ސެޓްޕީސްއަކުން ގޯލެއް ނުޖެހުނުނަމަވެސް ފުރަތަމަ ލެގުގެ ގޯލާއެކު އާސެނަލް ސެމީއަށް
16 އޭޕްރީލު 2026 - 03:15

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ސްޕޯޓިންގް ސީޕީއާ ވާދަކޮށް 0-0 އިން އެއްވަރުވި ނަމަވެސް، އެގްރިގޭޓް ނަތީޖާއިން ކުރިހޯދައި އާސެނަލް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. އާސެނަލް ސެމީ ފައިނަލަށް ދަތުރުކުރީ ފުރަތަމަ ލެގުގައި ލިބުނު 1-0 ގެ މޮޅާއެކު އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.
މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ލެގުގައި ކައި ހާވާޓްޒް ކާމިޔާބުކުރި ލަނޑުން އާސެނަލް ސެމީ ފައިނަލަށް ގެންގޮސްދިން އިރު، ރޭގެ މެޗުގައި މިކޭލް އާޓެޓާގެ ޓީމުގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މެޗުގެ ކުރީކޮޅު ވިލިއަމް ސަލީބާ ހެދި ގޯހެއްގެ ފައިދާ ނަގައި ސްޕޯޓިންގްގެ ޓްރިންކާއޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ ކުޑަތަންކޮޅެއް ބޭރުންނެވެ. އަދި ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ސްޕޯޓިންގްގެ ކަޓާމޯ ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ބޭރުވިއެވެ.

Ad by Hajj Corporation
ދެވަނަ ހާފުގައިވެސް ސްޕޯޓިންގްއިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. އާސެނަލްގެ ގެބްރިއަލް މާޓިނެލީ އަދި ނޯނީ މަޑުއޭކޭއަށް ލިބުނު ފުރުސަތުތައް ބޭކާރުވިއިރު، މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ހާވާޓްޒްއަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަވެސް ކާމިޔާބެއް ނުވިއެވެ. މެޗުގެ ފަހުކޮޅު ލިއަންޑްރޯ ޓްރޮސާޑް ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު، އިތުރު ވަގުތުގައި ސްޕޯޓިންގްގެ ޖޮއާއޯ ސިމޯސްއަށް ލިބުނު ފުރުސަތުވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
މި ނަތީޖާއާއެކު އާސެނަލް ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ސްޕެއިންގެ ވަރުގަދަ އެތުލެޓިކޯ މެޑްރިޑް އާއެވެ. އާސެނަލް ދެން އެންމެ އަވަހަށް ކުރިމަތިލާން ޖެހޭނީ އަންނަ އާދިއްތަ ދުވަހު ޕްރިމިއާ ލީގުގެ ތަށި ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށެވެ.


