ދޫންޏަށް ވޯޓުދީ، ހުޅުދޫ ރައްޔިތުންނަށް އުފާ ފާގަތިކަން ލިބޭނެ: ޝާޑު
2 އޭޕްރީލު 2026 - 12:49

އަބަދުވެސް މަސައްކަތް ކުރައްވަނީ ވަކި ފިކުރަކަށް ބެލުމެއްނެތި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ކަމަށާއި އެޕްރީލް 4 ވަނަ ދުވަހު ނިކުމެ ޕީއެންސީގެ 10 ކެނޑިޑޭޓުންނަށް ވޯޓު ދެއްވައި، ހަމަ އެދުވަހު ނެގޭ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ފެންނަކަމަށް ވޯޓު ދެއްވުމަށް ހުޅުދޫގެ ހުރިހާ ރައްިތުންގެ ކިބައިން ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އެދިވަޑައިގަންނަވައިފިއެވެ.
ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މެމްބަރު ޝާހިދު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ވޯޓަކީ، ހުޅުދޫ ތާރީހުގައި ލިޔެވިގެންދާނެ މުހިންމު ވޯޓެއް ކަމަށެވެ. ވޭތުވެދިޔަ 15 ވަރަކަށް އަހަރު ހުޅުދޫ ރައްޔިތުން ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަމުން މަހުރޫމްވެފައިވަނިކޮށް، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވަނީ ހުޅުދޫއަށް ވަކި ކުައުންސިލެއް ކަށަވަރު ކޮށްދެއްވާފައި ކަމަށް މެމްބަރު ވިދާޅުވިއެވެ.

Ad by Hajj Corporation
އެއާއެކު ހުޅުދޫގައި އަލަށް އުފެދޭ ކައުންސިލާމެދު، ރައްޔިތުންގެ ފޮނި އުންމީދުތަކެއް ވާކަން ކަށަވަރުކުރެވޭކަމަށް ޝާހިދު ވިދާޅުވިއެވެ. ވިދާޅުވީ ލަމަރުކަޒީ ނިޒާމުގެ ބޭނުމަކީ ރަށުގެ އެންމެ އަސާސީ ހިދުމަތްތައް ރައްޔިތުންގެ އެދުމާއި އެއްގޮތައް ރައްޔިތުންނާ ގާތުން މަޝްވަރާ ކުރެވިގެން ރައްޔިތުންގެ ތެރެއިން އިންތިހާބު ކުރެވޭ ބަޔަކު ފޯރުކޮށްދިނުން ކަމަށެވެ.
މެމްބަރު ޝާހިދު ވަނީ މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ރަށްރަށުގެ ރައްޔިތުންނަށް ދެވޭ ހިދުމަތްތަކަކީ އެންމެ އެދެވޭގޮތަށް ފޯރުކޮށްދެވޭ ހިދުމަތްތައް ކަމުގައި ހަދައި އެކަމަށް މަގުފަހި ކުރުމަށް ކައުންސިލް ބާރުވެރި ކުރުވާ ސަރުކާރެއްކަން ފާހަގަކުރައްވާފައެވެ.
އެހެންނަމަވެސް ވާދަވެރީން ސަރުކާރުން ރައްޔިތުންގެ ހައްގުގައި ކުރިއަށްގެންދަން ބޭނުންވާ ކަންކަމުގައި ފާޅުކަން ބޮޑުގޮތެއްގައި ދެކޮޅުހަދައި ޒިންމާދާރުކަން ކުޑަގޮތެއްގައި މަސައްކަތް ކުރަމުންދާ ކަމަށާއި ނިމިދިޔަ އައްޑޫ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައިވެސް ވަރަށް ރަނގަޅަށް އެކަން ފެނިގެންދިޔަ ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް ބާރު ލިބިދެނީ ސަރުކާރުގެ ސަބްސިޑައިޒް ރޭޓުގައި ތެޔޮ ފޯރުކޮށްދޭ ޝެޑެއް ކޮންމެ އަތޮޅެއްގައި ގާއިމު ކުރުމުގެ ސިޔާސަތުގެ ދަށުން ހުޅުދޫގައި ގާއިމުކުރެވޭ އެޕް.އެސް.އެމް.ގެ ޝެޑު ހެދުމަށް ބޭނުންވާ ބިންހޯދުމަށް ސިޓީ ކައުންސިލާއެކު މަސައްކަތް ކުރަމުންދާތާ 8 މަސް ފާއިތުވެގެންދިޔަ އިރުވެސް އެ ބިން ހަވާލުނުކުރެވި އޮތުން ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ސިޔާސީ ވާދަވެރިކަމެއްގައި ޒިންމާދާރުކަންކުޑަ ގޮތަކަށް މަސައްކަތްކުރާނެ ކައުންސިލެއް އިންތިހާބުވެއްޖެނަމަ އޭގެ ނޭދެވޭ އަސަރު ކުރިއަށް އޮތް ދުވަސްތަކުގައި ހުޅުދޫއަށް ކުރާނެ ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެެވެ. އަދި ސަރުކާރުން ތަންފީޒުކުރުމަށް ރާވަމުންއަންނަ މަޝްރޫއުތައް ހިންގުމަށް ބުރޫއަރައި ރައްޔިތުންނަށް ދެވޭ ހިދުމަތް މަޑުޖެހިގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށް މެމްބަރު ޝާހިދު ވަނީ ވިދާޅުވެފައެވެ.
އަބަދުވެސް މަސައްކަތް ކުރަނީ ވަކި ފިކުރަކަށް ބެލުމެއްނެތި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައިކަން ފާހަގަކުރައްވާ މެމްބަރު ޝާހިދު ވަނީ އެޕްރީލް 4 ވަނަ ދުވަހު ނިކުމެ ޕީއެންސީގެ 10 ކެނޑިޑޭޓުންނަށް ވޯޓު ދެއްވައި، ހަމަ އެދުވަހު ނެގޭ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި ފެންނަކަމަށް ވޯޓު ދެއްވުމަށް ހުޅުދޫގެ ހުރިހާ ރައްިތުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

.jpg&w=3840&q=75)
