logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ބޮޑު ދުވަހެއް؛ މާދަމާ ހެނދުނު 8 ޖަހާއިރު ތިން އިންތިޚާބުގެ ވޯޓުލުން ފެށޭނެ!

ޒިދާން މުޙައްމަދު
3 އޭޕްރީލު 2026 - 12:35
ބޮޑު ދުވަހެއް؛ މާދަމާ ހެނދުނު 8 ޖަހާއިރު ތިން އިންތިޚާބުގެ ވޯޓުލުން ފެށޭނެ!

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026ގެ ވޯޓުލުން މާދަމާ ހެނދުނު 8:00ގައި ފެށުމަށް ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި، އެ ކޮމިޝަނުން މިހާރު ކުރިއަށްގެންދަނީ ވޯޓާ ގުޅޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.

ފުރަމާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026ގެ ވޯޓުލުން 347 މަރުކަޒެއްގައި ބަހައްޓާ 588 ސްޓޭޝަންގައި ކުރިއަށްދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ އެންމެހާ ތަކެތި މިހާރު ވަނީ، މަރުކަޒުތައް ހިމެނޭ ރަށްތަކަށް ފޮނުވާފައެވެ. އޭގެތެރޭގައި ވޯޓުލާ މަރުކަޒު ތަކުގައި ހަރަކާތެރިވާ ހުރިހާ އޮފިޝަލުންނަށް ބޭނުންވާ ސާމާނާއި، ވޯޓުފޮށިތަކުގެ އިތުރުން ވޯޓު ކަރުދާސް ހިމެނެއެވެ.

މިވަގުތު ކުރަމުންދާ އެންމެ މުހިންމު މަސައްކަތަކީ، މަރުކަޒުތައް ތައްޔާރު ކުރުމުގެ މަސައްކަތެވެ. ޓެންޓު ޖަހައިގެން މާލޭގައި ހަދާ މަރުކަޒުތަކުގެ މަސައްކަތްތަކާއި، ވޯޓުލާ މަރުކަޒުގެ ގޮތުގައި ބޭނުންކުރާ ސްކޫލުތަކާއި އެހެނިހެން މަރުކަޒުތަކުގެ ސެޓަޕްތައް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

މާލޭގައި ޓެންޓު ޖަހައިގެން ވޯޓުލުން ކުރިއަށްގެންދާ މަރުކަޒުތަކަކީ، މާލޭގެ ހެންވޭރު ސްޓޭޑިއަމް އަދި މާފަންނު ސްޓޭޑިއަމެވެ. އެންމެ ގިނަ ވޯޓު ފޮށި ހެންވޭރު ދަނޑުގައި ބަހައްޓާއިރު، އެތަނުގައި 30 ވޯޓު ފޮށި ބަހައްޓައެވެ.

މާލެ ސަރަހައްދުގައި އެކަނި 241 ވޯޓުފޮށި ބަހައްޓާނެއެވެ. މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ 26 ސްކޫލެއްގައި ފޮށިތައް ބަހައްޓާއިރު، އެންމެ ގިނަ ފޮށި ބަހައްޓަނީ އަމީނިއްޔާ ސްކޫލުގައެވެ. އެއީ، 15 ވޯޓު ފޮއްޓެވެ.

މިފަހަރުގެ އިންތިޚާބުގައި އަތޮޅުތަކުގައި 322 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި 21 ރިސޯޓާއި، 5 ޖަލެއްގައިވެސް ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަތޮޅުތަކުގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ފޮށި ބަހައްޓަނީ، އައްޑޫގައެވެ. އައްޑޫގައި 29 ފޮށި ބަހައްޓައެވެ.

އިންތިޚާބުތަކަށް މުޅި ޖުމުލަ 888,845 ވޯޓު ކަރުދާސް ޗާޕު ކޮށްފައިވެއެވެ. ކޮންމެ އިންތިޚާބަކަށް ޗާޕު ކޮށްފައިވަނީ، ވަކި ކަރުދާހެކެވެ. އެހެންކަމުން ވޯޓުލާ ކޮންމެ މީހަކަށް 3 ކަރުދާސް ލިބޭނެއެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއި، އެ ބަދަލު ގެންނަން ފެންނަ ކަމަށް ނިންމައިފިނަމަ، މިހާރު ކުރިއަށްދާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ އުމުރު ކުރު ކުރުމަށް، ޤާނޫނު އަސާސީއަށް ގެނެސްފައިވާ 8 ވަނަ އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރުމަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓެކެވެ.

ވޯޓުލާންޖެހޭ ފޮއްޓާއި މަރުކަޒު ޔަގީން ކުރުމަށް، VR (space) ID card number ޖެހުމަށްފަހު 1414 އަށް މެސެޖްކޮށްގެން ބަލައިލެވޭނެއެވެ. ވޯޓު ލުމަށް ބޭނުން ކުރެވޭނީ އައިޑީ ކާޑާއި، ޕާސްޕޯޓާއި، ޕާސްޕޯޓް ކާޑާއި، ލައިސަންސްގެ އަސްލު އެކަންޏެވެ. އީފާސް ބޭނުމެއް ނުކުރެވޭނެއެވެ.

ވޯޓުލުން ކުރިއަށްދާނީ، ހެނދުނު 08:00އިން ހަވީރު 16:00އަށެވެ. ވޯޓު ގުނަން ފަށާނީ، ފޮށި ބަންދުކުރާތާ 1 ގަޑިއިރު ފަހުންނެވެ.

ވޯޓު ގުނުމުގައި، ފުރަތަމަ ގުނާނީ ކައުންސިލަށް އައްޔަނު ކުރާ މެންބަރުންގެ ފޮށިތަކެވެ. އަދި އެއަށްފަހު ގުނާނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓުގެ ފޮށިތަކެވެ. ޚިޔާލު ހޯދުމުގެ އާއްމު ވޯޓުގެ ނަތީޖާ ގުނާނީ، އެންމެ ފަހުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑު ދުވަހެއް؛ މާދަމާ ހެނދުނު 8 ޖަހާއިރު ތިން އިންތިޚާބުގެ ވޯޓުލުން ފެށޭނެ!ޚަބަރު | 2 ގަޑިއިރު ކުރިންތިން އިންތިހާބަށް 888،845 ވޯޓު ކަރުދާސްޚަބަރު | 10 ގަޑިއިރު ކުރިން ރައްޔިތުންނަށް ބޭނުން ކޮންމެ ގޮތަކަށް ވޯޓު ލެވޭނެ: ޢީސީޚަބަރު | 2 ދުވަސް ކުރިންއަތޮޅުތަކަށް ވޯޓުފޮށިތައް ފޮނުވަން ފަށައިފިޚަބަރު | 6 ދުވަސް ކުރިން