ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހަދާނަން: މިނިސްޓަރު ޝަހީމް
15 އޭޕްރީލު 2026 - 10:42

ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހަދާނެކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ މަޤާމާއި ހަވާލުވެލެއްވުމަށްފަހު މީޑިއާތަކަށް ފޮނުއްވެވި މެސެޖެއްގައެވެ. މިނިސްޓަރ ވިދާޅުވީ، ދިވެހި ރާއްޖޭގައި އައުޤާފު މަޝްރޫޢުތައް އިތުރުކޮށް އައުޤާފުގެ ނިޒާމު ހަރުދަނާކޮށް އައުޤާފު މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކޮށް، އައުޤާފު ޤާނޫނެއް ވުޖޫދު ކުރަން މަސައްކަތްކޮށް ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހަދާނެކަމަށެވެ.

Ad by Hajj Corporation
ރައީސް ޑރ މުއިއްޒުގެ މެނިފެސްޓޯގައި އައުޤާފާ ބެހޭ ގޮތުން ބަޔާންވެފައިވާ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ﷲ ގެ ރަޙުމަތްފުޅާއެކު މަސައްކަތްކުރާނަން: މިނިސްޓަރ ޑރ. ޝަހީމް
ތާރީޚުން އެނގެން އޮތް ގޮތުގައި، ދިވެހިރާއްޖޭ އިސްލާމްވީއްސުރެ އިސްލާމީ ވަޤުފުގެ ކަންކަން ދިވެހިރާއްޖާގައި ވަރަށް ފުޅާާދާއިރާއެއްގައި ހިނގާފައިވެއެވެ. މިކަމުގެ ހެއްކެއްގެ ގޮތުން 22 ޑިސެމްބަރު 1932 ގައި ދިވެހިރާއްޖޭގައި ޤާނޫނުއަސާސީއެއް ހިންގަން ފެށި އެންމެ ފުރަަތަމަ އުފެދުނު ވުޒާރާތަކުގެ ތެރޭގައި ވުޒާރަތުލް އައުޤާފު ހިމެނެއެވެ. ވުޒާރަތުލް އައުޤާފު ހިނގަމުންދިޔައީ 22 ޑިސެންބަރު 1932 އިން 29 އޮކުޓޫބަރު 1961 އަށެވެ.
އިސްލާމީ ކަންކަމާއި ބެހޭގޮތުން 1932 ގައި 2 ވުޒާރާ އުފެދިފައިވާކަމަށް ތާރީޚުތަކުން ހެކިދެއެވެ. ވަޒީރުލްޙައްޤާނިއްޔާގެ މަޤާމުގައި ހުންނެވީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީންއެވެ. އެއީ ދީނީ ޝިޢާރުފާޅުކުރެއްވުމާއި ބެހޭ ވަޒީރެވެ. އަދި ވަޒީރުލްއައުޤާފު އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުއެވެ. އެއީ އިސްލާމީ ވަޤުފު ކަންކަމުގެ ވަޒީރެވެ.
14 އޭޕްރިލް 2026 ވީ އަންގާރަ ދުވަހު، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އައުޤާފަށް ޚާއްސަ ވުޒާރާއެއް އުފައްދަވާ އެ ވުޒާރާގެ ވަޒީރުގެ މަޤާމަށް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އައްޔަން ކުރައްވާފައެވެ. މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިސްލާމީ ވަޤުފުގެ ދާއިރާއަށް ދެއްވާ އަހައްމިއްޔަތު ހާމަވެގެންދާކަމެކެވެ.


