ދިވެހި ހައްޖުވެރިންނަށް ސަޢޫދީއަށް ދިއުމަށް އެއްވެސް ދަތިކަމެއްނެތް: ވަޒީރު ޝަޙީމް
12 އޭޕްރީލު 2026 - 12:19

ދިވެހި ހައްޖުވެރިންނަށް ސަޢޫދީއަށް ދިއުމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މިހެން ވިދާޅުވީ މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢޫދީ ޢަރަބިއްޔާއަށް ދިއުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އަދި ދިވެހި ޙައްޖާޖީންގެ އެންމެހާ ދަތުރުގެ އެންމެހާ ކަންތައްތަކެއްވެސް ވަރަށް ފުރިހަމައަށް ހަމަޖެހި އިންތިޒާމްކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިގޮތުން، ވިސާއާއި ހުރުމާއި ކެއުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
މިދިޔަ އަހަރުން ފަށައިގެން، ރާއްޖެއިން ޙައްޖަށް ދާ މީހުން ގެންދިއުމަށް ނިންމާފައިވަނީ، 50 އިންސައްތަ މީހުން ސައުދީ އަރަބިއްޔާގެ ސައުދިއާ އެއާލައިން އަދި 50 އިންސައްތަ މީހުން ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުގައެވެ.
މެއި 15 އަދި 18 ގައި ދަތުރުކުރާ މީހުން ދަތުރުކުރާނީ، ސައުދިއާ އެއާލައިންގެ ފްލައިޓުތަކުގައެވެ. އަދި މޭ 17 އަދި 19ވަނަ ދުވަހު ދަތުރުކުރާ މީހުން ކުރާނީ، މޯލްޑިވިއަންގެ ފްލައިޓުގައެވެ.
ޙައްޖުގެ ތައްޔާރީތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޙައްޖު މިޝަން އަދި ކޯޕަރޭޝަން ގުޅިގެން އަންނަނީ، ކުރިއަށް ގެންދަމުންނެވެ.

.gif&w=1920&q=75)
