ހިންގުން ހަރުދަނާކުރުމަށް ފުރުސަތު ދިނުމަށް ޕީއެންސީގެ އެސްޖީ މުއާޒް އިސްތިއުފާދީފި
18 އޭޕްރީލު 2026 - 12:55

ސަރުކާރު ހިންގާ ޕާޓީ - ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މުއާޒް ޙަލީމް އިސްތިއުފާދީފިއެވެ.
މުއާޒް ހަލީމް މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއާޒް ހަލީމް ވިދާޅުވީ، މަގާމުން އިސްތިއުފާދިނީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ޙާޞިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށްކަމަށެވެ.

Ad by Hajj Corporation
އެހެންކަމުން ޕާޓީގެ ސެކެޓްރީޖެނެރަލްގެ މަޤާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ މީހަކު ހުރުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ، މިއަދުން ފެށިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ސެކެޓްރީޖެނެރަލްގެ މަޤާމުން އިސްތިއުފާ ދީފައިވާކަމަށް މުއާޒްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ލީޑަރޝިޕްގައި 7 ނައިބު ރައީސުންނާއި 10 ލީޑަރޝިޕް މެންބަރުން ތިބެއެވެ. 74،000 އަށްވުރެ ގިނަ މެންބަރުންނާއިއެކު މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީވެސް ކޮންގްރެސް ޕާޓީއެވެ.


