ފުވައްމުލަކު ޑްރަގް ވިޔަފާރީގެ ބޮޑުން ކަމަށް ތުހުމަތުވާ ދެ މީހަކު އަލުން ހައްޔަރުކޮށްފި
31 މާރިޗު 2026 - 03:26

ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އަހުމަދު ނިއުޝާދާއި ހަސަން އާޒިމް، ކޯޓުން ދޫކޮށްލާފައި ވަނިކޮށް ރޭގެ ވަގުތެއްގައި ފުލުހުން އަލުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި މި ދެ މީހުން އަލުން ހައްޔަރުކުރީ ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީއެވެ.

Ad by Hajj Corporation
މި ދެ މީހުންނަކީ ފުވައްމުލަކުގައި މަސްތުވާތަކެތީގެ ނެޓްވޯކެއް ގާއިމްކޮށް، މީހުންނަށް މުސާރަ ދީގެން އެ ތަކެތި ވިއްކުމުގައި އިސްކޮށް އުޅޭ ދެ މީހުން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ތުހުމަތުކޮށްފައެވެ. މި މައްސަލައިގައި އެ މީހުންގެ މައްޗަށް ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ ވެސް ވަނީ އުފުލާފައެވެ.
ތަހުގީގަށް ހޯދާފައިވާ ހޯދުންތަކުން އެނގޭ ގޮތުގައި، 2019 އިން 2024 އާ ދެމެދު ނިއުޝާދުގެ އެކައުންޓަށް 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި އާޒިމްގެ އެކައުންޓަށް 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވެއެވެ. މި ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކު ކުރެވޭތީ، އެ ފައިސާ އާއި އެ މީހުންގެ ނަމުގައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކާއި ދޫނިތަކެއް ދައުލަތަށް ނަގައިދިނުމަށް ޕީޖީ އޮފީހުން ވަނީ ކޯޓުގައި އެދިފައެވެ.
މި މައްސަލައިގެ ތާރީހަށް ބަލާއިރު، މީގެ ކުރިން ވެސް އެކި ފަހަރުމަތިން މި ދެ މީހުން ހައްޔަރުކޮށް ކޯޓުން ދޫކޮށްލާފައިވެއެވެ. އެންމެ ފަހުން މި ދެ މީހުން ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މި މައްސަލައަކީ ފުވައްމުލަކުގައި ހިންގި "އޮޕަރޭޝަން ވެށި ރައްކާ" ގެ ތެރެއިން ފާހަގަކުރެވުނު އެންމެ ބޮޑު އެއް މައްސަލައެވެ.
މި މައްސަލައިގެ ޝަރީއަތް މިހާރު ކުރިއަށްދާއިރު، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން މި ދެ މީހުން އަލުން ބަންދުގައި ބޭތިއްބުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

.jpg&w=3840&q=75)
