މަރްުހޫމް ސާލިހު ވަނީ އައްޑޫގެ ކުރިއެރުމަށާއި ތަރައްޤީއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފަ: ރައީސް
28 މާރިޗު 2026 - 09:43

މަރްުހޫމް އަޙްމަދު ޞާލިޙް ޢަލިދީދީވަނީ އައްޑޫގެ ކުރިއެރުމަށާއި ތަރައްޤީއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައިކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީި ދައުލަތަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށްދެއްވި އަދި އައްޑޫގެ ތަރައްގީއަށް ބޮޑެތި އަދި ގިނަ މަސައްކަތްތަކެއް ކުރެއްވި ސ. ހިތަދޫ، ފެހިވިލާގެ / އަހުމަދު ސޯލިހު އަލި ދީދީ އުމުރުން 92 އަހަރުގައި އަވަހާރަވުމުގެ ހިތާމައިގާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައެވެ.

Ad by Hajj Corporation
އެ މެސެޖުގައި ރައީސް ވިދާޅުވީ މަރްހޫމް ސާލިހު ވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މެންބަރުކަމާއި އައްޑު އަތޮޅު އަތޮޅުވެރިކަންވެސް ކުރައްވައި، ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ހިދުމަތް ކުރައްވާފައި ކަމަށެވެ. އަދި ޚާއްޞަކޮށް އައްޑޫގެ ކުރިއެރުމަށާއި ތަރައްޤީއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފައި ކަަމަށެވެ.
ރައީސް ޑރ. މުއިއްޒުގެ މެސެޖުގައި އަޙްމަދު ޞާލިޙް ޢަލިދީދީ އަވަހާރަވުމުގެ ހިތާމައިގައި، އައްޑޫގެ ލޮބުވެތި ރައްޔިތުންނަށާއި، އެ ޢާއިލާއަށް ނުހަނު އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައި ވެއެވެ. އަދި އަލްމަރްޙޫމް އަޙްމަދު ޞާލިޙް ޢަލިދީދީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މާތްﷲ މިންވަރު ކުރެއްވުމަށް ދުޢާ ކުރެއްވިއެވެ.
އަހުމަދު ސޯލިހު އަލިދީދީ ވަނީ ދިވެހި ދައުލަތަށް 45 އަހަރު ހިދުމަތް ކުރައްވާފައެވެ. އޭގެ ތެރޭގައި ހިތަދޫ ކަތީބުކަމާއި އައްޑު އަތޮޅުގެ އަތޮޅުވެރިޔާ ވެރިކަމާއި އައްޑު އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަން ވެސް ހިމެނެއެވެ. އަދި ގަން އެއާޕޯޓުގެ މެނޭޖަރުކަމާއި ގަމުގެ އެސްޓީއޯގެ މެނޭޖަރުކަމާއި ހިތަދޫގެ ސްޓެލްކޯގެ މެނޭޖަރުކަމާއި ޑެޕިއުޓީ މެނޭޖަރު ކަން ވެސް ކުރައްވާފައިވެއެވެ.
އޭނާ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1965 ވަނަ އަހަރު އެވެ. ރިޓަޔާ ކުރެއްވީ 2009 ވަނަ އަހަރު އެވެ.
އަހްމަދު ސޯލިހު އަލިދީދީގެ އިޖުތިމާއީ މަސައްކަތްތައް ފާހަގަކޮށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ޝަރަފުވެރިކަމުގެ އެވޯޑެއް ވެސް އަރުވާފައެވެ.

.jpg&w=3840&q=75)
