ސާފިން ސްޓޭޑިއަމްގެ އިމާރާތް ކޮންކްރީޓުން ހަދަނީ
13 އޭޕްރީލު 2026 - 12:32

ކުރިން ހަމަޖެހިފައިވާ ގޮތާ ޚިލާފަށް ސާފިން ސްޓޭޑިއަމްގެ އިމާރާތް ކޮންކްރީޓުން ހަދަން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ އީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

Ad by Hajj Corporation
ވަޒީރު ވިދާޅުވީ، ސާފިން ސްޓޭޑިއަމްގެ ކުރެހުމަށް ބަދަލު ގެނެސް، އެތަނުގެ ބޮޑުމިނަށް މިހާރު 50 ފޫޓު އިތުރުކޮށްފައިވާ ކަމަށާއި ކުރިން އެތަން އަޅަން ނިންމީ "ޕްރީ ފެބްރިކޭޓެޑް" ސްޓްރަކްޗައަކަށް ނަމަވެސް، މިހާރު ސާފިން އެސޯސިއޭޝަނާއި، މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަނާއި މަޝްވަރާކޮށްގެން ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.
އެއީ ކުރިން ހަމަޖެއްސި ގޮތަށް އެތަން ހަދައިފިނަމަ، ލޮނުގެ އަސަރު ބޮޑު ސަރަހައްދަކަށްވުމުން، އެތަނުގެ މެއިންޓަނަންސަށް ހިނގާ ހަރަދުވެސް ބޮޑުވާނެތީކަން ގާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިހާރު ނިންމާފައިވަނީ އެތަނުގެ އިމާރާތް ކޮންކްރީޓުން ހަދާ ގޮތަށް ބަދަލުކުރަން ކަމަށެވެ. އަދި މިހާރު ކުރެހުން އެއްކޮށް ނިމި މިމަހުގެތެރޭގައި އަމަލީ މަސައްކަތް ފެށޭގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ސާފިން ސްޓޭޑިއަމްގެ މަސައްކަތް ފެށުން ލަސްވީ ކުރީގައި ޑިޒައިން ކުރިވަރަށްވުރެ ބޮޑުކޮށްފައި އަދި ކޮންކްރިޓް ސްޓްރަކްޗައަކަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށްޓަކައިކަން ފާހަގަކުރެއްވުމަށް ފަހު ވަޒީރު ވަނީ އެހެންނަމަވެސް މިހާރު ކޮންޓްރެކްޓަރާ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ނިންމަން ޖެހޭ ތާރީހަކަށްވެސް ބަދަލެއް ނާންނަ ކަމަށާއި އުންމީދުކުރަނީ ހަމަ މި މަސްތެރޭގައި މަސައްކަތް ފެށިގެންދާނެ ކަމަށްކަން ވެސް ވަޒީރު ފާހަހަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ އެތަން އިމާރާތް ކުރަން އެންމެ ރަނގަޅީ ކޮންކްރިޓް ސްޓްރަކްޗަރަކަށް ކަމަށް ޓެކްނިކަލް ބޭފުޅުންވެސް ލަފާ ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު މިހާރު ނިންމާފައިވަނީ އެތަން ގިނަދުވަހަށް ދެމިގެންދާގޮތަށް ބެލެހެއްޓުމަށް ހިންގާ ހަރަދު ކުޑަވާނެ ގޮތަކަށް ހެދުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސާފިން ސްޓޭޑިއަމް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނާއެވެ. މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާއާއި، ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަންގެ ފަރާތުން ސޮއިކޮށްފައިވަނީ 18 އޭޕްރީލް 2024 ގައެވެ.
ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ގޮތަށް މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދު އަލުން ތަރައްގީކުރުމަށް ބްރިޖް ވިއު ޕްލެޓްފޯމް ރޫޅާލުމުގެ މަސައްކަތް ފެށީ 25 ނޮވެމްބަރު 2024 ގައެވެ.
މި ސްޓޭޑިއަމް ތަރައްޤީކުރަނީ ކުޅިބަލާ މީހުންނަށް ހާއްސަ ސަރަހައްދަކާއި، ރޮސްޓްރަމާއި، މީޑިއާ ސަރަޙައްދާއި، ކޮމެންޓަރީ ބޮކްސްއާއި، ކެމެރާ ޑެކާއި، އޮބްޒަވޭޝަން ކޯނަރާއި، ޖިމާއި، މަލްޓިޕާޕަސް ހޯލް އަދި ކޮންފަރަންސް ރޫމާއި ޓެރަސް އަދި އެނޫންވެސް ޒަމާނީ ވަސީލަތްތައް ހިމެނޭގޮތަށެވެ.

.gif&w=1920&q=75)
