އެސްޑީއެފަށް 400 މިލިއަން ރުފިޔާ ޖަމާކޮށްފި
31 މާރިޗު 2026 - 05:04

މިދިޔަ އަހަރުގެ މިހާތަނަށް ޖަމާކުރި އަދަދަށް ވުރެ 8.6% އިތުރަށް، މިއަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)އަށް 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފިއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން 1 ޖަނަވަރީން 19 މާރިޗްގެ ނިޔަލަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖުމްލަ 425.1 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޖަމާކުރި އަދަދާއި އަޅަބަލާއިރު %8.6 އިތުރު އަދަދެކެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޖަމާކޮށްފައިވަނީ 391.6 މިލިއަން ރުފިޔާއެވެ.
މިއަހަރުގެ މިހާތަނަށް ދަރަނިތައް އަނބުރާ ދެއްކުމަށް 809.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައެވެ.
ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްޤީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމާއި އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ.
2016 ވަނަ އަހަރު އުފެއްދި ރާއްޖޭގެ ސޮވަރިން ފަންޑަށް ދަޢުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެ ފަންޑަށް ފައިސާ ޖަމާކުރަމުންދެއެވެ. އެއީ އެއާޕޯޓުން ފުރާމީހުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީއާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއާޕޯޓްގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީއެވެ.
މިހާތަނަށް ރާއްޖެއިން ދަރަނި އަދާކުރުމުގައި ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ދަރަނި އަދާކުރަން އިތުރު ދަރަނި ނަގަން ޖެހިފައިވާކަމަށާއި، ނަމަވެސް ދަރަނި އަދާކުރުމަށް އިތުރު ދަރަނި ނަގަން ނުޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. ރައީސް ވިދާޅުވީ އެސްޑީއެފް ނުވަތަ ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު މެދުވެރިކޮށް މިކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. އެކަމަށް އިސްކަންދީގެން މަސައްކަތްކޮށް ދަރަނި ދެއްކުމަށް ޤާޢިމްކޮށްފައިވާ ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު ހަރުދަނާ ކޮށްފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

.jpg&w=3840&q=75)
