ޓްރަމްޕް އަވަހާރަކޮށްލައި، ދަރިކަލުން ބެރަން ޓްރަމްޕްގެ ބޯ ބުރިކޮށްލާނެ ކަމުގެ އިންޒާރު ދިން މީހަކަށް ދައުވާކޮށްފި
11 އޭޕްރީލު 2026 - 11:47

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލައި، އެމަނިކުފާނުގެ ދަރިކަލުން ބެރަން ޓްރަމްޕްގެ ކަރު ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން ޗިކާގޯގެ މީހެއްގެ މައްޗަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ދަޢުވާ އުފުލައިފިއެވެ.
ޢުމުރުން 29 އަހަރުގެ މައިކަލް ކޮވްކޯ ނަމަކަށް ކިޔާ މި މީހާ، ވައިޓް ހައުސްގެ ވެބްސައިޓް މެދުވެރިކޮށް މާރިޗު 17 ވަނަ ދުވަހު ފޮނުވި މެސެޖެއްގައި، ރައީސް ޓްރަމްޕާއި އެމަނިކުފާނުގެ 20 އަހަރުގެ ދަރިކަލުން ބެރަން ޓްރަމްޕް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް އިލިނޯއީގެ ނޮދަން ޑިސްޓްރިކްޓްގެ ޕްރޮސެކިއުޓަރުން ހާމަކުރެއެވެ.

Ad by Hajj Corporation
ކޮވްކޯ ފޮނުވި ކަމަށް ބުނާ މެސެޖުގައި ބުނެފައިވަނީ، އޭނާ ހައި-ކެލިބަރ ސްނައިޕަރ ރައިފަލެއް ބޭނުންކޮށްގެން ވައިޓް ހައުސް ކައިރީގައި ފާރަލައި، ރައީސް އަވަހާރަކޮށްލުމަށްފަހު، ވަޅިއަކުން ބެރަން ޓްރަމްޕްގެ ބޯ ބުރިކޮށްލާނެ ކަމަށެވެ. އަދި މިއީ ސަމާސާ އެއް ނޫން ކަމަށާއި، މިއީ އޭނާ ވަރަށް ސީރިއަސްކޮށް ރާވަމުންދާ ކަމެއް ކަމަށްވެސް އެ މެސެޖުގައި ބުނެފައިވެއެވެ.
މި އިންޒާރާ ގުޅިގެން ސީކްރެޓް ސާވިސްގެ އެޖެންޓުން ކޮވްކޯގެ ގެއަށް ދިޔަ ނަމަވެސް، އެ ދުވަހު އޭނާ ދިމާވެފައެއް ނުވެއެވެ. އޭގެ ފަހުން އޭނާ ވަނީ ފެޑެރަލް އެޖެންޓުންނަށް ހަމަލާދޭނެ ކަމަށް ބުނެ އިތުރު އިންޒާރުތަކެއް ވެސް ވައިޓް ހައުސްގެ ވެބްސައިޓަށް ފޮނުވާފައެވެ. އެ މެސެޖުތަކުގައި އޭނާ ބުނެފައިވަނީ، އޭނާގެ ގެއަށް އަންނަ އެޖެންޓުންނާއި އެމީހުންގެ އާއިލާތައް ހޯދައި، ބަޑިން ހަމަލާދޭނެ ކަމަށެވެ. މީގެ އިތުރުން، އޭނާގެ ގެއަށް އަންނަ އެހެން އެޖެންޓުންނާ ދެކޮޅަށް ގޮވާތަކެތި ބޭނުންކުރާނެ ކަމުގެ އިންޒާރުވެސް އޭނާ ދީފައިވެއެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި، މާރިޗު 19 ވަނަ ދުވަހު ފޮނުވި އެހެން މެސެޖެއްގައި، ނިއުޔޯކް ނުވަތަ ވޮޝިންގޓަންގައި ބެރަން ޓްރަމްޕް އުޅޭ ތަނެއް ހޯދައި، އޭނާއަށް ހަމަލާދޭނެ ކަމަށް ހުތުރު ބަހުން އިންޒާރު ދީފައިވެއެވެ.
މި މެސެޖުތައް ފޮނުވި އައިޕީ އެޑްރެސް މެދުވެރިކޮށް ކޮވްކޯ ހޯދައި، އޭޕްރިލް 3 ވަނަ ދުވަހު އޭނާ ވަނީ ހައްޔަރުކޮށްފައެވެ. ތަޙުޤީޤު ކުރާ ފަރާތްތަކުން އޭނާގެ ގެއަށް ދިއުމުން، އޭނާއާއެކު ދިރިއުޅޭ މީހަކު ބުނެފައިވަނީ، ކޮވްކޯ އަކީ ވަޒީފާއެއް ނެތް މީހެއް ކަމަށާއި، އޭނާ ބޭނުންކުރަންޖެހޭ ބޭސްތައް ބޭނުން ނުކުރާ ކަމަށެވެ. އެ ވަގުތު ކޮވްކޯ އެތަނަށް އައިސް، އެޖެންޓުންނާ ދިމާލަށް ހުތުރު ބަހުން ވާހަކަދައްކައި، އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ހޯދުމަށް ބުނެ ގޮންޖަހާފައިވެއެވެ.
ސީކްރެޓް ސާވިސްގެ ޝިކާގޯ ފީލްޑް އޮފީހުގެ އިސް އޮފިޝަލް ޑައި ޓްރޭން ވިދާޅުވީ، ސީކްރެޓް ސާވިސްއިން އަބަދުވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންދާ ކަމަށާއި، އެ އިދާރާގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކަށް ލިބޭ ކޮންމެ އިންޒާރަކަށް ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ.
ޔޫ.އެސް އެޓަރނީ އެންޑްރޫ ބޫޓްރޯސް ވިދާޅުވީ، ސިޔާސީ ހަރުކަށި އަމަލުތަކަކީ ފެޑެރަލް ބޮޑު ކުށެއްގެ ގޮތުގައި ބަލައި، އެފަދަ ކަންކަން ކުރާ ފަރާތްތަކަށް ޤާނޫނީ ގޮތުން ދެވޭނެ އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށެވެ. ކޮވްކޯގެ މައްޗަށް އުފުލާފައިވަނީ ސްޓޭޓްތަކުގެ މެދުގައި މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން އިންޒާރު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

.gif&w=1920&q=75)
