"ކުފުރާއި ބޮޑާކަމުގެ" ދުޝްމަނުންނާއި ދެކޮޅަށް ހަނގުރާމަކޮށް އިތުރަށް ނާކާމިޔާބީ ކުރިމަތިކުރުމަށް ތައްޔާރު: އީރާނު
19 އޭޕްރީލު 2026 - 04:23

"ކުފުރާއި ބޮޑާކަމުގެ" (އެމެރިކާ އާއި އިސްރާއީލް) ދުޝްމަނުންނާއި ދެކޮޅަށް ހަނގުރާމަކޮށް، އެފަރާތްތަކަށް އިތުރު ނާކާމިޔާބީތަކެއް ކުރިމަތިކުރުވުމަށް ތައްޔާރަށް އޮތް ކަމަށް އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހޮނިހިރު ދުވަހު އިންޒާރު ދެއްވައިފިއެވެ.
އެކްސްގައި ކުރެއްވި ސިލްސިލާ ޕޯސްޓްތަކެއްގައި ޚާމަނާއީ ވިދާޅުވީ، އީރާނުގެ އަސްކަރިއްޔާގެ ޑްރޯންތަކުން އެމެރިކާ އާއި ޒަޔަނިސްޓް ގާތިލުންނަށް ވިދުވަރެއް ފަދައިން ހަމަލާދޭ ފަދައިން، އެ ގައުމުގެ ކެރޭ ކަނޑުގެ ސިފައިން ވެސް ތިބީ ދުޝްމަނުންނަށް އާ ހިތި ނާކާމިޔާބީތަކެއް ކުރިމަތިކުރުވަން ތައްޔާރަށެވެ.

Ad by Hajj Corporation
ޚާމަނާއީ މިފަދަ އިންޒާރެއް ދެއްވާފައިވަނީ، ހަކަތަ ފޯރުކޮށްދޭ މުހިންމު ކަނޑުއޮޅިއެއްގެ ކޮންޓްރޯލް ވަރުގަދަކޮށް، އެ ސަރަހައްދު ދަތުރުފަތުރަށް ބަންދުކޮށްފައިވާ ކަމަށް ބުނެ އީރާނުން އިންޒާރު ދެމުންދާ ދަނޑިވަޅެއްގައެވެ. ޝިޕިންގ ދާއިރާގެ މަސްދަރުތަކުން ބުނާ ގޮތުގައި، އެ ސަރަހައްދުން ދަތުރުކުރަން އުޅުނު މަދުވެގެން ދެ އުޅަނދަކަށް މިހާރުވެސް ވަނީ ހަމަލާދީފައެވެ.
އީރާނުގެ އެންމެ މަތީ ލީޑަރު އިތުރަށް ވިދާޅުވީ، އެ ގައުމުގެ އަސްކަރިއްޔާ އޮތީ އެހެން ހަތިޔާރު އެޅި ބާރުތަކުގެ އެކުވެރިންނާ ގުޅިގެން، "ކުފުރާއި ބޮޑާކަމުގެ" އިސް ދެ ފައުޖާ (އެމެރިކާ އާއި އިސްރާއީލް) ދެކޮޅަށް ހަނގުރާމަކުރުމުގައި ކަމަށެވެ.
"އިސްލާމީ އަސްކަރިއްޔާއިން ވަނީ އެ ފައުޖުތަކުގެ ބަލިކަށިކަމާއި ނިކަމެތިކަން ދުނިޔެއަށް ހާމަކޮށްދީފައި،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ އަސްކަރިއްޔާއިން މިހާރު ދަނީ އެ ގައުމަށް ނިސްބަތްވާ ބިމާއި، ފެނާއި، އަދި ދިދަ ހިތްވަރާއެކު ދިފާއުކުރަމުން ކަމަށްވެސް ޚާމަނާއީ ފާހަގަކުރެއްވިއެވެ.
މި ނުތަނަވަސްކަން ބޮޑުވެފައި މިވަނީ، 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށްފަހު އެމެރިކާ އާއި އީރާނާ ދެމެދު ބޭއްވުނު އެންމެ މަތީ ފަންތީގެ މަޝްވަރާތައް ޕާކިސްތާނުގައި އެއްވެސް އެއްބަސްވުމަކަށް ނާދެވި ނިމުމާ ގުޅިގެންނެވެ. އަދި މިހާތަނަށް އިތުރު މަޝްވަރާއެއް ބޭއްވުމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.


