އަމީން މިއާގެ މަރުގެ މައްސަލަ: ލަންކާ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
5 އޭޕްރީލު 2026 - 17:19

ތިލަފުށި ވެމްކޯ ސައިޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ އަމީން މިއާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ސްރީލަންކާއަށް ނިސްބަތްވާ 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކައެވެ.
ހެޝަންގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 20 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. ހެޝަންގެ ބަންދު އެކި ފަހަރު މަތިން އިތުރުކޮށްފައިވެއެވެ.
އޭނާއަކީ އަމީން މިއާގެ ގައިގައި ޖެހުނު އެކްސްކަވޭޓަރު ދުއްވި މީހާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.
ދިފާއުގައި ހެޝަން ބުނީ އޭނާ ކުރީ މަސައްކަތުގެ ގޮތުން ކުރަންޖެހޭ ކަންކަން ކަމަށެވެ. އެކަންކަން ކުރުމުގައި ފަރުވާ ކުޑަކޮށްފައި ނުވާ ކަމަށާއި އިތުރު މީހުން އުސޫލުތަކާއި ހިލާފުވުމުން އެކަމުގެ ޒިންމާ ނަގަން ނުޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ހެޝަން ބަންދާމެދު ގޮތެއް ނިންމާ ކޯޓުން ނެރުނު އަމުރެއްގައި ބުނީ ހެއްކެއްގެ ބަޔާނަށް ބަލާއިރު އޭނާ ފިލައިގެންދާން އުޅޭ ކަމަށް ބެލެވޭ ކަމަށެވެ. މީގެ އިތުރުން ހެޝަން މަސައްކަތް ކުރަމުން ދަނީ ގަވާއިދާ ހިލާފަށް ކަމަށް އައިއޯ ފާހަގަކޮށްފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

Ad by Hajj Corporation
މި މައްސަލައިގައި ފުލުހުން ވަނީ ހާދިސާގެ ރިޕޯޓާއި ސީސީޓީވީ ސްނެޕްޝޮޓް ހުށަހަޅާފައިވެއެވެ.
އަމީން މިއާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނުނީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އަމީން މިއާ މަރުވީ ޖެނުއަރީ 26 ވަނަ ދުވަހު މެންދުރު ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް އޭގެ ދަތްގަނޑުން ޖެހި ވެއްޓި އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އަމީން މިއާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައެވެ.
ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.

.jpg&w=3840&q=75)
