ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި
7 އޭޕްރީލު 2026 - 11:09

އަތޮޅުތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލަ ރިޕޯޓުކޮށްފައިވަނީ 2026 އޭޕްރީލް 6 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

Ad by Hajj Corporation
މި މައްސަލައިގެ ތަހުގީގު ހަރުދަނާކުރުމުގެ ގޮތުން، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ހާއްސަ ތަހުގީގު ޓީމެއް މިހާރު ވަނީ އެ ރަށަށް ގޮސް ހަރަކާތެރިވާން ފަށާފައެވެ. މި ޓީމުން ދަނީ ހާދިސާއާ ގުޅުންހުރި މައުލޫމާތުތައް އެއްކޮށް، މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަމުންނެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކެއް ފެތުރެމުންދާކަން ފާހަގަކުރައްވައި ފުލުހުން ވަނީ މީޑިއާތަކަށާއި އާންމުންނަށް ހާއްސަ އިލްތިމާސެއް ކުރައްވާފައެވެ. އެގޮތުން، ހަގީގަތާ ހިލާފު ވާހަކަތަކާއި، ކަން ހިނގައިދިޔަ ގޮތް އޮޅޭ ފަދަ ނުވަތަ ކަންބޮޑުވުން އިތުރުވާ ފަދަ މައުލޫމާތުތައް ނުފެތުރުމަށާއި، ކަށަވަރުނުވާ މައުލޫމާތަށް ބަރޯސާނުވުމަށް ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން، އަނިޔާ ލިބުނު ފަރާތަކީ ކުޑަކުއްޖަކަށް ވުމާއެކު، އެ ކުއްޖާގެ ޒާތީ މައުލޫމާތާއި ކަރާމާތް ހިފެހެއްޓުމަށް ފުލުހުން ބާރުއަޅުއްވައެވެ. "ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ކުއްޖާ އަކީ ކާކުކަން އެނގިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އިތުރު ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް އެއްޗެއް ހިއްސާނުކުރުމަށް" ފުލުހުންގެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ މައްސަލަތަކަކެކެވެ.

.jpg&w=3840&q=75)
