އީރާނުން ހޯރްމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް ހުޅުވާލައިފި
17 އޭޕްރީލު 2026 - 19:52

އިސްރާއީލާއި ލުބުނާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމާ ގުޅިގެން، ހޯރްމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް "މުޅިން ހުޅުވާލެވިފައިވާ" ކަމަށް އީރާނުން އިއުލާނުކޮށްފިއެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ހުކުރު ދުވަހު ވަނީ، ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމާ ގުޅުވައި، ހޯރްމޫޒް ކަނޑުއޮޅި ހުރިހާ ވިޔަފާރި އުޅަނދުފަހަރަކަށް "މުޅިން ހުޅުވާލެވިފައިވާ" ކަމަށް އިއުލާނުކުރައްވާފައެވެ.

Ad by Hajj Corporation
ސޯޝަލް މީޑިއާ ކުންފުނި 'އެކްސް' ގައި ނެރުއްވި ބަޔާނެއްގައި އަރާގްޗީ ވިދާޅުވީ، މި ނިންމުމަކީ "ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމާ އެއްގޮތްވާ ގޮތުގެ މަތިން" ނިންމި ނިންމުމެއް ކަމަށެވެ.
ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސްރާއީލާއި ލުބުނާނާ ދެމެދު 10 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާކަން އިއުލާނުކުރައްވާފައެވެ.
އޭނާ ވިދާޅުވި ގޮތުގައި، އީރާނުގެ ޕޯޓްސް އެންޑް މެރިޓައިމް އޯގަނައިޒޭޝަނުން ކުރިން އިއުލާނުކޮށްފައިވާ "ކަނޑައެޅިފައިވާ މަގުން"، ހަނގުރާމަ ހުއްޓާލާފައި އޮންނަ މުއްދަތުގައި އެ ސަރަހައްދު "ހުޅުވާލެވިފައި" އޮންނާނެއެވެ.
އީރާނުގެ އަސްކަރީ އިސް އޮފިޝަލަކު އީރާނުގެ ދައުލަތުގެ މީޑިއާ 'އައި.އާރު.އައި.ބީ' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހޯރްމޫޒް ކަނޑުއޮޅިން އަސްކަރީ އުޅަނދުފަހަރު ދަތުރުކުރުން އަދިވެސް އޮތީ މަނާކުރެވިފައި ކަމަށެވެ. އަދި ހަމައެކަނި އަސްކަރީ ނޫން އުޅަނދުފަހަރަށް، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ނޭވީގެ ހުއްދައާއެކު ކަނޑައެޅިފައިވާ މަގުތަކުން ދަތުރުކުރުމުގެ ހުއްދަ ލިބޭނެ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.
އެ އޮފިޝަލް ވިދާޅުވި ގޮތުގައި، އުޅަނދުފަހަރުން އީރާނުގެ ޕޯޓްސް އެންޑް މެރިޓައިމް އޯގަނައިޒޭޝަނުން ކަނޑައަޅާފައިވާ މަގުތަކަށް ފުރިހަމައަށް އަމަލުކުރަންޖެހޭނެއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށާއި ކަނޑުގެ ދަތުރުފަތުރަށް ބުރޫއަރާ ގޮތަށް، ތެހެރާނުން ވަނީ މި މުހިންމު ކަނޑުގެ ސަރަހައްދުގެ ކޮންޓްރޯލް އަތުލާފައެވެ.
މި ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އެމެރިކާއިން ވެސް ވަނީ އީރާނުގެ ބަނދަރުތަކަށް އަމިއްލަ ބްލޮކޭޑެއް (ބަންދުކުރުމެއް) ކުރިމަތިކުރުވާފައެވެ.
އެހެންނަމަވެސް، ޕާކިސްތާނުގެ މެދުވެރިވުމާއެކު ދެ ފަރާތުން ވެސް ދިޔައީ މަޝްވަރާކުރަމުންނެވެ. އަރާގްޗީގެ މި އިއުލާނު އައިސްފައިވަނީ ޕާކިސްތާނުގެ އާމީ ޗީފް ޖެނެރަލް އާސިމް މުނީރު ފާއިތުވި ދެ ދުވަހު ތެހެރާނުގައި އީރާނުގެ ސިވިލް އަދި އަސްކަރީ އިސް ލީޑަރުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.
އޭޕްރިލް 8 ގައި އެމެރިކާއާއި އީރާނާ ދެމެދު 14 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހޯދައިދިނުމަށްފަހު، އިސްލާމްއާބާދުން ވަނީ މިދިޔަ ހަފުތާ ބަންދުގައި ވޮޝިންޓަނާއި ތެހެރާނާ ދެމެދު މަދުން ނޫނީ ނުފެންނަ ފަދަ މަޝްވަރާތަކެއް ބާއްވާފައެވެ. އަދި ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.


