logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެފްއޭ ކަޕަށް ނިއު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފަ: ކޯޗު

މުހައްމަދު ޒާހިރު
10 އޭޕްރީލު 2026 - 08:20
އެފްއޭ ކަޕަށް ނިއު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފަ: ކޯޗު

ހުކުރު ދުވަހު ފަށާ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތަަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެޓީމުގެ ކޯޗު އަންދްރޭ ބުނެފި އެވެ.

އެފްއޭ ކަޕްގެ ކުއާޓަރ ފައިނަލްގައި މިރޭ އޮޑި ސްޕޯޓްސް ކްލަބާއި ދެކޮޅަށް ނިކުތުމުގެ ކުރިން އިއްޔެ ހަވީރު ބޭއްވި އެންމެ ފަހުގެ ޕްރެކްޓިސް އަށްފަހު މެންދުރުޓީވީ އަށް ދިން އިންޓަވިއުއެއްގައި އަންދްރޭ ބުނީ، މިއީ ކްލަބަށް ވަރަށް މުހިންމު މުބާރާތެއް ކަމަށާއި، ނިއުގައި ރަނގަޅު ޓީމެއް އެބައޮތް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިންގެ އިރުޝާދުގެ ދަށުން މިސީޒަނަށް ނިއު އިން ނިކުތްނަމަވެސް، ދިވެހި ޕްރިމިއަރ ލީގާއި ޕްރެޒިޑެންޓްސް ކަޕަށްފަހު އާއިލީ ސަބަބަކާއިހުރެ ކޯޗުގެ މަގާމުން ވަކިވެ، ސުޒެއިން ވަނީ އެކްލަބުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ހަވާލުވެފައެވެ. ނިއު އިން މިމުބާރާތަށް ނިކުންނައިރު އެޓީމުގެ ކޯޗަކީ މިސީޒަނަށް އެކްލަބުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް ގެނައި ސްޕެއިންގެ ފްރެންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) އެވެ.

IMG08049.jpg

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗު ފްރެންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ)

 

އަންދްރޭ ބުނީ، މިރޭގެ މެޗަކީ ފައިނަލެއް ކަމަށާއި، ފައިނަލެއްގައި އޮންނާނީ ކޮންމެ ޓީމަކަށްވެސް ފިފްޓީ-ފިޓްޗީ ފުރުޞަތެއް ކަމަށެވެ. އެހެންނަމަވެސް މި މެޗަށް ނިއު އިން ނުކުންނައިރު ކުޅުންތެރިންތިބީ ވަރަށް ފުރިހަމައަށް ތައްޔާރުވެ، އިތުބާރާއެކު ކަމަށާއި، ޓީމާއި މެނޭޖްމަންޓަށް އޭނާގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އަންދްރޭ ބުންޏެވެ. އަދި މިމެޗަށް ވީހާވެސް ގިނަ އަަދަދެއްގެ ސަޕޯޓަރުން ދަނޑަށްވަދެ، 12 ވަނަ ކުޅުންތެރިޔާގެ ދައުރު އަދާކޮށް ދިނުން ވަރަށް މުހިންމު ކަމަށް އަންދްރޭ ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކްލަބާއި ދެކޮޅަށް ނިއު އިން މިރޭ ނިކުންނައިރު، މިދެ ޓީމް ވަނީ މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި މިދެޓީމް ކުޅުނު މެޗު 1-0ން އޮޑި ސްޕޯޓްސް ކްލަބު ކާމިޔާބު ކުރިއިރު، ލީގުގެ ދެވަނަ ބުރުގައި މިދެޓީމުގެ ކުރިމަތިލުން ނިމިފައިވަނީ 0-0ން އެއްވަރު ވެގެންނެވެ. އަދި ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖްގައި މިދެޓީމް ބައްދަލުކުރި މެޗު ނިމުނީ 1-1ން އެއްވަރު ވެގެންނެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު އެފްއޭ ކަޕްގެ މުބާރާތެއް މިސީޒަނަށް ތާވަލްކުރިއިރު، ނިއުރޭޑިއަންޓަކީ އެފްއޭ ކަޕްގައި އެންމެ ކާމިޔާބު ޓީމެވެ. ނިއު އިން ވަނީ 12 ފަހަރު މިމުބާރާތް ކާމިޔާބުކޮށް، މި މުބާރާތުގެ ތަށި ދެ ފަހަރު މިލްކުކޮށްފައެވެ.

މިމުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައެވެ. އެމުބާރާތުގެ ފައިނަލްގައި 2-0 ން ވެލެންސިޔާ ބަލިކޮށް މުބާރާތުގެ ތަށި އުފުލާލީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ.

އަަށް ޓީމު ވާދަކުރާ މިމުބާރާތުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ހަވީރު އީގަލްސް ނިކުންނާނީ ތިންވަނަ ޑިވިޝަންގެ ބްލޫސް ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. ކުއާޓަރ ފައިނަލްގެ ދެވަނަ މެޗުގައި ހުކުރު ދުވަހުގެރޭ ނިއުރޭޑިއަންޓާއި އޮޑި ސްޕޯޓްސް ކްލަބު ބައްދަލުކުރާއިރު، ހޮނިހިރު ދުވަހު ކުޅޭ ކުއާޓަރގެ ތިންވަނަ މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބު ނިކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. ހޮނިހިރު ދުވަހު ކުޅޭ ކުއާޓަރގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާދެކޮޅަށް ނިކުންނާނީ ބުރު ސްޕޯޓްސް ކްލަބެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރުތަކަކަށްފަހު އެފްއޭ ކަޕް މިއަދު ފަށަނީކުޅިވަރު | 2 ގަޑިއިރު ކުރިންއެފްއޭ ކަޕަށް ނިއު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފަ: ކޯޗުކުޅިވަރު | 3 ގަޑިއިރު ކުރިންނިއު ރޭޑިއަންޓުގެ ހެޑް ކޯޗަކަށް ސްޕެއިންގެ އަންދްރޭ ހަމަޖައްސައިފިކުޅިވަރު | މަހެއް ކުރިންނިއުރޭޑިއަންޓްގެ ކޯޗުކަމުން އަލީ ސުޒޭން ވަކިވެ ޓެކްނިކަލް ޑައިރެޚްޓަރަށްކުޅިވަރު | މަހެއް ކުރިން