ދިފާޢީ ވަޒީރު ޙަސަންއާއި ގުޅޭގޮތުން އެނގެނީ ކިހާވަރަކަށް؟
19 އޭޕްރީލު 2026 - 04:09

ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު އަލްފާޟިލް ޙަސަން ރަޝީދަކީ ދިވެހި ސިޔާސީ އަދި އިޖުތިމާޢީ މައިދާނުގައި ފާހަގަކޮށްލެވޭ، ޤައުމަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ތަޖުރިބާކާރު ލީޑަރެކެވެ. އެމަނިކުފާނުގެ ޙަޔާތްޕުޅާއި މަސައްކަތްޕުޅުތަކަށް ބަލާއިރު ފެންނަނީ، ވަރުގަދަ ޢާއިލީ ބިންގަލަކާއި، ތަޢުލީމީ ޤާބިލުކަމާއި، ޤައުމީ ދިފާޢުގައި ދެއްކެވި ސާބިތުކަމުގެ މައްޗަށް ބިނާވެފައިވާ ފަޚުރުވެރި ތަޞްވީރެކެވެ.
ޢާއިލީ ބިންގަލާއި ތަރުބިއްޔަތު

Ad by Hajj Corporation
ޙަސަން ރަޝީދަކީ ތ. ވިލުފުށީގެ ފަޚުރުވެރި ޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނަކީ ތ. ވިލުފުށީ ފެހިފަރުދާގޭ އިބްރާހީމް ރަޝީދު (ރަޝީދު ކަތީބު) ގެ އެގާރަ ދަރީންގެ ތެރެއިން ހަތް ވަނަ ދަރިފުޅެވެ. ކާފައަކީ އެ ރަށު ސޭޑީގްރޯވް މުދިން ޙަސަން ކަލޭފާނެވެ. މުދިން ކަލޭފާނަކީ ރަށުގެ ދީނީ ކަންކަމުގައި އިސްކޮށް އުޅުއްވި، ޢިލްމީ އަދި ޚިދުމަތްތެރި ބޭފުޅެކެވެ.
އެމަނިކުފާނުގެ ޢާއިލާއަކީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ނުފޫޒުގަދަ އަދި ޚިދުމަތްތެރި ބޭފުޅުންތަކެއް ހިމެނޭ ޢާއިލާއެކެވެ. އެގޮތުން ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ޙަސަން ޢަފީފުގެ މަންމައާއި ޙަސަން ރަޝީދުގެ މަންމައަކީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ. އަދި ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދަކީ އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅެވެ. މީގެ އިތުރުން، އަރަބިއްޔާ ސްކޫލުގެ ކުރީގެ މުދީރު އަދި ހައްޖު ކޯޕަރޭޝަންގެ ޗެއާމަން އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދަކީ އެމަނިކުފާނުގެ އެއްބަނޑު އެއްބަފާ ބޭބެއެވެ.
ބައްޕަގެ ނަމޫނާ ޒަޢާމަތް
ޙަސަން ރަޝީދުގެ ޝަޚުޞިއްޔަތު ބައްޓަންވުމުގައި ބައްޕަ، އަލްމަރްޙޫމް އިބްރާހީމް ރަޝީދު (ރަޝީދު ކަތީބު) ގެ ދައުރު ބޮޑެވެ. ރަޝީދު ކަތީބަކީ ވިލުފުށީގެ ކަތީބުކަން 39 އަހަރުގެ ދިގު މުއްދަތަކަށް ކުރައްވައި، ރަށުގެ އުމްރާނީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި ދުރުވިސްނޭ ލީޑަރެކެވެ. ރައީސް އިބްރާހީމް ނާޞިރުގެ ދައުރުގައި އުފެއްދެވި އަތޮޅު ކޮމިޓީތަކުގެ ތެރެއިން، ކޮޅުމަޑުލުގެ ފުރަތަމަ އިންތިޚާބީ އަތޮޅު ކޮމިޓީގެ މެންބަރުކަންވެސް އެމަނިކުފާނު ކުރެއްވިއެވެ. ރަޝީދު ކަތީބު ދެއްވި ހަރުދަނާ ތަރުބިއްޔަތާއި އޭނާގެ އިޚުލާޞްތެރިކަމަކީ މިއަދުވެސް އެ ޢާއިލާގެ ބޭފުޅުން ގައުމުގެ މަތީ މަގާމުތަކުގައި ދައްކަވަމުންދާ ނަމޫނާގެ އަސްލެވެ.
ހަސަން ވަޒީރުކަމުގެ މަގާމުގެ ފަތްކޮޅާއި ހަވާލުވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް
ތަޢުލީމާއި ޤައުމީ ދިފާޢުގެ ޚިދުމަތް
ޙަސަން ރަޝީދު އިބްތިދާއީ އަދި ސާނަވީ ތަޢުލީމު ޙާޞިލުކުރެއްވީ މާލޭ އިންގްލިޝް ސްކޫލް (އެމް.އީ.އެސް) އިންނެވެ. މަތީ ތަޢުލީމުގެ މަރުޙަލާގައި ލީޑަރޝިޕް އަދި މެނޭޖުމަންޓްގެ ދާއިރާއިން އޭނާ ޙާޞިލުކުރެއްވި ޢިލްމަކީ އޭނާގެ ހިންގުންތެރިކަމުގެ ބިންގަލެވެ.
އޭނާގެ ޢަމަލީ ޙަޔާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބާބަކީ ދިވެހި ޤައުމީ ދިފާޢީ ބާރުގައި ކުރެއްވި ޚިދުމަތެވެ. ޚާއްޞަކޮށް، ނޮވެމްބަރު 3، 1988 ގެ އުދުވާނީ ޙަމަލާގެ ވަގުތުގައި، ސިފައިންގެ މަރުކަޒުގެ އެތެރޭގައި ހުންނަވައިގެން ފުރާނައަށް ބެލުމެއްނެތި ޤައުމު ދިފާޢުކުރުމުގައި ދެއްކެވި ހިތްވަރަކީ އޭނާގެ ކިބައިގައި ހުރި ވަޠަނީ ލޯބި ހާމަކޮށްދޭ އަލިގަދަ ހެކިތަކެވެ.
ސަރުކާރުގެ މަތީ މަޤާމުތަކާއި ތަޖުރިބާ
ސިފައިންގެ ޚިދުމަތަށްފަހު ވިޔަފާރީގެ ދާއިރާގައި "ވަރަ މޯލްޑިވްސް" ގައި މަސައްކަތް ކުރެއްވުމަށްފަހު، ޙަސަން ރަޝީދު ފެނިގެންދިޔައީ ސަރުކާރުގެ އެކި މަތީ މަޤާމުތަކުންނެވެ. ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ދައުރުން ފެށިގެން، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމާ ހަމައަށް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ވަރަށް ގާތުން މަސައްކަތް ކުރެއްވިއެވެ.
އެގޮތުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އޭނާ ވަނީ ފުރުއްވާފައެވެ. މީގެ އިތުރުން އެފް.އެސް.އެމް އަދި އެމް.އެފް.އެލް.ސީ ފަދަ މުހިންމު ކުންފުނިތަކުގެ ބޯޑު މެންބަރުކަންވެސް ކުރައްވާފައިވެއެވެ.
ތަޖުރިބާކާރު ޚިދުމަތްތެރި ލީޑަރެއް
ޙަސަން ރަޝީދަކީ ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއި، ވަގުތަށް ކަމޭހިއްތެވުމުގެ މަތިވެރި ސިފަ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މަޤާމުގެ ނުފޫޒު ބޭނުންކުރެއްވުމުގެ ބަދަލުގައި ރައްޔިތުންގެ ލާބައަށް އިސްކަންދެއްވާ މި ލީޑަރަކީ، އޭނާގެ ދިގު ތަޖުރިބާއާއި ޤާބިލުކަމާއެކު ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރުގެ މަޤާމުގައި ހުންނަވައިގެން ޤައުމަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވާނެ ބޭފުޅެއްކަން ކަށަވަރެވެ. އޭނާގެ މަސައްކަތުގެ އަޚުލާޤަކީ މިއަދުގެ ޒުވާން ޖީލަށް އޮތް ރީތި ނަމޫނާއެކެވެ.


