ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރައި ގުގުރުން އެކަށީގެންވޭ: މެޓް
18 އޭޕްރީލު 2026 - 04:01

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރާނެ ކަމަށާއި އަދި ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ނިމުތުކުރަނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރި ނަމަވެސް ބޯކޮށް ވާރޭ ނުވެހޭނެ ކަމަށެވެ.

Ad by Hajj Corporation
ރާއްޖޭގެ ކަނޑުތައް ވެސް މަޑުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެެވެ. ރާޅުގެ އެންމެ އުސްމިން ހުންނާނީ 3 ފޫޓުގައި ކަމަށްވެސް ނިމުތުކޮށްފައިވެއެވެ.
އައްސިދަ (8 އޭޕްރީލުން 21 އޭޕްރީލަށް)
މިއީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް އައްސިދައެވެ. މި ނަކަތުގެ ފެށޭކޮޅު ޢާންމުގޮތެއްގައި ވައިގަދަވެ ވިއްސާރަވާނެއެވެ. ނަމަވެސް ފަހުކޮޅެއްދާއިރު ވާރޭ ވެހޭނީ ވަރަށް މަދުންނެވެ. ފުދޭވަރަކަށް ހޫނުގަދަވާނެއެވެ. ވައި ހުންނާނީ އެވްރެޖްކޮށް ގަޑިއަކު 12.96 ކިލޯމީޓަރުގައެވެ. އެވްރެޖްކޮށް 1.95 އިންޗިއަށް ވާރޭވެހޭނެއެވެ. އަވިދޭނީ އެވުރެޖްކޮށް 116.1 ގަޑިއިރެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ.
ބުރުނު (22 އޭޕްރީލުން 05 މޭއަށް)
ކުރިއަށް އޮތީ ހުޅަނގު މޫސުމުގެ ދެވަނަ ނަކަތް ބުރުނުއެވެ. މި ނަކަތް ފެށޭނީ ގަދަވަޔާއި ވިއްސާރައިންނެވެ. ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ވެސް ވަރަށް ގަދަވާނެއެވެ. ނަމަވެސް ފަހަށް ދާވަރަކަށް ވައިމަޑުވެ އަވިގަދަވެ މޫސުން ރަނގަޅުވާނެއެވެ. މި ނަކަތަކީ ވައި އެނބުރޭ ނަކަތަކަށްވާތީ ވައިޖެހޭނީ އެކިފަހަރު އެކި ދިމާއިންނެވެ. ނަމަވެސް ޢާންމުގޮތެއްގައި ވައިޖެހޭނީ ހުޅަނގުންނެވެ. ވައި ހުންނާނީ ޢާންމުގޮތެއްގައި 18.52 ކިލޯމީޓަރު ބާރުމިނުގައެވެ. ވާރޭ ވެހޭ ނިސްބަތް ހުންނާނީ އެވްރެޖްކޮށް 2.59 އިންޗިއަށެވެ. އަވިދޭނީ އެވްރެޖްކޮށް 115.4 ގަޑިއިރުއެވެ. މި ނަކަތުގައި މަސްވެރިކަން އެހާ ރަނގަޅެއް ނުވާނެއެވެ.


