ހަނީމޫން ދަތުރުގައި މިޔަރެއްގެ ހަމަލާއިން ދިރިއުޅުމަށް ބަނަކަން، ފައިބުރިކޮށްލި ސްޕޭންގެ ޑޮކްޓަރު މަރާ ހަނގުރާމަކުރަނީ
16 އޭޕްރީލު 2026 - 02:31

ހަނީމޫނަށް ރާއްޖެ އައިސް އުޅުނު ސްޕެއިންގެ ފަތުރުވެރިއަކަށްމިޔަރެއްގެ ނުރައްކާތެރި ހަމަލާއެއް އަމާޒުވެ، އޭނާގެ ފުރާނަ ސަލާމަތްކުރުމަށް ޑޮކްޓަރުން މަސައްކަތް ކުރަމުން އަންނައިރު، އޭނާގެ ހާލު ނާޒުކް ކަމަށް ބައިނަލް އަގްވާމީ ބައެއް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މި ހާދިސާގައި ލިބުނު ބޮޑެތި ޒަޚަމްތަކާ ގުޅިގެން، އެ ފަތުރުވެރިޔާ ކުއްލި ހާލަތުގައި އޭނާ މާލެ ގެނެސް އޭނާގެ އެއް ފައި މިހާރު ވަނީ ބުރިކޮށްލާފައެވެ.

Ad by Hajj Corporation
ބައިނަލްއަގްވާމީ ބައެއް މީޑިއަތަކުގައި މި ހާދިސާ ރިޕޯޓްކޮށްފައިވާގޮތުގައި ރާއްޖޭގައި ހިނގި މި ހާދިސާގައި އަނިޔާވީ ސްޕެއިންގެ އަންހެނުންގެ ބަލިތަކާ ބެހޭ ޑޮކްޓަރެއް ކަމަށްވާ ބޯޖާ އަށެވެ. ސްޕެއިންގެ ކާސްޓެލޯން ޕްރޮވިންސްގެ ނޫހެއް ކަމަށްވާ "އެލް ޕީރިއަޑިކޯ މެޑިޓެރޭނިއޯ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާއަކީ އަލިކާންޓޭއަށް ނިސްބަތްވާ މީހެކެވެ. އޭނާ ދާދި ފަހުން އަނާ ނަމަކަށް ކިޔާ އަންހެނަކާ ކައިވެނިކޮށް، ދެމަފިރިންގެ ގޮތުގައި ކުރާ ފުރަތަމަ ދަތުރުގައި ރާއްޖެއަށް އައީ މިދިޔަ ހަފުތާގައެވެ.
މި ބިރުވެރި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ މެންދުރުފަހު ގއ. ކޫއްޑޫ ކައިރީގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ މޫދަށް އެރުނީ ކޫއްޑޫ މަސް ފެކްޓްރީ ކައިރީގައި އޮންނަ، މިޔަރު ގިނަ ސަރަހައްދަކަށެވެ.
އަނިޔާވި ފަތުރުވެރިޔާއަށް ފުރަތަމަ ފަރުވާ ދިނީ ގއ. އަތޮޅު ހޮސްޕިޓަލުގައެވެ. ނަމަވެސް ހާލަތު ސީރިއަސްވުމުން އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ވަނީ އެޑްމިޓްކޮށްފައެވެ. މި ހާދިސާ ހިނގި ސަރަހައްދަކީ އާންމުކޮށް އައިން މިޔަރު (Spinner sharks) ގިނަ ސަރަހައްދެއް ނަމަވެސް، މިއީ ފެންމިޔަރެއްގެ (Bull shark) ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
ލޯކަލް ރިޕޯޓްތައް ބުނާ ގޮތުގައި ކޫއްޑޫ ފެކްޓްރީން މަސް ކުނި އުކާނުލާތާ ހަފުތާއެއްހާ ދުވަސް ވެފައިވުމުން، އެ ސަރަހައްދުގައި ތިބި މިޔަރުތައް ތިބީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. އެހެންކަމުން، އެ ގްރޫޕް މޫދަށް ފުންމާލި ވަގުތަކީ މިޔަރުތަކުގެ ޝިކާރަކުރުމުގެ ސިފަ ހޭލައްވާލި ވަގުތަކަށް ވެދާނެ ކަމަށް ބެލެވެއެވެ.
އަނާގެ އާއިލާއާ ގާތް ފަރާތަކާ ހަވާލާދީ "އެލް ޕީރިއަޑިކޯ މެޑިޓެރޭނިއޯ" އިން ބުނީ، މިޔަރު އެޅި އެންމެ ދަތަކުން އޭނާގެ ފިރިމީހާގެ ކަކުލުން ތިރީގެ ހުރިހާ މަސްތަކެއް ނައްޓައިގެން ގޮސްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން، އެ ދަތުރު އިންތިޒާމުކުރި ކުންފުނީގެ އިހުމާލު އޮތް ކަމަށް ބުނެ އަނާ މިހާރު ވަނީ ރަސްމީކޮށް މައްސަލަ ހުށަހަޅާފައެވެ. އަނާއަކީ ކާސްޓެލޯންގެ މަޝްހޫރު ވިޔަފާވެރިއެއްގެ ދަރިއަކަށްވާއިރު، އޭނާއަށް އެހީތެރިވުމަށް އާއިލާގެ މެންބަރުން މިހާރު ވަނީ ރާއްޖެ އައިސްފައެވެ.
އާއިލާގެ ރަހުމަތްތެރިއަކު ބުނި ގޮތުގައި، ބޯޖާ ސަލާމަތްކުރުމަށް ޑޮކްޓަރުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭނާގެ ހާލަތު އަދިވެސް ވަރަށް ނާޒުކެވެ.
ކޫއްޑޫގައި ހުންނަ މާކިއޯ މޯލްޑިވްސް ކޫއްޑޫ ރިސޯޓަކީ ހަނީމޫނަށް އަންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނެކެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ރާއްޖޭގައި މިޔަރަކާ "ކުޅެން" އުޅުނު ޗައިނާގެ 26 އަހަރުގެ އަންހެނަކަށް މިޔަރެއް ހަމަލާދީ އަނިޔާވެފައިވެއެވެ. އެ އަންހެން މީހާ މޫދަށް އެރުނީ މައްސަރު ކަންތައް ޖެހިފައި ހުރެ، އެއީ ރައްކާތެރި ކަމެއްތޯ ޑައިވިން އިންސްޓްރަކްޓަރުންގެ ކައިރިން އެހުމަށްފަހުގައެވެ. އޭނާ މޫދަށް އެރި އުޅުމުގެ ތެރޭގައި ނިދާ މިޔަރުތަކެއްގެ ފަހަތުން ދުވަނިކޮށް، މިޔަރު ދިން ހަމަލާގައި އޭނާގެ އަތަށް ވަނީ ފުން ޒަހަމްތަކެއް ލިބިފައެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ އޭޕްރީލް މަހު ރަޝިޔާގެ ފަތުރުވެރިއެއް ކަމަށްވާ އެކަޓެރީނާ އެލެކްސެންޑްރޯވާ ވެސް ވަނީ ރާއްޖޭގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް މިޔަރެއް ހަމަލާދިން ބިރުވެރި ހާދިސާ ކިޔައިދީފައެވެ.
މިހާދިސާ ދިވެހި ފުލުހުން ވެސް ވަނީ ބުދަ ދުވަހުގެ ރޭ ކަށަވަރުކޮށްދީފައެވެ. މި ހާދިސާ އާއި ގުޅިގެން ދިވެހި ފުލުހުން ބުނީ ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން އަނިޔާވެގެން 2026 އޭޕްރީލް 11 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
''މި ހާދިސާގައި އަނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއަކަށެވެ. އޭނާއަށް ފުރަތަމަ ގއ. އަތޮޅު ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް ވަނީ މާލެ ގެނެސްފައެވެ. މި ހަމަލާގައި ފަތުރުވެރިޔާގެ ދެ ފަޔަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާއިރު، އެ މީހާގެ އެއް ފައި، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ވަނީ ބުރިކޮށްލައިފައެވެ.'' ފުލުހުން ބުނެފަވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަކަމަށާއި، އަދި ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންކަމާއި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންއަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.


