logo
Bank of Maldives

Bank of Maldives

ޚަބަރު

ޞިއްޙީ ދުޅަހެޔޮކަމާ ގުޅުންހުރި މުހިންމު ބަދަލެއް ގެނައުމަށް މިއަދު އަޒުމް ކަނޑައަޅަމާތޯ: ވަޒީރު ނާޡިމް

އިސްމާޢިލް ރާތިޢު
7 އޭޕްރީލު 2026 - 06:19
ޞިއްޙީ ދުޅަހެޔޮކަމާ ގުޅުންހުރި މުހިންމު ބަދަލެއް ގެނައުމަށް މިއަދު އަޒުމް ކަނޑައަޅަމާތޯ: ވަޒީރު ނާޡިމް

ދުނިޔޭގެ ޞިއްޙަތު ދުވަހު، ޞިއްޙީ ދުޅަހެޔޮކަމާ ގުޅުންހުރި މުހިންމު ބަދަލެއް ގެނައުމަށް ޢަޒުމް ކަނޑައެޅުމަށް ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ގޮވާލައްވައިފިއެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބެއްގައި ވަޒީރު ވިދާޅުވީ، ދުޅަހެޔޮ ޞިއްޙަތަކީ ތިމާއަށާއި ތިމާ ލޯބިވާ އެންމެނަށް ލިބުން އެދޭނެ އެންމެ މަތިވެރި އެއް ނިޢުމަތް ކަމަށެވެ. އެހެންކަމުން، ދުޅަހެޔޮ އާދައަކަށް އަހުލުވެރިވުމަށް، ނުވަތަ ޞިއްޙަތަށް ނުރައްކާތެރި އާދައަކުން ދުރުވުމަށް ކަނޑައަޅާ ލަނޑުދަނޑި ޙާޞިލުކުރުމަށް ޢަޒުމް އާކުރުމަށާއި، ޞިއްޙީ ދުޅަހެޔޮކަން ޙާޞިލްކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޝިޢާރުކަމަށްވާ "together for health, stand with science" ބިނާވެގެންވަނީވެސް އެންމެން އެކުގައި، ސައިންސްގެ އެހީތެރިކަމާއެކު ދުޅަހެޔޮ ޞިއްޙަތަކަށް މަސައްކަތްކުރުމުގެ މައްޗަށް ކަމަށެވެ. މިއާއެކު، ޞިއްޙީ ދުޅަހެޔޮކަމަށް ކުރާ ކޮންމެ ކަމަކީވެސް ޒަމާނީ ސައިންސް އާއި ސާބިތުހިފޭ ތަހުލީލުތަކާއި ދިރާސާތަކުގެ ނަތީޖާއާއި ފަންނީ މައުލޫމާތާއި ތަޖުރިބާއަށް ބަރޯސާވެގެން ކުރާ ކަންކަމަށް ހެދުމަށް ވަޒީރު ގޮވާލެއްވިއެވެ.

ވަޒީރުގެ މި ޚިޠާބުގައިވަނީ، ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ވަރަކަށް ޞިއްޙީ ދާއިރާއަށް ކުރިއެރުން ލިބެމުން އަންނަކަން ފާހަގަކުރެއްވުމާއެކު، މީސްމީޑިއާގެ އެހީގައި މިދާއިރާއާ ގުޅޭ ނުރަނގަޅު، އަދި އެހާމެ ނުރައްކާތެރި މައުލޫމާތު ފެތުރުން އާންމުވެފައިވާކަން ފާހަގަކުރައްވާ، އެކަމަށް ސަމާލުވުމަށްވެސް ގޮވާލައްވާފައެވެ. އެގޮތުން، ގަސްތުގައި މީހުނަށް ކަމުގެ ހަގީގަތް އޮޅުވާލުމަށް، ނުވަތަ ރަނގަޅަށް ކަންކަން ނޭނގި ތިބެ ނަމަވެސް ދެވޭ މިފަދަ ޞައްޙަ ނޫން މައުލޫމާތާއި ދެކެވޭ ޙަޤީޤަތާ ޚިލާފު ވާހަކަތަކުގެ ސަބަބަުން ކުރިމަތިވާ ނޭދެވޭ ނަތީޖާތައް މަދުކުރުމަށް، މިއަދުގެ ޝިޢާރު މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ.

މިމޭރުމުން އިތުރަށް ވާހަކަދައްކަވަމުން ވަޒީރު ވަނީ ޞިއްޙީ ކަންކަން، ނުވަތަ ބަލިތަކާއި ބަލިޖެހުމާއި ބަލި ފެތުރުމާއި ބައްޔަށް ފަރުވާކުރުމާ ގުޅޭގޮތުން ސާބިތުނުހިފޭ ޔޯލަ ވާހަކަތައް ދެއްކުމާއި، ސާބިތު ނުހިފޭ ފަރުވާތަކާއި "ޙައްލު"ތައް ބުނެދިނުންފަދަ ކަންކަމާއި ވެކްސިންތަކާއި ބޭސްފަދަ ތަކެއްޗާމެދު ކަނޑައެޅިގެން ދޮގު މައުލޫމާތު ފެތުރުމާއި އޭގެ ބަދަލުގައި އެވެނި ކަމެއް ކުރުމަށް، ނުވަތަ މިވެނި އެއްޗެއް ބޭނުންކުރުމަށް ވަކާލާތުކުރުން އާންމުވެފައި ވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިކަންކަމަކީ ވަރަށް ޒިންމާދާރުކަން ކުޑަ، އަދި ބައެއް ފަހަރު މިކަމުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވާ ދަރަޖައަށް ހިނގައިދާނެ ކަންކަން ކަމަށް ވިދާޅުވެ، ވަޒީރު ވަނީ މިފަދަ ކަންކަމަށް ސަމާލުވުމަށް ނަޞޭޙަތްތެރިވެވަޑައިގެންފައެވެ. އަދި، ތިމާއާއި ތިމާގެ ޢާއިލާގެ ޞިއްޙީ ދުޅަހެޔޮކަމާ ގުޅުންހުރި މުހިންމު ނިންމުންތަކުގައި ޞިއްޙީ އިދާރާތަކާއި، ޞިއްޙީ މާހިރުންގެ ލަފަޔާއި އިރުޝާދަށް އިތުބާރުކޮށް އެއާ އެއްގޮތަށް ޢަމަލުކުރުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅު އިތުރަށް ކުރިއަށް ގެންދަވަމުން ވިދާޅުވީ، ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމަކީ ޒަމާނީ މެޑިކަލް ސައިންސް އާއި ޒަމާނީ ވަޞީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ، ޒަމާނީ ތައުލީމާއި ތަމްރީނުން ޤާބިލުކަން ހޯދާފައިވާ ޚިދުމަތްތެރިންތަކެއް މަސައްކަތްކުރަމުން އަންނަ ހަރުދަނާ ޞިއްހީ ނިޒާމެއް ކަމަށެވެ. އަދި، ބަލިތަކުން ދިފާޢުވުމާއި ބައެއް ބަލިތައް ރާއްޖެއިން އެއްކޮށް ނައްތާލުމާއި ބޭސްފަރުވާކުރުމުގައި ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ކާމިޔާބީތަކާއި ކުރިއެރުމުގެ ޙަޤީޤީ ސިއްރަކީ މެޑިކަލް ސައިންސް އާއި ސާބިތުހިފޭ ފަންނީ މަޢުލޫމާތަށް އިތުބާރުކޮށް، އެއަށް އަހުލުވެރިވެ، އެ އުޞޫލުން އިންތިޒާމުތައް އެކަށައަޅާފައިވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ޚިޠާބުގައި ވަނީ، ދުނިޔޭގެ ޞިއްޙަތު ދުވަހު، ޞިއްޙީ ދުޅަހެޔޮކަމާ ގުޅުންހުރި މުހިންމު ބަދަލެއް ގެނައުމަށް ޢަޒުމް ކަނޑައެޅުމަށް ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ގޮވާލައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޞިއްޙީ ދުޅަހެޔޮކަމާ ގުޅުންހުރި މުހިންމު ބަދަލެއް ގެނައުމަށް މިއަދު އަޒުމް ކަނޑައަޅަމާތޯ: ވަޒީރު ނާޡިމްޚަބަރު | 2 ދުވަސް ކުރިންދުނިޔޭގެ ޞިއްޙަތު ރައްކާތެރިކުރުމުގައި ސައިންސްގެ ދައުރު މުހިންމު: ރައީސްޚަބަރު | 2 ދުވަސް ކުރިންމި ސަރުކާރުން ޞިއްޙީ ސިޔާސަތު ތަންފީޒު ކުރަމުންދަނީ ލާމަރުކަޒީ އުސޫލުން: ވަޒީރު ނާޒިމްޚަބަރު | 11 ދުވަސް ކުރިން"އެ ރަށެއްގެ ރައްޔިތުން އިސްވެ ދުންފަތުގެ އިސްތިމާލުކުރުން ހުއްޓާލަން ނިންމުމުން، އެކަން ކުރާނީ އެޗްޕީއޭ އާ ގުޅިގެން"ޚަބަރު | 4 މަސް ކުރިން