ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރުމަށްޓަކާ އެމްޕީއެލްގެ އިދާރީ މުވައްޒަފުންގެ ގަޑި ކުރުކޮށްފި
9 އޭޕްރީލު 2026 - 05:28

ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން،ޝިފްޓް އުސޫލުން މަސައްކަތްނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑި ކުރުކުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް އިން ނިންމައިފިއެވެ.
އެމްޕީއެލްއިން ޚަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކެއް އަޅަން ނިންމިކަން އިއުލާންކުރީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަރުކާރު ކުންފުނިތަކާއި ސަބްސިޑަރީ ކުންފުނިތަކުން ޚަރަދުކުޑަކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ)ން އަންގައިފައި ވަނިކޮށެވެ.

Ad by Hajj Corporation
އެމްޕީއެލްެއިން މި ބަދަލުތަށް ގެންނަން ނިންމާފައިވަނީ އަންގާރަދުވަހުން ފެށިގެންނެވެ.
އެމްޕީއެލްއިން އިއުލާންކުރި ފިޔަވަޅުތަކުގެ ތެރޭގައި، ޝިފްޓް އުސޫލުން މަސައްކަތްނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑި ކުރުކުރުން ހިމެނެއެވެ. އެގޮތުން، އެ މުވައްޒަފުންގެ ރަސްމީ މަސައްކަތުގެ ގަޑިއަކީ 7:30އިން 14:00އަށް ކަމަށް ވަނީ ކަނޑައަޅައިފައެވެ. މީގެ ކުރިން އެ މުވައްޒަފުން މަސައްކަތް ކުރަމުން އައީ 7:30 އިން 15:30 އަށެވެ.
ހަމައެއާއެކު، އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު އަށް ގަޑިއިރަށްވުރެ އިތުރުނުކުރުމަށް ވެސް އެމްޕީއެލްއިން ވަނީ ނިންމައިފައެވެ. އަދި ރާއްޖޭން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުުރުތައް ހުއްޓާލިކަން ވެސް އެ ކުންފުނީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖޭން ބޭރަށް ކުރަން ޖެހޭ ދަތުރުތަކުގައި ވެސް، ބޭރުގެ ފަރާތްތަކުން ޚަރަދުތައް ހަމަޖައްސާ ގޮތަށް ދަތުރުކުރުމަށާއި، ރާއްޖޭން ބޭރުގައި ތިބި ކަސްޓަމަރުންނާއި ސްޕްލަޔަރަކުންނާ އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުމަށް އެމްޕީއެލްއިން ވަނީ ނިންމައިފައެވެ.
މީގެ އިތުރުން އެ ކުންފުނިން ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި:
- ރާއްޖޭން ބޭރަށް މުވައްޒަފުން ފޮނުވައިގެން ކުރިއަށް ގެންދާ ޓްރެއިނިންތައް މި ވަގުތަށް ހުއްޓާލައި، އެފަދަ ޕްރޮގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުން
- މި މަހުގެ 15 ވަނަ ދުވަހު ބާއްވަން އޮތް، މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026 ފަސްކުރުން. އެ ކޮންފަރެންސް މިހާރު ތާވަލުކޮށްފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހަށް.
- ކަރަންޓުގެ ޚަރަދު ކުޑަކުރުން. ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށާއި، ކަރަންޓު އިސްރާފު ކުޑަކުރެވޭނެ އާދަތަކަށް މުވައްޒަފުންގެ އަހުލުވެރިކުރުމަށް ހަރަކާތްތަކެއް ހިންގުން.
އެމްޕީއެލްއިން ވަނީ، އޮޕަރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު އަށް ގަޑިއިރަށްވުރެ އިތުރުނުކުރުމަށް ނިންމި ނަމަވެސް، މާލޭ ވިޔަފާރި ބަނދަރުގެ މުދާ ބޭލުމާއި މުދާ ކްލިއާކުރުމުގެ މަސައްކަތްތައް ހިނގާ ވަގުތުތަކަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ބުނެފައެވެ. އަދި، މި ބަދަލާއެކުވެސް، މުދާ ބޭލުމާއި ކްލިއާކުރުމުގެ ޚިދުމަތްތައް މިހާރެކޭ އެއް ގޮތަށް ކަސްޓަމަރުންނަށް ލިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވެއެވެ.

.gif&w=1920&q=75)
