އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް މިއަދު ފަށަނީ
10 އޭޕްރީލު 2026 - 08:52

ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް މިއަދު ފަށާނެ އެވެ.
ފުރަތަމަ ޑިވިޝަންގެ ހަތް ޓީމާއެކު ތިންވަނަ ޑިވިޝަން ޓީމަކާއެކު، ޖުމްލަ އަށް ޓީމު ވާދަކުރާ މިމުބާރާތުގެ ކުޅުން މިއަދު ފަށާނީ ކުއާޓަރ ފައިނަލް ބުރުންނެވެ.

Ad by Hajj Corporation
މިމުބާރާތުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ކްލަބް އީގަލްސް ނިކުންނާނީ ތިންވަނަ ޑިވިޝަންގެ ބްލޫސް ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. މިރޭ ކުޅޭ ކުއާޓަރ ފައިނަލްގެ ދެވަނަ މެޗުގައި މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ނިކުންނާނީ މިސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ.
މާދަމާ ހަވީރު ކުޅޭ ކުއާޓަރ ފައިނަލްގެ ތިންވަނަ މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާއިރު، މާދަމާ ރޭ ކުޅޭ ކުއާޓަރ ފައިނަލްގެ ފަހު މެޗުގައި މިސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަން އަދި އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ނިކުންނާނީ ބުރު ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ.
އެފްއޭ ކަޕަކީ މިއަހަރުގެ ފުޓްބޯޅަ ސީޒަނުގެ ފަހު މުބާރާތެވެ. މިމުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރު އެވެ. އެމުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ ހޯދާފައިވަނީ ފައިނަލްގައި 2-0ން ވެލެންސިޔާ ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހު އެވެ.
އަހަރުތަކަކަށްފަހު އެފްއޭ ކަޕްގެ ކުޅުން މިއަދު ފަށާއިރު، މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ވަނީ މެދުކެނޑުމަކަށްފަހު އެނބުރި ފުރަތަމަ ޑިވިޝަނަށް ނިކުމެފައެވެ. ނިއުރޭޑިއަންޓުން ވަނީ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ދެފަހަރު މިލްކުކޮށް، 12 ފަހަރު މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

.gif&w=1920&q=75)
