ކުނޫޒުގައި އެއްޗެއް ގޮއްވާލަން އުޅުނު ކަމަށް ބުނެ ކުރާ ދައުވާ ބާތިލް ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
30 މާރިޗު 2026 - 08:53

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި އެއްޗެއް ގޮއްވާލަން އުޅުނު ކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާ ބާތިލް ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

Ad by Hajj Corporation
މި މައްސަލައަކީ 2017 ވަނަ އަހަރުން ފެށިގެން ކްރިމިނަލް ކޯޓުގައި ނުނިމި ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ.
މި މައްސަލާގައި ދައުވާ ލިބޭ އިއުތިސާމް މުހައްމަދު ސައީދުގެ ފަރާތުން ދައުވާ ބާތިލްކޮށްދިނުމަށް އެދި ހުށަހެޅީ ޝަރީއަތް މާބޮޑަށް ލަސްވަމުންދާތީ، އޭނާގެ ހައްގުތަކެއް ގެއްލޭ ކަމަށް ބުނެއެވެ. ނަމަވެސް، ސުޕްރީމް ކޯޓުން މިއަދު ނިންމީ އެ ސަބަބަށްޓަކައި އެކަނި ދައުވާ ބާތިލް ނުކުރެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވަނީ މައްސަލަ ލަސްވުމުގައި ހަމައެކަނި ދައުލަތުގެ އިހުމާލެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށެވެ. މައްސަލަ ބައްލަވާ ގާޒީން އެކި ފަހަރު މަތިން ބަދަލުވުމާއި، ދިފާއީ ވަކީލުން އެދިގެން އަޑުއެހުންތައް ކެންސަލް ކުރަން ޖެހުން ފަދަ އިޖުރާއީ އެތައް ކަމެއް މެދުވެރިވެފައިވާކަން ކޯޓުން ފާހަގަކުރިއެވެ.
މީގެ އިތުރުން، ޝަރީއަތް ލަސްވުމަކީ ޖިނާއީ ދައުވާއެއް ބާތިލް ކުރެވޭނެ ގާނޫނީ ސަބަބެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. އަދި ޝަރީއަތް ލަސްވުމުގެ ސަބަބުން އެއްވެސް ހައްގެއް ގެއްލިފައިވާ ކަމަށް ގަބޫލުކުރެވޭނަމަ، އެކަމަށް ބަދަލު ހޯދުމަށް ވަކި މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ކޯޓުން ބުންޏެވެ.
މި މައްސަލަ ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި ނިންމުމާއެކު، ކްރިމިނަލް ކޯޓުގައި އޮތް މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން ޖެހޭނެއެވެ.

.jpg&w=3840&q=75)
