logo
Bank of Maldives

Bank of Maldives

ޚަބަރު

އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓާ އެމްއެންޑީއެފުން ހަވާލުވެއްޖެ

އައިޝަތު އިނާޝާ
19 އޭޕްރީލު 2026 - 12:15
އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓާ އެމްއެންޑީއެފުން ހަވާލުވެއްޖެ

އޮސްޓްރޭލިއާ ސަރުކާރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އަށް ހަދިޔާކުރި "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓު ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.

އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ އެޗްއެމްއޭއެސް ސްޓާލިންގ ނޭވަލް ބޭސްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއަރ އެޑްމިރަލް ބްރެޓް ސޮންޓާއާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އުޅަނދަކީ، އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް، 2025ވަނަ އަހަރުގެ ޖޫން މަހު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހަދިޔާކުރައްވާނެކަން އިޢުލާންކުރެއްވި އުޅަނދެކެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓައި ރައްކާތެރިކުރުމަށާއި، ކަނޑުމަތީގެ ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ލިބުނު ވަރަށް މުހިންމު އެހީއެކެވެ.

މި އުޅަނދަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.

0d8a6b5d-87d3-4cb8-8091-aaeb600c6fe0.jpg

ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވަނީ، މިއީ ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ލިބުނު އަގުނުކުރެވޭ ފަދަ އެހީއެއްކަން ފާހަގަކުރައްވައި، އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއަރ އެޑްމިރަލް ބްރެޓް ސޮންޓާގެ ވާހަކަފުޅުގައި، ސަރަހައްދީ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމުގެ ބަދަހި ގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އަސްކަރީ ކަނޑުމަތީގެ ސަޤާފަތާއި އާދަކާދައާ އެއްގޮތަށް ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، އުޅަނދު ހަވާލުކުރުމުގެ ލިޔުން ބަދަލުކުރުމަށްފަހު، މަނަވަރުގެ ކޮމާންޑިންގ އޮފިސަރާއި ކުރޫން ވަނީ މަނަވަރަށް އަރައި، ދިވެހިރާއްޖޭގެ ދިދަ ނަގައި ރަސްމީކޮށް މަނަވަރާ ހަވާލުވެފައެވެ.

އޮސްޓްރޭލިއާގެ ހެންޑަސަން ޝިޕްޔާޑުގައި ބަނދެފައިވާ މި އައު މަނަވަރު، މާލެ ގެނައުމަށް ހަމަޖެހިފައިވަނީ މި އުޅަނދުގެ ކުރޫންނަށް އޮސްޓްރޭލިއާގައި ކުރިއަށްގެންދާ ޚާއްޞަ ތަމްރީނުތަކާއި ސީ-ޓްރަޔަލްތައް ނިމުމުން، މި އަހަރުގެ މޭ މަހުގެ ފަހުކޮޅުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓާ އެމްއެންޑީއެފުން ހަވާލުވެއްޖެޚަބަރު | ގަޑިއިރެއް ކުރިންފަޅުރަށަކަށް ދަތުރު ދިޔަ ބަޔަކަށް ފެނުނު ފަސް ފޫޓްގެ ކިނބުލެއް ހިފައިފިޚަބަރު | ދުވަހެއް ކުރިންވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތަށް ސިފައިން ނުކުމެއްޖެޚަބަރު | 3 ދުވަސް ކުރިންހުޅުމާލޭގެ ފޭސް 1 ގެ ވޯޓަރ ޕާކް ތެރޭގައި އަލިފާން ރޯވެއްޖެޚަބަރު | 5 ދުވަސް ކުރިން