logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނޭޕާލް އަތުން އެއްވަރުވެ ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕު ނިމިއްޖެ

އަބްދުﷲ ޣާނިމް
27 މާރިޗު 2026 - 13:17
ފޮޓޯ؛އެފް.އޭ.އެމް
ފޮޓޯ؛އެފް.އޭ.އެމް

ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕު ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ނޭޕާލާއި އެއްވަރުވެ، ރާއްޖެއަށް މުބާރާތް ނިމިއްޖެއެވެ. ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި 2000 އަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ ރޭވުންތެރި ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ ތިންވަނަ މިނެޓުގައި ރާއްޖޭގެ ނާޝިއު އަޙްމަދު ޝިހާމް ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ނޭޕާލްގެ ގޯލުގެ ހުރަސް ދަނޑިއަށް ވަނީ އަމާޒުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ލީޑު ރާއްޖެއިން ނެގީ 15 ވަނަ މިނެޓުގައެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މުޙައްމަދު އިލާން އިމްރާން އެވެ. މިއީ އީތަން އިބްރާޙީމް ޒަކީ ރާއްޖޭގެ ހާފު ތެރޭގައި ހުރެފައި މަތިމަތިން ފޮނުވާލި ތުރޫ ޕާހަކުން ތަނަވަސްވި ފުރުސަތެއްގައި އިލާން އޭރިއާ ތެރެއަށް ވަދެ ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ހާފު ފަށައިގެން ނޭޕާލުން ކުޅުން ވަރުގަދަކުރިއިރު، ރާއްޖެއިން ވަނީ ޑިފެންސިވް ގޭމެއްގެ ތެރެއިން ކައުންޓާ އެޓޭކުގައި ހަމަލާ އުފައްދަން މަސައްކަތް ކޮށްފައެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އަޔާން އާމިރު ނަގައިދިން ހުރަހަކުން އިލާން ބޮލުން ފޮނުވާލި ހަމަލާ ނޭޕާލްގެ ކީޕަރު ބަހާދުރު ޕަރިޔާރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ނޭޕާލުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 86 ވަނަ މިނެޓުގައެވެ. ހިލޭ ޖެހުމަކުން ސުބާޝް ބަމް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިޝާން ރާޖް ލަވަތުއެވެ. މި ނަތީޖާއާއެކު ރާއްޖެއަށް މުބާރާތް ނިމުނީ ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކުގައެވެ.

މި ގުރޫޕުގެ އެއްވަނައިގައި ނޭޕާލް އޮތީ ހަތް ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ތިން ޕޮއިންޓާއެކު ސްރީ ލަންކާ އޮތްއިރު، ތާވަލުގެ ފުލުގައި އޮތީ އެއް ޕޮއިންޓް ލިބިފައިވާ ބޫޓާނެވެ. މި ގުރޫޕުގެ ފަހު މެޗުގައި މިރޭ ބޫޓާނާއި ސްރީ ލަންކާ ބައްދަލުކުރާއިރު، އެ މެޗު އެއްވަރުކޮށްލައިގެން ވެސް ލަންކާއަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޭޕާލް އަތުން އެއްވަރުވެ ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕު ނިމިއްޖެކުޅިވަރު | 2 ގަޑިއިރު ކުރިން20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް، މެންދުރު ޓީވީން ދައްކާނެކުޅިވަރު | 6 ދުވަސް ކުރިންގައުމީ ފުޓްސަލް ޓީމުގެ ކާމިޔާބީ އަކީ ދެވަނައެއް ނެތް ރީތި ނަމޫނާއެއް: ރައީސްކުޅިވަރު | 2 މަސް ކުރިންނައިބު ރައީސް، ދިވެހި ގައުމީ ފުޓްސަލް ޓީމަށް ކާމިޔާބީ އަށް އެދިވަޑައިގެންފިޚަބަރު | 2 މަސް ކުރިން