފާނު އެވަޑައިގަތީ ރަސްމީ މަސައްކަތްޕުޅުގެ ގަޑި ނިމުމާއެކު ސީދާ އެތަނަށް، ރައްޔިތުންގެ ގާތަށްކަން އެނގިގެން ދިޔައެވެ.
ރައީސް މުޢިއްޒު ޕީއެންސީގެ ކެމްޕޭނުގައި، އަރިހުގައި މާލޭގެ ކުރީގެ މޭޔަރު އާމް މަނިކު އަދި މޭޔަރު ކެންޑިޑޭޓު ޖަލީލު

Ad by Hajj Corporation
ރައީސްގެ އަރިހުގައި ކުރީ ސަފުން ޕީއެންސީގެ މާލޭގެ މޭޔަރު ކެންޑިޑޭޓު މޭޖަރ ޖެނަރަލް ރިޓަރޔަޑް، ގައުމީ ބަދަލު މޫސާ އަލީ ޖަލީލާއި، ޕީއެންސީގެ މާލޭ ދާއިރާ ތަކުގެ ކެންޑިޑޭޓުންނާއި މަޖިލީހުގެ މެމްބަރުންނާއި، ވަޒީރުންނާއި ސަރުކާރުގެ އެކި ގިންތީގެ ވެރިންނެއް ވެސް ފެންނަން ތިއްބެވެ. ސަރަހައްދުގެ މަގު އޮތީ ޕީއެންސީގެ ހިތްގައިމު ކުލައިން ދަމާފައިވާ ދިދަ ފަތިތަކުން ޖަރީވެފައެވެ. މަޖީދީ މަގަށް ބޯ ދިއްކޮއްލިއިރު ފެންނާން އޮތީ މި ސަރުކާރުގެ ކާމިޔާބާކީ ހެކިދޭ ބަސްތަކުއް ހިމަނައި ދަމާފައިވާ ބެނާ ތަކެވެ. މަގާއި އެކި ހިސާބުގައި ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކާއި ބެނާތަކެވެ.
ރައީސް މާފަންނު ހުޅަނގު ރައްޔިތަކާއި ސަލާމް ކުރައްވަނީ
މި ސިފަކޮށްލެވުނީ އެންމެ ދުވަހެއްގެ އެންމެ ސަރަހައްދެއްގެ ކުޑަ މިނިޓް ކޮޅެއްގެ ތެރޭ ފެނުނު މަންޒަރެވެ. މިއީ މި ކެމްޕޭން ފެށުނު ކޮންމެ ދުވަހުހެން މާލޭގެ ކޮންމެސް ދިމާއަކުން ފެންނަ މަންޒަރެކެވެ. މުރާލި ރައީސެއްގެ ފަހަތުގައި އަތުރާލާފައި އޮތް ޕީއެންސީގެ ލަޝްކަރުގެ ކެމްޕޭނު ހިނގަމުން ދަނީ ހަމައެކަނި މާލޭ ސިޓީ އަކު ނޫނެވެ. ރާއްޖޭގެ އެހެނިހެން ސިޓީތަކާއި، މީހުން އުޅޭ ރަށްތަކުގައި މި ކެމްޕޭނު އެއް ސިޓީ އަނެއް ސިޓީއަކަށް، އެއް ރަށް އަނެއް ރަށަކަށް ދުލެއް ނުކުރެއެވެ. ގޮޅީގައި ފާހަގަޖަހަން ހަފުތާއެއްހާ ދުވަސް ބާކީ އޮތް އިރު، އޭޕްރިލް 4 ގައި އޮންނަ 3 ވޯޓަށް ޕީއެންސީން މި ދައްކަނީ އާދަޔާ ޚިލާފް ހިތްވަރެކެވެ. ބުންވަރު ހުރި ކެމްޕޭނެކެވެ.
އައްޑޫ ހުޅުދޫގައި ޕީއެންސީ ކެމްޕޭނު ކުރިއަށް ދަނީ
ރައީސްގެ ހީވާގިކަމާއި ވަގުތު ބެހެއްޓެވުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދުވަސް ފައްޓަވަނީ ފަތިސް ނަމާދުގެ ބަރަކާތުންނެވެ. ރަސްމީ މަސައްކަތުގެ ބުރަ ގަޑިތަކަށްފަހު، އެމަނިކުފާނު ދެން ފެނިގެންދަނީ ކެމްޕޭނުގެ ހަރަކާތްތަކުގެ ކުރީ ސަފުންނެވެ. ސަރުކާރުގެ މުހިންމު މަޝްރޫޢުތައް ބައްލަވައިލެއްވުމާއި، ތަރައްގީގެ މަސައްކަތްތައް ރޭވުމުގައި ދަންވަރުގެ ވަގުތުތަކާ ހަމައަށް އެމަނިކުފާނު މަސައްކަތް ކުރައްވައެވެ. މި ހުރިހާ ކަމެއްގެ ތެރެއިންވެސް އާންމު ރައްޔިތުންގެ އަޑު އެއްސެވުމަށް ދެއްވާ ސަމާލުކަމަކީ އެމަނިކުފާނުގެ މުރާލިކަމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައެވެ. ރައީސްގެ މި ހިތްވަރުގެ ސަބަބުން މުޅި ޓީމަށް ވަނީ އާ ރޫހެއް ލިބިފައެވެ.
ރައީސް ކެމްޕޭނުގައި ޒުވާނެއްގެ އަޑު އައްސަވަނީ
މެޑަމް ސާޖިދާގެ މުރާލިކަމާއި ހިތްހެޔޮކަން
ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދަކީ މި ކެމްޕޭނަށް ލިބިފައިވާ ވަރުގަދަ ހަކަތައެކެވެ. އެކަމަނާ ގެންދަވަނީ ރެޔާއި ދުވާލު މެދުކެނޑުމެއްނެތި ރަށްތަކާއި ސިޓީތަކަށް ޒިޔާރަތްކުރައްވައި، ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމުގައި ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.
މެޑަމް ސާޖިދާ ތިނަދޫ ސިޓީގައި ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ
އަބަދުމެ ހިނިތުންވުމާއެކު ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންގެ ޝުއޫރުތައް އޮޅުންފިލުއްވުމުގައި އެކަމަނާ ދައްކަވަނީ މީގެ ކުރިން ފަސްޓް ލޭޑީއެއްގެ ކިބައިން ފެނިފައި ނުވާފަދަ ގާތްކަމެކެވެ. މިއީ މުޅި ޕީއެންސީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.
މެޑަމް ސާޖިދާ އައްޑޫ ފޭދޫ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވަނީ
ރައްޔިތުންގެ ލާބައަށްޓަކައި ވަގުތާއި ހަކަތަ ހުސްކޮށްލަން ތައްޔާރަށް ތިބިކަމުގެ މެސެޖު
ޕީއެންސީ އިން ކުރިއަށްގެންދާ ފޯރިގަދަ ކެމްޕޭނަކީ ހަމައެކަނި އިންތިޚާބަކަށް ތައްޔާރުވުމެއް ނޫނެވެ. މިއީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެ ޕާޓީގެ ލީޑަޝިޕުން ގެންގުޅުއްވާ ހީވާގިކަމާއި މުރާލިކަން ހާމަކޮށްދޭ ދަލީލެކެވެ. މި ކެމްޕޭނުގެ ތެރެއިން ފެންނަ އެންމެ މުހިންމު މެސެޖަކީ، ގައުމުގެ ތަރައްގީއާއި ރައްޔިތުންގެ ލާބައަށްޓަކައި ވަގުތާއި ހަކަތަ ހުސްކޮށްލަން ތައްޔާރަށް ތިބިކަމެވެ.
ރައީސް ޕީއެންސީގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވަނީ
ހަމައެހެންމެ، ޕީއެންސީގެ މި މުރާލި ކެމްޕޭނުން ދޭހަވަނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެއްވެސް ވަރުބަލިކަމެއް ނެތި ދެމިތިބޭނެ ކަމުގެ ޔަގީންކަމެވެ. ރައީސްގެ ހީވާގިކަމާއި، ފަސްޓް ލޭޑީގެ ބުރަ މަސައްކަތްޕުޅާއި، މުޅި ޓީމުގެ އެއްބައިވަންތަކަމުން ސާފުވަނީ އެންމެ މެސެޖެކެވެ. އެއީ ގައުމުގެ ކުރިމަގު ބިނާކުރުމުގައި މި ޓީމަކީ ވަރުބަލިކަމެއް ނެތި މަސައްކަތް ކުރާނެ، ރައްޔިތުންގެ އިތުބާރު އޮތް ޓީމެއް ކަމެވެ.

.jpg&w=3840&q=75)
