އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސްކޭމްގެ މައްސަލަ ރިޕޯޓުކުރުން ލަސްކުރުން: ފުލުހުން
7 އޭޕްރީލު 2026 - 05:14

ފާއިތުވި އަހަރުގެ ތެރޭގައި ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސްކޭމްގެ ޝިކާރައަކަށްވާ މީހުން، އެކަން ރިޕޯޓުކުރުން ލަސްވުންކަމަށް އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް، އާދަމް ނަވީދު ވިދާޅުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގައި ގާއިމުކޮށްފައިވާ އެންޓި-ސްކޭމް ސެންޓަރަށް އެއް އަހަރު ފުރުން ފާހަގަކުރީ އިއްޔެ އެވެ.

Ad by Hajj Corporation
އެއް އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ ސްކޭމެއް ހިނގާތާ މަދުވަގުތުކޮޅެއްގެ ތެރޭގައި، އެ ފައިސާ ޖަމާވި އެކައުންޓުން އެ ފައިސާ ނަގާ ކަމަށެވެ. އަދި އެ ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ހުރަސްތަކެއް ކުރިމަތިވާކަން އޭނާ ވަނީ ފާހަގަަކޮށްފަ އެވެ.
އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް 2259 މައްސަލަ ހުށަހެޅިފައިވާކަމަށާއި، އެ މައްސަލަތަކާ ގުޅިގެން 3852 އެކައުންޓް ފްރީޒްކުރިކަމަށެވެ. އަދި މި މައްސަލަތަކުގައި ހިމެނޭ ޖުމުލަ ފައިސާގެ 40 އިންސައްތަ ފައިސާ އަނބުރާ ހޯދައިދެވުނުކަމަށް ނަވީދު ވިދާޅުވި އެވެ.
މީގެ އިތުރުން، ސްކޭމާ ގުޅުންހުރި ކުށްތަކުގެ ތުހުމަތުގައި 36 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާކަމަށާއި އަދި ދައުވާކޮށްދިނުމަށް އެދި 10 މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މިދިޔަ އަހަރުގެ ތެރޭގައި ފޮނުވައިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ސްކޭމަރުންގެ އުކުޅުތަކަށް އަދިވެސް ދިވެހިން އަހުލުވެރިވެފައިވާ މިންވަރު ކުޑަކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ފައިސާގެ މުއާމަލާތްތައް ކުރުމުގައި ސަމާލުކަން އިތުރުކުރަންޖެހޭ ކަމަށެވެ.
އަދި އިންސްޕެކްޓަރ ވަނީ ސްކޭމެއްކަމަށް ޝައްކުކުރެވޭފަދަ އެއްވެސް މުއާމަލާތެއް ފާހަގަކުރެވިއްޖެނަމަ، އެ މައުލޫމާތު ލަސްނުކޮށް ކަމާބޭހޭ ފަރާތްތަކާ ހިއްސާކުރުމަށް ތަކުރާރުކޮށް އިލްތިާސްކޮށްފަ އެވެ.

.jpg&w=3840&q=75)
