ވިލުފުއްޓާއި ތުޅާދޫން ދޫކުރާ ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
11 އޭޕްރީލު 2026 - 11:20

ތ. ވިލުފުއްޓާއި ބ. ތުޅާދޫގައި އަޅާފައިވާ ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު އިއުލާނުކޮށްފިއެވެ.
މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ދެ ރަށުން ދޫކުރާ ހައުސިންގ ޔުނިޓުތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު 30 އެޕްރީލް 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 23:59 އާ ހަމައަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. މީގެ ކުރިން އޮތް ގޮތުން ނަމަ، މި ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވާނެއެވެ.

Ad by Hajj Corporation
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ބ. ތުޅާދޫގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅަންޖެހެނީ އުސޫލު ނަންބަރު G-33/2025 ގެ ދަށުންނެވެ. އަދި ތ. ވިލުފުށީގައި އިމާރާތްކުރާ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅަންޖެހެނީ އުސޫލު ނަންބަރު G-34/2025 ގެ ދަށުންނެވެ. މި ދެ ރަށުގެ ހައުސިންގ ޔުނިޓުތަކަށް ވެސް ފޯމު ހުށަހަޅަންޖެހެނީ "ހިޔާވެހި ޕޯޓަލް" (https://hiyaavehi.housing.gov.mv) މެދުވެރިކޮށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމަށް ދެއްވާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ކޮންމެ ރަށަކުން ވެސް 100 ހައުސިންގ ޔުނިޓު ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހައުސިންގ ޔުނިޓުތަކަކީ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިމަތިލުމަށް ހުޅުވާލާފައިވާ ޔުނިޓުތަކެކެވެ.
މި ދެ ރަށުގައި ގާއިމްކޮށްފައިވާ ހައުސިންގ ޔުނިޓުތަކުގައި، ކޮންމެ ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހާނާ، ބަދިގެ އަދި ސިޓިންގ ރޫމް ހިމެނެ އެވެ. މި ޔުނިޓުތައް އިމާރާތްކޮށްފައިވަނީ 2002.09 އަކަފޫޓުގެ ބޮޑު ބިމެއްގައެވެ.
މި ފުރުސަތު އިތުރުކުރުމާ ގުޅިގެން، ޝަރުތު ހަމަވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

.gif&w=1920&q=75)
