ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ފްރާންސްގެ ލީގު 1 ގެ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުން ހަކީމީ އުނިކޮށްފި
11 އޭޕްރީލު 2026 - 04:00

ފްރާންސްގެ ލީގު 1 ގައި ކުޅޭ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ޝަރަފުވެރި "މާކް-ވިވިއަން ފޯ އެވޯޑް" ގެ 2025/26 ވަނަ އަހަރުގެ ޝޯޓްލިސްޓުން ޕީއެސްޖީގެ ވައިސް ކެޕްޓަން އަޝްރަފް ހަކީމީ އުނިކޮށްފިއެވެ.
ފްރާންސްގެ ނޫހެއް ކަމަށްވާ ލެކިއުޕް (L’Équipe) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މޮރޮކޯގެ ގައުމީ ޓީމުގެ ތަރި މި ލިސްޓުން އުނިކުރީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭނާގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެންނެވެ.

Ad by Hajj Corporation
މި އެވޯޑަށް ކުޅުންތެރިން ހޮވުމުގައި ބަލާ މައިގަނޑު އެއް މިންގަނޑަކީ ދަނޑުމަތީގައާއި ދަނޑުން ބޭރުގައިވެސް ކުޅުންތެރިޔާގެ އަޚްލާގު ރަނގަޅުވުމެވެ. ހަކީމީގެ މައްޗަށް މިހާރު ކުރިއަށްދާ ގާނޫނީ މައްސަލަތަކުގެ ސަބަބުން، އޭނާއަކީ ނަމޫނާ ކުޅުންތެރިއެއްގެ ގޮތުގައި ބަލަން ދަތިވާތީ އިންތިޒާމުކުރާ ފަރާތްތަކުން ވަނީ އޭނާ ނޮމިނޭޝަން ލިސްޓުން އުނިކުރަން ނިންމާފައެވެ.
އުމުރުން 27 އަހަރުގެ ހަކީމީގެ މައްސަލަ މިހާރު ވަނީ ޑިޕާޓްމަންޓަލް ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. މި ޝަރީއަތުގައި 2023 ވަނަ އަހަރު ހިނގި ކަމަށް ބުނާ ހާދިސާއާ ގުޅޭ ތަފްސީލުތައް ބަލައި ގޮތެއް ނިންމާނެ ކަމަށް ބެލެވެއެވެ.
މާކް-ވިވިއަން ފޯ އެވޯޑަކީ 2003 ވަނަ އަހަރުގެ ކޮންފެޑަރޭޝަންސް ކަޕްގައި ކުޅެމުން ދަނިކޮށް ހާޓް އެޓޭކެއް ޖެހިގެން މަރުވި ކެމަރޫންގެ ކުރީގެ މިޑްފީލްޑަރު މާކް-ވިވިއަން ފޯގެ ހަނދާނުގައި ދޭން ފެށި އެވޯޑެކެވެ. މިއީ ކޮންމެ އަހަރަކުވެސް ފްރާންސް ލީގުގައި ކުޅޭ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދެވޭ އެވޯޑެކެވެ.

.gif&w=1920&q=75)
