ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުން ނޫނެކޭ ބުނެފި
4 އޭޕްރީލު 2026 - 19:52

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ރައްޔިތުން ނޫނެކޭ ބުނެފިއެވެ.
މިއަދު ނެގި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގިނަ ރައްޔިތުން ދެކޮޅު ކަން ވަގުތީ ނަތީޖާއިން ދައްކައެވެ.

Ad by Hajj Corporation
މިހާތަނަށް ގުނާފައިވާ 12،000 އަށް ވުރެ ގިނަ ވޯޓުގެ ތެރެއިން، 73 ޕަސެންޓު މީހުން ވޯޓު ދީފައިވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާއި، ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އަދި 7 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެކަށައަޅުއްވައި، ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރު ނަންބަރު (2/2026) އާއި އެ ޤަރާރާއެކު ހުށަހަޅުއްވާފައިވާ ސުވާލާއި މަޢުލޫމާތު ކަރުދާސް އިލެކްޝަނަސް ކޮމިޝަނަށް ލިބިފައިވާތީއެވެ.
އެ ޤަރާރަކީ 2026 ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމުގެ ކުރިން، އެ އިސްލާޙު ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށްޓަކައި، ރައްޔިތުން ދެކޭގޮތް ބަލައި، ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ނެރުއްވާފައިވާ ޤަރާރެކެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހެޅި ސުވާލު
- ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟
ޖަވާބުގައި ރައްޔިތުންގެ އަޣުލަބިއްޔަތު ބުނީ ނޫނެކޭއެވެ.

.jpg&w=3840&q=75)
