logo
Bank of Maldives

Bank of Maldives

ޚަބަރު

ސިޔާސީ އެއްވުންތަކުގައި އިޖުތިމާޢީ މިންގަނޑާ ޚިލާފު ވާހަކަދައްކަމުންދާތީ އެޗްއާރްސީއެމްގެ ކަންބޮޑުވުން

ޒިދާން މުޙައްމަދު
20 އޭޕްރީލު 2026 - 16:45
އެޗްއާރްސީއެމްގެ ރައީސާ ރަމީލާ
އެޗްއާރްސީއެމްގެ ރައީސާ ރަމީލާ

ސިޔާސީ އެއްވުންތަކުގައި އިޖުތިމާޢީ މިންގަނޑާ ޚިލާފު ވާހަކަދައްކަމުންދާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް - އެޗްއާރްސީއެމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޗްއާރްސީއެމުން، ނެރުނު ބަޔާނެއްގައި ބުނީ، ބައެއް ސިޔާސީ ޕާޓީތަކުން، ރޭގަނޑުގެ ވަގުތުގައި، ސިލްސިލާ ގޮތެއްގައި މާލޭސިޓީގައި ބާއްވަމުން ގެންދާ އެއްވުންތަކުގައި، ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ވާހަކަ ދައްކައި، އެވާހަކަތައް މީޑިޔާގެ ޒަރީޢާއިން ޢާންމުވަމުންދާ ކަމަށެވެ. އަދި އެއްވުންތަކުގައި، އާންމުންގެ މެދުގައި ނަފުރަތު އުފައްދައި، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ޕާޓީތަކަށް ނިސްބަތްވާ އެކި ފަރާތްތަކުން ވާހަކަދައްކަމުންދާ ކަަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ކޮމިޝަނުން ބުނީ، މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން، ކަށަވަރުކޮށްދީފައިވާ މުހިންމު އަސާސީ ޙައްޤެއް ކަމަށެވެ. އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ވަރަށް ފުޅާކޮށް ޤާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ ޙައްޤެއްކަމުގައި ވީނަމަވެސް، މި ޙައްޤުގެ ބޭނުން ހިފަންވާނީ ވަކި ހުދޫދެއްގެ ތެރެއިން، އަނެކާގެ ޙައްޤުތަކަށް އިޙްތިރާމް ކުޑަނުވާނެ ގޮތަށް ކަމަށްވެސް ވަނީ ބުނެފައެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ވަނީ، ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި، މީޑިއާ އަދި ސޯޝަލް މީޑިއާގެ ޒަރީޢާއިން ފާޅުކުރެވޭ ޚިޔާލުތަކުގައިވެސް، މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި، މުޖުތަމައުގެ ހަމަޖެހުމާއި މަސްލަޙަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ފާޅުކުރެވޭ ޚިޔާލުތަކަކީ، ޤާނޫނުއަސާސީ އިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ރޫޙާ ޚިލާފު އަމަލުތަކެއްކަން ފާހަގަކޮށްފައެވެ.

މިފަދަ ޢަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ގޮވާލައި ކުރެވޭ ޚިޔާލުފާޅުކުރުންތަކަކީ، އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި މިފަދަ ޢަމަލުތައް ކުށްވެރިކޮށް، ސިޔާސީ ޕާޓީތަކުންނާއި ޕާޓީތަކުގެ އިސްފަރާތްތަކުން މިފަދަ ޢަމަލުތައް ނުކުރުމަށާއި، ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާ ތަކުން މިކަންކަމަށް އަޅުއްވަންޖެހޭ ހަރުދަނާ ފިޔަވަޅުތައް ޤާނޫނީ އިމުގެ ތެރެއިން އެޅުއްވުމަށް ކޮމިޝަނުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ބޭނުން ހިފުމުގައި، އެހެން މީހުންގެ އިންސާނީ ކަރާމަތަށާއި ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުން އިސްކޮށް، ހަމަނުޖެހުން ހިންގުމަށާއި، އަނިޔާވެރި ޢަމަލުތައް ކުރުމަށް ހިތްވަރުލިބޭފަދަ އެއްވެސް އަމަލެއް ނުކުރުމަށް ކޮމިޝަނުން އިލްތިމާސް ކުރެއެވެ. ހަމަމިއާއެކު، ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޚިޔާލާއި ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާފަދަ އަދި ނަފްރަތު އުފެދޭފަދަ އެއްވެސް ޢަމަލެއް ނުކުރުމަށާއި، ސިޔާސީ ޕާޓީތަކުން އިންތިޒާމްކުރާ ހަރަކާތްތަކުގައި އާންމު މަސްލަހަތު އިސްކޮށް، މިފަދަ ކަންކަން ނުހިނގާނެގޮތަށް ސިޔާސީ ހަރަކާތްތައް ރޭއްވުމަށް އިސްކަންދެއްވުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ގޮވާލާފައިވެއެވެ.

އަދި ހަމަޖެހިފައިވާ ގަވާއިދުތަކުގެ އަލީގައި ކުރިޔަށް ގެންދެވޭ ސިޔާސީ ޙަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ދައުލަތުގެ ސަލާމަތީ ބާރުތަކުން ވެސް ސިޔާސީ ޕާޓީތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް އެ ކޮމިޝަނުން ގޮވާލިއެވެ.

ބަޔާނުގައި އެ ކޮމިޝަނުން ވަނީ، ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދަވާ ހަރަކާތްތައް ސުލްހަވެރިކަމާއެކު، ކަނޑައެޅިފައިވާ ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހުރިހާ ޕާޓީތަކަށް އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިޔާސީ އެއްވުންތަކުގައި އިޖުތިމާޢީ މިންގަނޑާ ޚިލާފު ވާހަކަދައްކަމުންދާތީ އެޗްއާރްސީއެމްގެ ކަންބޮޑުވުންޚަބަރު | 2 ގަޑިއިރު ކުރިންއިންތިހާބު އޮބްޒާވް ކުރުމަށް އެޗްއާރްސީއެމް އިން ހަރަކާތްތެރިވާނެޚަބަރު | 17 ދުވަސް ކުރިންއަހްމަދު ސަލީމް ލިޔުއްވި ''އެޗް.އާރު.ސީ.އެމް. ގެ ހަނދާންތައް'' ފޮތް ރައީސް އަށް ހަދިޔާކޮށްފިޚަބަރު | 3 މަސް ކުރިންއެޗްއާރްސީއެމްގެ ރައީސަކަށް ކުރީގެ މިނިސްޓަރ ޑރ. ރަމީލާ ޢައްޔަންކުރައްވައިފިޚަބަރު | 3 މަސް ކުރިން