އެމެރިކާގެ މިނިވަން ނޫސްވެރިޔާ ކިޓްލްސަން އިރާގުގައި ކިޑްނެޕްކޮށްފި
1 އޭޕްރީލު 2026 - 03:02

ޢިރާޤުގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެމެރިކާގެ މިނިވަން ނޫސްވެރިއެއް ކަމަށްވާ ޝެލީ ކިޓްލްސަން، އަންގާރަ ދުވަހުގެ އިރުއޮއްސުނު ވަގުތު ބަޣުދާދުގެ މެދުތެރެއިން ކިޑްނެޕްކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން ކަންތައްތައް ވަރަށް ހަލުވިކަމާއެކު ބަދަލުވަމުންދާއިރު، އޭނާ ހޯދުމަށްޓަކައި އެ ސަރަހައްދުގެ ސަލާމަތީ ބާރުތަކުން ވަނީ ފުޅާ ދާއިރާއެއްގައި އޮޕަރޭޝަނެއް ފަށާފައެވެ.

Ad by Hajj Corporation
ކިޓްލްސަން ވަގަށް ނަގާފައިވަނީ ވެރިރަށުގެ މެދުތެރޭގައި އޮންނަ މައި މަގެއް ކަމަށްވާ އަލް-ސާދޫން މަގުގައި ހުންނަ ބަޣުދާދު ހޮޓާ ކައިރިންނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދުގައި ހުންނަ ފަލަސްތީން ހޮޓާ ކައިރިންނެވެ. މަންޒަރު ދުށް މީހުންނާއި ސަލާމަތީ މަސްދަރުތަކުން ރިޕޯޓްކުރާ ގޮތުގައި، އާންމު ހެދުމުގައާއި ކަޅު ހެދުމުގައި ތިބި ހަތަރު މީހަކު އޭނާ ދަތުރުކުރި އުޅަނދު ހުއްޓުވައި، ގަދަކަމުން އޭނާ ނެރެގެން އެ ސަރަހައްދުން ވަނީ ފިލާފައެވެ.
ނޫސްވެރިޔާ ވަގަށް ނެގިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އިރާޤުގެ ސަލާމަތީ ބާރުތަކުން ވަނީ ކިޑްނެޕް ކުރި މީހުންގެ ކަމަށް ބެލެވޭ އުޅަނދެއް ހުއްޓުވަން މަސައްކަތްކޮށްފައެވެ. ބާރު ސްޕީޑުގައި ފަހާ ދުވުމުގެ ތެރޭގައި އެ އުޅަނދު ފުރޮޅާލާފައިވާއިރު، އެކްސިޑެންޓްވި ތަނުން އެކަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް، މިނިސްޓްރީ އޮފް އިންޓީރިއާ އިން ކަށަވަރުކޮށްދިން ގޮތުގައި ކިޓްލްސަން އެ އުޅަނދަކު ނެތެވެ. ބާކީ ތިބި މީހުން ހޯދުމަށް "ސީދާ އިންޓެލިޖެންސް" މަޢުލޫމާތު ބޭނުންކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ބަޣުދާދުގެ ދެކުނުން އޮންނަ ޖުރްފް އަލް-ސަޚަރު ކައިރީގައި ހިނގި ކުރިމަތިލުމަކަށްފަހު ކިޓްލްސަން ސަލާމަތްކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޚަބަރުތައް ފެތުރެމުންދިޔަ ނަމަވެސް، އިރާޤު ސަރުކާރުން ނުވަތަ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ދެ ފަރާތުންވެސް އޭނާ އަދިވެސް ބަލަނީ ގެއްލިފައިވާ މީހެއްގެ ގޮތުގައެވެ.

.jpg&w=3840&q=75)
