ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި 73 ގިންތިއަކުން ބައިވެރިވުމުގެ ފުރުސަރު ހުޅުވާލައިފި
10 އޭޕްރީލު 2026 - 04:49

ދިވެހި އުފެއްދުންތެރިކަމާއި ވިޔަފާރިވެރިކަން ދައްކުވައިދިނުމުގެ ގޮތުން ބާއްވާ އެންމެ ބޮޑު ގައުމީ މައުރަޒު ކަމުގައިވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026"ގައި ބައިވެރިވުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ އިސްނެގުމުގެ މަތިން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އިން އިންތިޒާމުކޮށްގެން ބާއްވާ މި އެކްސްޕޯގެ އުސޫލު މިހާރު ވަނީ އާންމު ކޮށްފަ އެވެ.

Ad by Hajj Corporation
މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މި މަޢުރަޒަކީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށާއި، ދިވެހި ފަންނުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބޭއްވޭ މަޢުރަޒެއް ކަމަށެވެ.
މިއަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ބީސީސީން މައުލޫމާތު ދެ އެވެ. މި އެކްސްޕޯގައި ވާދަކުރެވޭ ދާއިރާތަކާއި ގިންތިތަކާ ގުޅޭ ހުރިހާ ކަމެއް އިންތިޒާމު ކުރާނީ އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީ ގުޅިގެން އެކުލަވާލާފައިވާ ފަންނީ ކޮމިޓީއަކުންނެވެ.
މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޫބަރު 23 އިން 31 އަށް ހުޅުމާލޭގަ އެވެ. މިއީ ދިވެހި އުފެއްދުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރާއި އުފެއްދުންތައް އާންމުންނަށް ދައްކާލުމަށާއި، އައު މާކެޓްތަކާ ގުޅުން ބަދަހިކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
މޯލްޑިވްސް އެކްސްޕޯ 2026 ގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 13 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވަނީ ހުޅުވާލާފައެވެ. މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެ އެވެ.
މި މައުރަޒާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ބީސީސީގެ ހޮޓްލައިން ނަންބަރު 3330601 އަށް ގުޅުއްވުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.

.gif&w=1920&q=75)
