ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓަރސް ލިސްޓު އާންމުކޮށްފި
12 އޭޕްރީލު 2026 - 06:59

މި މަހުގެ 18ވަަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރު ބުރުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފި އެވެ.
މި ލިސްޓަކީ އޭޕްރީލް 4 ވީ ހޮނިހިރު ދުވަހު ބޭއްވުނު އިންތިޚާބުގައި އިތުރު ބުރު ބާއްވަން ޖެހުނު ދާއިރާތަކުގެ ފައިނަލް ލިސްޓުގައިވާ ފަރާތްތަކާއި، އަލަށް 18 އަހަރު ފުރުމުގެ ސަބަބުން ލިސްޓަށް އިތުރުވި ފަރާތްތައް ހިމަނައިގެން އެކުލަވާލާފައިވާ ލިސްޓެކެވެ.

Ad by Hajj Corporation
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި، މި ރަޖިސްޓަރީ މިހާރު ދިވެހިސަރުކާރުގެ ގެޒެޓު (www.gazette.gov.mv) އާއި އެ ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) އިން ފެންނަން ހުންނާނެ އެވެ.
މީގެ އިތުރުން، 1414 އަށް VR (space) IDNO ޖެއްސެވުމަށްފަހު އެސް.އެމް.އެސް ކޮށްގެންވެސް ވޯޓުލުމުގެ ޙައްޤު ލިބިފައިވާކަން ޔަޤީންކުރެވޭނެ އެވެ.
މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދު (12 އޭޕްރީލް 2026، އާދީއްތަ) ހެނދުނު 10:00 އިން މެންދުރު 12:00 ގެ ނިޔަލަށް ވަނީ ދީފަ އެވެ.
ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފައިވަނީ، އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވަރުވި ފަސް ދާއިރާއަކަށެވެ.
އެއީ ލޯކަލް ކައުންސިލް އިންތިޚާބުގެ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑިއާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑި އެވެ. ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާއަކީ ވެސް އަންހެނުންނަށް ޚާއްޞަ ގޮނޑިއެކެވެ.
އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރު ބާއްވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށުގެ ގޮނޑިއަކަށެވެ.
މި އިންތިޚާބާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ކޮމިޝަނުގެ ހޮޓްލައިން 1414 އަށް ގުޅުއްވުމަށް ނުވަތަ ކޮމިޝަނުގެ މައި އިދާރާ ނުވަތަ އިންތިޚާބާބެހޭ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފައިވެ އެވެ.

.gif&w=1920&q=75)
