logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާގެ ބްލޮކޭޑަށް ބެލުމެއްނެތި އީރާނުން ތެޔޮ ބޭރުކުރުމުގައި ކާމިޔާބު ހޯދާފައިވާކަން ހާމަވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
17 އޭޕްރީލު 2026 - 18:39
އީރާނުގެ ތެލުގެ މައި މަރުކަޒު  ހާރްގް އައިލެންޑް ގައި ތެޔޮ ބަރުކުރާ ޓޭންކަރުތައް ފެންނަ ސެޓެލައިޓް ފޮޓޯ، ފޮޓޯ: ވޮޝިންޓަން ޕޯސްޓް
އީރާނުގެ ތެލުގެ މައި މަރުކަޒު ހާރްގް އައިލެންޑް ގައި ތެޔޮ ބަރުކުރާ ޓޭންކަރުތައް ފެންނަ ސެޓެލައިޓް ފޮޓޯ، ފޮޓޯ: ވޮޝިންޓަން ޕޯސްޓް

ތެހެރާނަށް އިގްތިސާދީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރުވުމަށް އެމެރިކާގެ ކަނޑުގެ ސިފައިން ހިންގަމުންދާ ވަރުގަދަ ބްލޮކޭޑްގެ ތެރެއިން ވެސް، އީރާނުގެ ބަނދަރުތަކަށް ތެޔޮ ބަރުކުރާ ޓޭންކަރުތަކެއް ވަދެފައިވާކަން ސެޓެލައިޓް ފޮޓޯތަކުން ހާމަވެއްޖެއެވެ.

ވޮޝިންޓަން ޕޯސްޓުން ދިރާސާކޮށްފައިވާ ސެޓެލައިޓް ފޮޓޯތަކާއި މާހިރުންގެ ތަހުލީލުތަކުން ދައްކާ ގޮތުގައި، ފާއިތުވި ދުވަސްތަކުގައި ހުސްކޮށް އޮތް ފަސް ޓޭންކަރެއް ޕާޝިއަން ގަލްފުގައި ހުންނަ އީރާނުގެ ބަނދަރުތަކަށް ގޮސް، މިލިއަނުން ބާރަލްގެ ތެޔޮ ބަރުކުރަން ވަނީ ފަށާފައެވެ. ނަމަވެސް، އެމެރިކާގެ އޮފިޝަލުން ވިދާޅުވަނީ ހޯމަ ދުވަހު ބްލޮކޭޑް އަމަލީ ގޮތުން ފެށި ފަހުން އެއްވެސް އުޅަނދަކަށް އެ ހުރަސްތައް ފޫއަޅުވާލެވިފައި ނުވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަފުތާގެ ފަހުކޮޅު ނެގި ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި، ހޯރްމޫޒް ކަނޑުއޮޅީގެ އަނެއް ފަރާތުން އޮމާން ކަނޑުގައި މަޑުކޮށްގެން ތިބި ފަސް ޓޭންކަރެއް މިހާރު ފެންނާކަށް ނެތެވެ. ޖުމްލަ 9 މިލިއަން ބާރަލްގެ ތެޔޮ އުފުލާ މި އުޅަނދުތައް މިހާރު ހުރި ތަނެއް ނޭނގެއެވެ.

ވޮޝިންޓަން ޕޯސްޓްގެ ތަހުލީލުން ބްލޮކޭޑްގެ އުސޫލުތަކާ ހިލާފުވާ ފަދަ ހަރަކާތްތަކެއްގައި އުޅޭ 10 އުޅަނދެއް ދެނެގަނެވިފައިވާއިރު، އީރާނުގެ މަރުކަޒުތަކުން ތެޔޮ ބަރުކުރުން ކުރިއަށްދާކަން ފޮޓޯތަކުން ކަށަވަރުވެއެވެ. ޚާއްޞަކޮށް، އީރާނުގެ ތެޔޮ އެކްސްޕޯޓްގެ 90 އިންސައްތަ ބަލަހައްޓާ ހާރްގް އައިލެންޑްގައި އީރާނުގެ ތިން ޓޭންކަރެއް ކަމަށްވާ 'ހިލްޑާ 1'، 'ސިލްވިއާ 1' އަދި 'އެމްބާ' ބަނދަރުކޮށް، 5 މިލިއަން ބާރަލްގެ ސާފުނުކުރާ ތެޔޮ ބަރުކޮށްފައިވާ ކަމަށް 'ޓޭންކަރް ޓްރެކާސް' އިން ބުނެއެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން ބަންދުކުރި ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލާނެ ކަމަށް އީރާނުން ހުކުރު ދުވަހު ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް 'ޓްރުތް ސޯޝަލް' ގައި ވިދާޅުވީ، ކަނޑުއޮޅި ހުޅުވާލި ނަމަވެސް، އީރާނާއެކު ކުރާ މުއާމަލާތް ސައްތަ އިން ސައްތަ ނިމެންދެން ބްލޮކޭޑް ދެމިއޮންނާނެ ކަމަށެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް ވެސް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވާފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި، މި ބްލޮކޭޑްގައި 10,000 ސިފައިންނާއި، 12 އަށްވުރެ ގިނަ މަނަވަރުގެ އިތުރުން ފައިޓާ ޖެޓްތަކާއި ޑްރޯންތައް ދަނީ ބޭނުންކުރަމުންނެވެ. މި ފިޔަވަޅަކީ އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި ނުކުންނަ ހުރިހާ އުޅަނދުތަކަކަށް އަމާޒުކޮށްފައިވާ ފިޔަވަޅެކެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި ހުކުރު ދުވަހުގެ ހެނދުނާ ހަމައަށް 19 އުޅަނދެއް ވަނީ ބްލޮކޭޑާ ކުރިމަތިލުމުގެ ބަދަލުގައި އެނބުރި ގޮސްފައެވެ.

މާހިރުން ފާހަގަކުރާ ގޮތުގައި، ހާރްގް އައިލެންޑް ފަދަ މުހިންމު ޓާމިނަލްތަކުން މެދުނުކެނޑި ތެޔޮ ހުސްކުރަން ޖެހެނީ، އެ ތަންތަނުގެ ރައްކާކުރާ ނިޒާމަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށާއި މަސައްކަތް ހުއްޓާލުމުން ހިނގާފާނެ ބޮޑު ހަރަދަކުން ސަލާމަތްވުމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުން ހޯރްމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް ހުޅުވާލައިފިދުނިޔެ | 23 މިނިޓު ކުރިން އެމެރިކާގެ ބްލޮކޭޑަށް ބެލުމެއްނެތި އީރާނުން ތެޔޮ ބޭރުކުރުމުގައި ކާމިޔާބު ހޯދާފައިވާކަން ހާމަވެއްޖެދުނިޔެ | 2 ގަޑިއިރު ކުރިންއެމެރިކާއާ ނުލައި ހޯރްމޫޒް އަލުން ހުޅުވާލުމުގެ މަޝްރޫއެއް ޔޫރަޕްގެ ގައުމުތަކުން ފަށަނީދުނިޔެ | 2 ދުވަސް ކުރިންހަނގުރާމަ މިއޮތީ ނިމުމާއި ވަރަށް ގާތްވެފައި: ޓްރަމްޕްދުނިޔެ | 3 ދުވަސް ކުރިން