logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ދުނިޔެ

އެމެރިކާއިން އީރާނުގެ ޚާރްޖް އައިލެންޑް ހިފަން އުޅޭކަމަށް ރިޕޯޓްތައް ބުނަނީ ކީއްވެ؟

މުހައްމަދު މޫސާމުހައްމަދު މޫސާ
30 މާރިޗު 2026 - 03:20
އެމެރިކާއިން އީރާނުގެ ޚާރްޖް އައިލެންޑް ހިފަން އުޅޭކަމަށް ރިޕޯޓްތައް ބުނަނީ ކީއްވެ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ އައްސޭރިފަށުގައި އޮންނަ ކުޑަ ރަށަކާ ދެކޮޅަށް އެމެރިކާއިން އިތުރު ފިޔަވަޅުތަކެއް އަޅާފާނެކަމުގެ އިންޒާރު ދެއްވާފައެވެ. މި ރަށަކީ އެ ގައުމުގެ އިގްތިސާދީ މައިނާރު ކަމަށް ބެލެވޭ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ހުންނަ ރަށެވެ.

މާރިޗު 13 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ޚާރްޖް އައިލެންޑަށް ބޮން އަޅާފައެވެ. އެ ދުވަސްވަރު ޓްރަމްޕް ވިދާޅުވީ އެ ރަށުގެ އަސްކަރީ ވަސީލަތްތައް "މުޅިން ސުންނާފަތިކޮށްލާފައިވާ" ކަމަށެވެ. ނަމަވެސް އެމެރިކާގެ ސިފައިން އެ ރަށުގެ ތެޔޮ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނުމުން މަޑުޖެހިލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުކުރު ދުވަހު އެމެރިކާގެ ނޫސް އައުޓްލެޓެއް ކަމަށްވާ އެކްސިއޯސްއިން، މި މައްސަލައިގެ މައުލޫމާތު ހުރި ހަތަރު މަސްދަރަކާ ހަވާލާދީ ބުނެފައިވަނީ، ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުގެ މަގު ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އީރާނަށް މަޖުބޫރުކުރުވުމަށްޓަކައި، އެ ރަށް ހިފުމަށް ނުވަތަ ބްލޮކޭޑް ކުރުމަށް (ބަންދުކުރުމަށް) ސަރުކާރުން ރާވަމުންދާ ކަމަށެވެ.

"އެމެރިކާގެ އަސްކަރިއްޔާއަށް ކޮންމެ ވަގުތަކުވެސް ޚާރްޖް އައިލެންޑް ނައްތާލެވިދާނެ،" ވައިޓް ހައުސްގެ އޮފިޝަލަކު ބީބީސީއަށް ދެއްވި ބަޔާނެއްގައި ވިދާޅުވިއެވެ. އަދި ޓްރަމްޕް އެއްވެސް ތަނަކަށް ސިފައިން ފޮނުވުމުގެ ޕްލޭނެއް ނެތް ނަމަވެސް، "ކޮމާންޑަރ-އިން-ޗީފްގެ ހައިސިއްޔަތުން ހުރިހާ އިޚްތިޔާރެއް އޭނާއަށް ލިބިގެންވާ" ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ނުވަތަ އެހެން ބަޔަކުވެސް "އެއްވެސް އުނދަގުލެއް ކޮށްފިނަމަ"، އެ ރަށުގެ ތެޔޮ ވަސީލަތްތަކަށް ހަމަލާނުދިނުމަށް ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރައްވާނެ ކަމުގެ އިންޒާރު ޓްރަމްޕް މީގެ ކުރިން ވަނީ ދެއްވާފައެވެ. އޭގެ ފަހުން އީރާނުން ދަނީ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރަން އުޅޭ ބައެއް އުޅަނދުފަހަރަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެމުންނެވެ.

'ސްކޫލް އޮފް ވޯ' ޕޮޑްކާސްޓްގެ ހޯސްޓް އަދި ސީބީއެސްގެ ނޭޝަނަލް ސެކިއުރިޓީ އެނަލިސްޓް އެރޮން މެކްލީން ވިދާޅުވީ، އެމެރިކާގެ ވިސްނުމަކީ އެ ރަށް ހިފައި، ކަނޑުއޮޅި ހުޅުވާފައި ބެހެއްޓުމަށް އީރާނަށް މަޖުބޫރުކުރުވުމަށް "ލީވަރޭޖެއް" (ބާރެއް) ގެ ގޮތުގައި ބޭނުންކުރުން ކަމަށް ބެލެވޭ ކަމަށެވެ.

އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ޚާރްޖްގެ ތެޔޮ އިންފްރާސްޓްރަކްޗަރަށް ހަމަލާދީފިނަމަ، އެމެރިކާއާ ގުޅިގެން މަސައްކަތްކުރާ ކުންފުނިތަކުގެ ތެޔޮ އަދި ހަކަތައިގެ ވަސީލަތްތައް "ވަގުތުން ސުންނާފަތިކޮށްލާނެ" ކަމަށެވެ.

އެމެރިކާއިން އެ ރަށް ހިފަން މަސައްކަތް ކުރާނެ ހެއްޔެވެ؟

އެމެރިކާގެ ސިފައިން ކޮންމެވެސް ހިސާބަކުން ޚާރްޖް އައިލެންޑް ހިފަން މަސައްކަތް ކޮށްފާނެތޯ ދަނީ ދުވަސްތަކެއް ވަންދެން ބަހުސް ކުރެވެމުންނެވެ.

އެ ރަށް ހިފުމަކީ އީރާނުގެ ތެޔޮ އެކްސްޕޯޓް ހުއްޓުވުމުގެ އިތުރުން، އީރާނުގެ މައި ބިމަށް ހަމަލާދިނުމަށް ބޭނުންކުރެވޭނެ ޕްލެޓްފޯމަކަށްވެސް ވެގެންދާނެ ކަމެކެވެ.

މަސްދަރުތަކާއި ހަވާލާދީ މަޝްހޫރު ނޫސް އެޖެންސީ ''ސީބީއެސް ނިއުސް'' ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕެންޓަގަންގެ އޮފިޝަލުން ވަނީ އީރާނަށް އެއްގަމު ސިފައިން ފޮނުވުމަށް ތަފްސީލީ ތައްޔާރީތަކެއް ވެފައެވެ.

މި ވާހަކަތަކަށް ބާރުދެމުން ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ އަސްކަރިއްޔާއިން ދަނީ ގާތްގަނޑަކަށް 2,500 މެރިން ސިފައިންނާއި ހަނގުރާމަމަތީ މަނަވަރެއް އެ ސަރަހައްދަށް ފޮނުވުމަށް ތައްޔާރުވަމުންނެވެ.

ޕެންޓަގަން އާއި ވައިޓް ހައުސް އިން ވެސް ވަނީ ވަކިވަކި ސިފައިން ފޮނުވުމާ ބެހޭ ގޮތުން ނުވަތަ ކުރިއަށް އޮތް ޕްލޭންތަކާ ބެހޭ ގޮތުން ކޮމެންޓް ކުރަން ދެކޮޅު ހަދާފައެވެ. ނަމަވެސް އެ ފުރުސަތު އޮތްކަން ތަކުރާރުކޮށް ވަނީ ސާފުކޮށްދީފައެވެ.

ބީބީސީގެ ސެކިއުރިޓީ ބްރީފްގެ ސެކިއުރިޓީ އެނަލިސްޓް މައިކީ ކޭ ވިދާޅުވާ ގޮތުގައި، އެ ރަށް ހިފުމުން އައި.އާރް.ޖީ.ސީ (އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް) ގެ އިގްތިސާދީ މައިނާރު ބުރިވެ، ހަނގުރާމަ ކުރުމުގެ ގާބިލުކަމަށް އަސަރު ކުރާނެއެވެ.

މެކްލީން ވިދާޅުވި ގޮތުގައި، އެ ރަށް ހިފުމަށް އެމެރިކާއިން ހިންގާ އެއްވެސް އޮޕަރޭޝަނެއް ސައިޒުގެ ގޮތުން ކުޑަވި ނަމަވެސް، އެއީ ގޮންޖެހުން ބޮޑު ކަމަކަށް ވާނެއެވެ. އެމެރިކާގެ ލޭންޑިންގ ފޯސްއަކަށް ކަނޑުގެ އުޅަނދުފަހަރު މެދުވެރިކޮށް ނުވަތަ ވައިގެ މަގުން ވަރަށް ދުރު ރާސްތާއަކަށް ދަތުރުކުރަން ޖެހޭނެއެވެ.ބުދަ ދުވަހު އީރާނުގެ ޕާލަމަންޓުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް އިންޒާރު ދެއްވި ގޮތުގައި، އީރާނަށް އަރައިގަނެފިނަމަ، އެމެރިކާގެ އޮޕަރޭޝަނަށް އެހީތެރިވި ސަރަޙައްދީ ޤައުމެއްގެ "ހުރިހާ މުހިންމު އިންފްރާސްޓްރަކްޗަރަކަށް" "މެދުކެނޑުމެއްނެތް، ވަރުގަދަ ހަމަލާތަކެއް" ދޭނެއެވެ.

މީގެ ކުރިން، އީރާނުގެ އަސްކަރީ އޮފިޝަލަކު އެ ޤައުމުގެ މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އެއްގަމު މަގުން ހަމަލާއެއް ދީފިނަމަ ރަތްކަނޑުގެ ކަނޑުދަތުރުފަތުރަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށެވެ.

ލިބިފައިވާ ނުރައްކާތަކާ ގުޅިގެން، ފާއިތުވި ހަފުތާތަކުގައި އީރާނުން ވަނީ ޚާރްގް އައިލެންޑްގެ ދިފާޢީ ކަންކަން ވަރުގަދަކޮށްފައެވެ. މީގެ ތެރޭގައި އިތުރު ސިފައިންނާއި ވައިގެ ދިފާޢީ ނިޒާމުތައް އެ ރަށުގައި ރުކުރުވާލުން ހިމެނޭ ކަމަށް ސީ.އެން.އެން އަށް މަޢުލޫމާތު ދިން ފަރާތްތަކުން ބުނެއެވެ.

"އެމެރިކާގެ އިންޓެލިޖެންސަށް ފަރިތަ އެތައް ބަޔަކާ" ހަވާލާދީ ވެބްސައިޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެހެރާނުން ވަނީ ކޮނޑަށްލައިގެން ފޮނުވާލެވޭ އިތުރު ސާފޭސް-ޓޫ-އެއަރ މިސައިލްތައް އެ ރަށަށް ފޮނުވާފައެވެ. އަދި އެ ރަށުގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުގައި މީހުންނާއި އުޅަނދުފަހަރަށް އަމާޒުކޮށްފައިވާ މައިންތައް ވަނީ އަތުރާފައެވެ.

ޚާރްގް އައިލެންޑަކީ އީރާނަށް މުހިންމު ތަނަކަށް ވަނީ ކީއްވެ؟

ޚާރްގް އައިލެންޑަކީ އީރާނުގެ އައްސޭރިފަށުން އެންމެ 15 ނޯޓިކަލް މޭލު (24 ކިލޯމީޓަރު) ބޭރުގައި އޮންނަ ކުޑަ، ހިލަ ގައުގަނޑެކެވެ.

އެ ރަށުގެ ކުޑަކަމާއެކުވެސް، އެއީ އީރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރގެ އެންމެ މުހިންމު އެއް ބައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާއިން އީރާނުގެ ޚާރްޖް އައިލެންޑް ހިފަން އުޅޭކަމަށް ރިޕޯޓްތައް ބުނަނީ ކީއްވެ؟ދުނިޔެ | 2 ގަޑިއިރު ކުރިންއަހަރެމެން މިހާރު ގަބޫލުކުރަނީ އީރާނުގެ ވެރިކަން ބަދަލުކުރެވިއްޖެކަމަށް: ޓްރަމްޕްދުނިޔެ | 3 ގަޑިއިރު ކުރިންއީރާނުން އިސްރާއީލުގެ ބީރުޝެބާގައި ހުންނަ ކެމިކަލް ފެކްޓްރީ ގޮއްވާލައިފިދުނިޔެ | 11 ގަޑިއިރު ކުރިންއެމެރިކާގެ ސިފައިން އެއްގަމު މަގުން އަރައިގެންފިނަމަ އެމީހުން އަންދާލައި އެހީތެރިވި ބަޔަކަށް ދާއިމީ އަދަބެއް ދޭނަން: އީރާންދުނިޔެ | 12 ގަޑިއިރު ކުރިން